Advertisement

ވަކިކުރާ ފަނޑިޔާރުންނަށް ވަކީލުކަން ނުކުރެވޭ ބިލު އަނބުރާ ކޮމިޓީއަށް

28 ނޮވެންބަރު 2022 - 14:12 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ގާނޫނީ ވަކީލުކަމުގެ ހުވާކުރުމުގެ ރަސްމިއްޔާތެއް ތެރެއިން؛ ވަކިކުރާ ފަނޑިޔާރުން ހަ މަހަށް ވަކާލާތު ނުކުރެވޭ ގޮތަށް ފާސްކޮށްފި


ވަކިކުރާ ފަނޑިޔާރުންނަށް ވަކީލުކަން ނުކުރެވޭ ބިލު އަނބުރާ ކޮމިޓީއަށް

28 ނޮވެންބަރު 2022 - 14:12 0

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުލޫކީ މައްސަލައެއް ބެލުމަށް ފަހު ރައްޔިތުންގެ މަޖިލީހަށް ވަކިކުރަން ފޮނުވާ ފަނޑިޔާރުންގެ ވަކީލުކަމުގެ ހުއްދަ އޮޓެމެޓިކުން ބާތިލްވާ ގޮތަށް ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެންނަ ބިލު އިތުރަށް ފުރިހަމަ ކުރުމަށް އަނބުރާ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާލައިފި އެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހުސައިން ހުށަހެޅުއްވި ބިލުގައި ފުރަތަމަ އޮތް ގޮތުން ފަނޑިޔާރެއްގެ ވަކީލުކަމުގެ ހުއްދަ ބާތިލް ވުމަށް ފަހު، ދެން އެ މީހަކަށް އެ ހުއްދަ އަލުން ހޯދަން ހުށަހެޅޭނީ، ހުއްދަ ބާތިލް ކުރާތާ ފަސް އަހަރު ފަހުންނެވެ.

އެ ބިލު ދިރާސާކުރި ޖުޑިޝަރީ ކޮމިޓީއަށް ޚިޔާލުތައް ހުށަހެޅި މުއައްސަސާތަކާއި، ފަނޑިޔާރުންގެ ޖަމިއްޔާއާއި، ބާ ކައުންސިލްގެ ގިނަ ކަންބޮޑުވުންތަކެއް ހުއްޓެވެ. އެންމެ ބޮޑު ކަންބޮޑުވުމަކަށް އޮތީ ވެސް ވަކީލު ކަމުގެ ހުއްދަ އޮޓެމެޓިކުން ބާތިލްވެފައި އޮންނާނެ ކަމަށް ބިލުގައި އެ އޮންނަ މުއްދަތަށެވެ.

ކޮމިޓީން އެ ހިޔާލުތަކަށް ރިއާޔަތްކުރުމަށް ފަހު، ބިލަށް ގެނައި ބަދަލުގައި އޮންނަނީ ފަނޑިޔާރުންގެ ސުލޫކާ ހިލާފުވެގެން ވަކިކުރާ ނުވަތަ އެ ގޮތަށް ޖޭއެސްސީން ނިންމާ ފަނޑިޔާރުންގެ ވަކީލު ކަމުގެ ހުއްދަ ބާތިލްވާނީ އެ ތާރީހަކުން ފެށިގެން ހަ މަސް ދުވަހުގެ މުއްދަތަށެވެ.

ޖުޑިޝަރީ ކޮމިޓީން ބިލަށް ގިނަ އިސްލާހުތަކެއް ގެނެސް ތަޅުމަށް ހުށަހެޅި ކޮމިޓީގެ ފާސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ ދެ މެންބަރުންނެވެ. ރިޕޯޓް ފާސްކުރަން ނުފެންނަ ކަމަށް 49 މެންބަރަކު ވޯޓު ދެއްވި އެވެ.

ބިލު އިތުރަށް ފުރިހަމަ ކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް އަނބުރާ ފޮނުވާލުމަށް ވޯޓު ދެއްވީ ވެސް 49 މެންބަރުންނެވެ. ކޮމިޓީއަށް ފޮނުވަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

އަނބުރާ ކޮމިޓީއަށް ފޮނުވާލުމަށާއި، ޖުޑިޝަރީ ކޮމިޓީގެ ރިޕޯޓް ފާސްނުކުރުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ވިޕްލައިނެއް ވެސް ނެރެފައިވެ އެވެ.

ހަ މަސް ދުވަހުގެ މުއްދަތު ހަމަވުމުން ވަކީލު ކަމުގެ ހުއްދަ ހިފެހެއްޓިފައި އޮތް އޮތުން ބަދަލުކުރަން ބޭނުންވާ ވަކީލުންނަށް އެ ގޮތަށް އެދި ބާ ކައުންސިލަށް އެދި ހުށަހަޅާއިރު ފަނޑިޔާރުކަމުން ވަކިކުރި މައްސަލައިގެ ތަފުސީލުތައް ބާ ކައުންސިލަށް ހުށަހަޅަން ޖެހޭ ގޮތަށް ވެސް ކޮމިޓީން ބިލުގައި ހިމަނާފައިވެ އެވެ.

ފަނޑިޔާރުކަމުން ވަކިކުރި މައްސަލައިގެ ކުޑަބޮޑު މިނަށް ބެލުމަށް ފަހު އަލުން ވަކީލުކަމުގެ ހުއްދަ ދިނުމާއި، ނުވަތަ އެ މައްސަލައާ ގުޅިގެން އިތުރު ފިޔަވަޅު އެޅުމުގެ އިޚްތިޔާރު އޮތީ ބާ ކައުންސިލަށް ދޫކޮށްލާ ގޮތަށް ކޮމިޓީން ބިލުގައި ހިމަނާފައިވެ އެވެ.