Advertisement

ވޯޓު މެދު ތެރެއިން އެނގުމެއްނެތި ރިޔާސަތު ބަދަލުވުމުން މެންބަރުންގެ ނުރުހުން

28 ނޮވެންބަރު 2022 - 14:28 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު؛ މިއަދުގެ ވޯޓު ތެރެއިން ރިޔާސަތު ވަނީ މެންބަރު އަފީފް އާ ހަވާލުކޮށްފައި-- ފޮޓޯ: މަޖިލިސް


ވޯޓު މެދު ތެރެއިން އެނގުމެއްނެތި ރިޔާސަތު ބަދަލުވުމުން މެންބަރުންގެ ނުރުހުން

28 ނޮވެންބަރު 2022 - 14:28 0

ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ ފަހު ޖަލްސާގެ ވޯޓު ވަގުތުގައި، މެންބަރުންނަށް އެނގުމެއް ނެތި ރިޔާސަތު ބަދަލުކުރުމުން މެންބަރުން ނުރުހުން ފާޅުކޮށްފި އެވެ.

މަޖިލީހުގެ ހެނދުނު ދަންފަޅީގައި ރިޔާސަތުގައި އިންނެވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އެހެންނަމަވެސް ސައިގަޑިއަށް ފަހު ނަޝީދު ވަޑައިނުގަންނަވާތީ ރިޔާސަތުގައި އިންނެވީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް އެވެ.

މެންދުރުގެ ހުސްވަގުތަށް ފަހު، އެކެއް ޖެހިއިރު ޖަލްސާ އަލުން ފެށުނުއިރު ރިޔާސަތަށް ނަޝީދު ވަޑައިގެންނެވި އެވެ.

ރިޔާސަތުގައި އިންނަވައިގެން ނަޝީދު ވަނީ ބަޖެޓާއި ސަޕްލިމެންޓު ބަޖެޓުގެ އިތުރުން އެހެނިހެން އިސްލާހުތަކަށް ވެސް ވޯޓަށް އަހާފަ އެވެ.

އެހެންނަމަވެސް ބަޖެޓު ފާސްކުރުމަށް ފަހު ވޯޓަށް އެހި ކެމިކަލް ހަތިޔާރު މަނާކުރުމުގެ ބިލުގެ ވޯޓު ވަގުތުގައި ރިޔާސަތުގައި އިންނެވި މެންބަރު ވަނީ ބަދަލުކުރައްވައިފަ އެވެ.

މެންބަރުންނަށް "އެންގުމެއް ނެތި" ރިޔާސަތަށް އަފީފް އަލުން ވަޑައިގަތުމުން މެންބަރުން އެވަގުތު ވެސް ނުރުހުން ފާޅުކުރެއްވި އެވެ. އަދި ނިޒާމީ މައްސަލަ ނަގަން މަސައްކަތް ކުރެއްވި އެވެ. އެހެންނަމަވެސް ގަވައިދުގައިވާ ގޮތުގެ މަތީން ވޯޓުގެ ވަގުތު ކަމުން އެ ފުރުސަތު ނުދެއްވަ އެވެ.

ވޯޓަށް ފަހު ވެސް މެންބަރުން ވަނީ އެ ހިތްހަމަނުޖެހުން ފާޅުކުރައްވައި، އަޑު ގަދަ ކުރައްވާފަ އެވެ. އަދި މަޖިލިސް ހިންގަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ނިޒާމީ ނުކުތާ ނަންގަވަން މަސައްކަތް ކުރެއްވުމުން އަފީފް ވިދާޅުވީ "ނިޒާމު ގެއްލޭ ކަމެއް ނުހިނގާ" ކަމަށެވެ.

"ނިޒާމާ ބެހޭ މައްސަލައެއް ނަންގަވާނީ ނިޒާމާ ބެހޭ ކަމެއްގައި،" އަފީފް ވިދާޅުވި އެވެ.

އޭގެ ފަހުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު ނެންގެވި ނިޒާމީ ނުކުތާގައި ވިދާޅުވީ މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާގެ ބ. އާ ހިލާފުވެފައިވާ ކަމަށެވެ.

އެ މާއްދާގައި ވަނީ އެއްވެސް ސަބަބެއް މެދުވެރިވެގެން ރިޔާސަތު ބަދަލުވާނަމަ، އެ ވަގުތު ރިޔާސަތުގައި އިންނަވާ ފަރާތަކުން އުޒުރުވެރިވާ ސަބަބު ބަޔާންކޮށް އިއުލާނު ކުރަން ޖެހޭނެ ކަމަށް ބުނެފަ އެވެ.

އެހެންނަމަވެސް އެކަމަށް ރައްދު ދެއްވަމުން އަފީފް ވިދާޅުވީ އެއީ މިއަދު އެކަނި ހިނގާ ކަމެއް ނޫން ކަމަށެވެ.

"ތި ކަންތައްތައް މިހާ ދުވަސްވަންދެން ހިނގައިދިޔައިރުގައި މިއަދު އެކަނިތޯ ފާހަގަވީ؟" މެންބަރުންގެ ވާހަކަތަކަށް ރައްދު ދެއްވަމުން އަފީފް ސުވާލު ކުރެއްވި އެވެ.

މަޖިލީހުގެ ޖަލްސާ ނިންމާލިއިރު ވެސް ބައެއް މެންބަރުން ގެންދެވީ ގޮނޑިކޮޅުން ތެދުވެ އަޑުގަދަ ކުރައްވަމުންނެވެ.