Advertisement

އިރާނާއި އެމެރިކާ މެޗަކީ ސިޔާސީ ކަމެއް ނޫން

29 ނޮވެންބަރު 2022 - 10:04 0


އިރާނާއި އެމެރިކާ މެޗަކީ ސިޔާސީ ކަމެއް ނޫން

29 ނޮވެންބަރު 2022 - 10:04 0

ދޯހާ، ގަތަރު (ނޮވެމްބަރު 29) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ އިރާނާއި އެމެރިކާ ބައްދަލުކުރާ މެޗަކީ ފުޓްބޯޅައިން ބޭރުގެ ސިޔާސީ ކަންކަމުގެ މީހުންގެ އެ ވިސްނުމަށް ބަލާއިރު ވެސް ޝައުގުވެރިވާނެ މެޗަކަށް ވުން އެކަށީގެންވާ ކަމަށާއި އެކަމަކު، މި މެޗުގެ ފޯކަސް އެމެރިކާ ޓީމުން ގެންގުޅޭނީ ފުޓްބޯޅަ އަށް ހުސްވެގެން ކަމަށް އެ ޓީމުގެ ކޯޗު ގްރެގް ބާހޯލްޓާ ބުނެފި އެވެ.

އެމެރިކާގެ ފުޓްބޯޅަ ފެޑަރޭޝަނުން ސޯޝަލް މީޑިއާ ކުރި ޕޯސްޓްތަކުގައި، އީރާންގެ ދިދައިން ﷲގެ ކަލިމަފުޅު އުނިކޮށްފައިވާތީ އީރާނުން ވަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް، އެމެރިކާ މުބާރާތުން ވަކިކުރަން ވެސް ގޮވާލައިފަ އެވެ.

އިރާނާއި އެމެރިކާ އަކީ ސިޔާސީ ގޮތުން ވަރަށް ބޮޑެތި ހިޔާލުތަފާތުވުންތަކެއް އޮތް ދެ ގައުމަށް ވާތީ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ މި ދެ ޓީމުގެ މެޗު "ސިޔާސީ" ނަޒަރަކުން ބަލާ މީހުން ވެސް ގިނަ އެވެ.

މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެެމެރިކާގެ ކޯޗު ބާހޯލްޓާ ބުނީ ބައެއް ކަންކަމަކީ ޓީމު އަތުގައި ކޮންޓްރޯލް ނެތް ކަންކަން ކަމަށާއި، އިރާންގެ ދިދަ މައްސަލައިގައި އެ ހިނގި ކަންތައްތަކާ މެދު މާފަށް އެދޭ ކަމަށެވެ.

"އަހަރެމެންނަށް މިއީ ސިޔާސީ ކަމެއް ނޫން. އަހަރެމެންނަށް މިއީ ހަމައެކަނި ފުޓްބޯޅަ މެޗެއް،" ބާހޯލްޓާ ބުންޏެވެ. "އަހަރެމެންނަށް އަނެއް ބުރުގެ ފުރުސަތު އޮތީ މި މެޗުން މޮޅުވެގެން، އަހަރެމެންގެ ފޯކަސް ހުރީ އެ ގޮތަށް،"

ބާހޯލްޓާ ބުނީ މި މެޗުން މޮޅުވެގެން އެމެރިކާ އަށް ދެ ވަނަ ބުރުގެ ޖާގަ ލިބެން އޮތްއިރު، މިއީ ނޮކައުޓް ބުރުގެ ކުރިން އެ ޓީމަށް ކުޅެލަން ލިބޭ "ނޮކައުޓް" މެޗެއް ކަމަށެވެ. އަދި އެމެރިކާ އިން މި ފަހަރުގެ މުބާރާތުގައި ބަލިނުވެ، ކަޓައިގެން ދިއުމުގެ ފުރުސަތު ވެސް އޮތްއިރު، އެއީ ރަނގަޅު ރެކޯޑެއް ގޮތަށް ވިސްނައިގެން ނުތިބޭނެ ކަމަށް ބާހޯލްޓާ ވަނީ ބުނެފަ އެވެ.

އެމެރިކާ އާއި އިރާން ވަނީ 1998 ވަނަ އަހަރު ފްރާންސްގައި ބޭއްވި ވޯލްޑް ކަޕްގައި ކުޅެފަ އެވެ. އެ ފަހަރު އިރާނުން ވަނީ 2-1 އިން އެމެރިކާ ބަލިކޮށްފަ އެވެ. އެ މެޗު ހާއްސަވީ އިރާންގެ ކުޅުންތެރިން އެމެރިކާ ޓީމަށް މާތަކެއް ދީ ހަމަޖެހުމަށް (ޕީސް އަށް) ލޯބިކުރާ ކަމުގެ މެސެޖެއް ދިނުމުންނެެވެ. އެއީ ޒަމާނުއްސުރެ އިރާނާއި އެމެރިކާއާ ދެމެދު ހިނގާ ހަމަނުޖެހުންތަކަށް ފުޓްބޯޅައިގެ ތެރެއިން މެސެޖެއް ދޭން އިރާނުން ކުރި ކަމެކެވެ.

އިރާންގެ ކޯޗު ކާލޮސް ކުއެރޯޒް ބުނީ އިރާނުގައި ފުޓްބޯޅައިން ބޭރުން ހުރި ކަންތައްތައް އޮޅުންފިލާވަރަށް އޭނާ ޓީމާ އެކު ދުވަސްވެފައިވާ ކަމަށެވެ.

އެކަމަކު، މިހާތަނަށް އިރާން ގައުމީ ޓީމު ގޮވައިގެން ފުޓްބޯޅައިގެ މަސައްކަތް ކުރިއިރު، ވިސްނާފައިވަނީ ފުޓްބޯޅައިގެ ކަންކަމަށް އެކަނި ކަމަށް ވެސް ކުއެރޯޒް ވަނީ ބުނެފަ އެވެ.

"ވަރަށް ބައިވަރު ކަންކަން އެބަހުރި. ވަރަށް ބައިވަރު ވާހަަކަ ވެސް ދެއްކިދާނެެ. އެކަމަކު، ފުޓްބޯޅައިން ބޭރުގެ ކަންކަމަށް އަހަރެން ނުވިސްނަން. އަހަރެން ބޭނުންވަނީ މި މެޗުން ރަނގަޅު ނަތީޖާއެއް،" ކުއެރޯޒް ބުންޏެވެ.

ކޮންމެ ޓީމެއް ދެ މެޗު ކުޅެފައިވާއިރު، ގްރޫޕް ބީގެ އެއް ވަނައިގައި އޮތީ ހަތަރު ޕޮއިންޓާ އެކު އިންގްލެންޑް އެވެ. ދެ ވަނައިގައި އޮތް އިރާން ވަނީ ތިން ޕޮއިންޓް ހޯދައިފަ އެވެ. ތިން ވަނައިގައި އޮތް އެމެރިކާ އަށް ވަނީ ދެ ޕޮއިންޓް ލިބިފަ އެވެ. އަދި ގްރޫޕްގެ ފުލުގައި އޮތް ވޭލްސް އަށް ވަނީ ޕޮއިންޓެއް ލިބިފަ އެވެ.

މިރޭ އިރާނާއި އެމެރިކާ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަނޑިން 12 ޖަހާއިރު އެވެ. އަދި މިރޭ ހަމަ އެ ވަގުތު މި ގްރޫޕްގައި ވޭލްސް އާއި އިންގްލެންޑް ކުޅޭ މެޗު ވެސް އޮންނާނެ އެވެ.