Advertisement

ތެޔޮ ދޯނިތަކުގައި އަލިފާން ރޯވި ސަބަބެއް ނޭނގޭ، ގެއްލުން މިލިއަން ރުފިޔާ އަށް

29 ނޮވެންބަރު 2022 - 19:13 1

ވިލުފުށީގައި ބަނދަރުގައި އޮތް ދެ ތެޔޮ ދޯނީގައި އަލިފާން ރޯވި ހާދިސާގައި، އެއް ދޯނި އަޑިއަށް ގޮސްފައި. -- ފޮޓޯ: އިނާޒު


ތެޔޮ ދޯނިތަކުގައި އަލިފާން ރޯވި ސަބަބެއް ނޭނގޭ، ގެއްލުން މިލިއަން ރުފިޔާ އަށް

29 ނޮވެންބަރު 2022 - 19:13 1

ތ. ވިލުފުއްޓަށް އިއްޔެ އިރުއޮއްސި އަނދިރިވި ވަގުތަކީ އެ ރަށު ނިރޮޅުމާގޭ މަހުމޫދު މުހައްމަދު، 60، ގެ ހަޔާތަށް އަނދިރިކަން ގެނުވި، ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގި ވަގުތެވެ.

އޭނާގެ ދެ ތެޔޮ ދޯނި ވަނީ އަނދައި ހުލުވެފަ އެވެ.

ލަކުޑިން ހަދާފައިވާ ދެ ދޯނީގައި ތެޔޮ އުފުލަން ދަގަނޑު ޓޭންކު ބަހައްޓާފައި ހުރެ އެވެ. އޭގެން އެއް ދޯނި، ޑީސަލް ސްޓޯރޭޖެއްގެ ގޮތުގައި ތެޔޮ ބަރުކޮށްފައި ބާއްވާފައި އޮންނަނީ ބަނދަރުގަ އެވެ. އަނެއް ދޯނި މާލެއިން ޕެޓްރޯލާއި ޑީސަލް ހިފައިގެން އެންމެ ފަހުން ދިޔައީ މީގެ ހަތަރު ވަރަކަށް ދުވަސްކުރިންނެވެ.

އަލިފާނުގައި އެނދި އެއް ދޯނި: މި ހާދިސާގެ ގެއްލުން މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ބުނޭ.-- ފޮޓޯ: އިނާޒު


އަލިފާން ރޯވީ ކީއްވެގެން ކަމެއް ހަމަ އެއްގޮތަކަށް ވެސް ނޭނގޭ. ދެ ދޯނި ގާތްގަނޑަކަށް ވަނީ އެއްކޮށް އަނދައިފަ. ގެއްލުން ގާތްގަނޑަކަށް މިލިއަނަކަށް އަރާނެ،" މަހުމޫދުގެ ވިޔަފާރީގައި އޭނާއާ ވަރަށް ގާތްކޮށް އުޅޭ ވިލުފުށީ މީހާ ބުންޏެވެ.

އަލިފާން ރޯވީ ރޭ އިރުއޮއްސި 6:15 ހާއިރު އެވެ. އެއީ މަޣުރިބް ނަމާދު ވަގުތަށް ވުމާއެކު ބަނދަރު މަތީގައި މީހަކު ނެތެވެ. ދޯނީގައި އުޅޭ ބިދޭސީ މީހާ ވެސް ހުރީ ކަމެއްގައި އެއްގަމުގަ އެވެ.

މަހުމޫދުގެ ދެ ތެޔޮ ދޯނި އަނދަމުން ދަނީ. -- ފޮޓޯ: އިނާޒު


އަލިފާން ރޯވިއިރު، ޑީސަލް ބަރުކޮށްފައި އޮތް ދޯނީގައި ގާތްގަނޑަކަށް 4000 ލީޓަރުގެ ތެޔޮ ހުންނާނެ ކަމަށް، "އަދަދު" ނޫހާ ވާހަކަ ދެއްކި މީހާ ބުންޏެވެ.

އަލިފާނުގެ އެ ހާދިސާއާ ގުޅޭ ގޮތުން ވިލުފުށީ ކައުންސިލްގެ ރައީސް ހުސައިން ޖަބީނު އިއްޔެ ވިދާޅުވީ "ބަނދަރު މައްޗަށް ނުކުތްއިރު އޭގެ ތެރެއިން އެއްޗެހި ގޮވާ ގޮވަމުންދާ އަޑުވެސް އިވޭ،" ކަމަށެވެ.

އެ ހާދިސާގައި މީހަކަށް އަނިޔާއެއް ނުލިބެ އެވެ.

އަލިފާނުގައި އެނދި އެއް ދޯނި ވަނީ ވިލުފުށީ ބަނދަރަށް އަޑިއަށް ގޮސްފަ އެވެ. އަނެއް ދޯނީ އަޑިޔަށް ނުދިޔަސް، ބޮޑުބައެއް ވަނީ ހުލިވެފަ އެވެ. ހިނދުކޮޅެއްގެ ތެރޭގައި މަހުމޫދަށް އެ ބޮޑު ގެއްލުމެއް ލިބުނުއިރު، ދެ ދޯނި ވެސް އޮތީ އިންޝުއަރެންސް ނުކޮށެވެ.

"އަޑިޔަސް ނުގޮސް އޮތް ދޯނި ވެސް ބޭނުން ކުރެވޭނީ ވަރަށް ބޮޑު މަރާމާތަކަށް ފަހު. އެވަރަށް އަނގާފައި ވަނީ،" އަދަދު ނޫހާ ވާހަކަ ދެއްކި މީހާ ބުންޏެވެ.

ތެލުގެ ވިޔަފާރި ކުރާތާ ވިއްސަކަށް އަހަރު ވެފައިވާ މަހުމޫދު ވިލުފުށީގައި ޕެޓްރޯލް ޝެޑެއް ވެސް ހިންގަ އެވެ. ދެ ދޯނި އަނދައިގެން ދިޔުމުގެ ސަބަބުން ފުން ހިތާމައެއްގައި ހުރި މަހުމޫދަށް ކުރިމަތި ވެފައި އެވަނީ އަރައިގަތުމަށް ދަތި ބޮޑު ގެއްލުމެކެވެ.