Advertisement

ފަަހަތުން އަރައި ކެނަޑާ ބަލިކޮށް ކްރޮއޭޝިއާ އިން ފެންވަރު ދައްކާލައިފި

27 ނޮވެންބަރު 2022 - 23:47 0


ފަަހަތުން އަރައި ކެނަޑާ ބަލިކޮށް ކްރޮއޭޝިއާ އިން ފެންވަރު ދައްކާލައިފި

27 ނޮވެންބަރު 2022 - 23:47 0

ދޯހާ، ގަތަރު (ނޮވެމްބަރު 27) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ފަހަތުން އަރައި 4-1 އިން ކެނަޑާ ބަލިކޮށް ކްރޮއޭޝިއާ އިން އެ ޓީމުގެ ފެންވަރު ދައްކާލައިފި އެވެ.

އެންމެ ފަހުން 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ރަނަރަޕް ކްރޮއޭޝިއާ އިން މި ފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން މޮރޮކޯއާ ލަނޑެއް ނުޖެހި އެއްވަރުވި އެވެ. އެކަމަކު، ކެނަޑާ އިން މިރޭ ފުރަތަމަ ލަނޑު ޖެހި ނަމަވެސް ކްރޮއޭޝިއާ އިން ވަނީ ކޮންމެ ހާފަކު ދެ ގޯލު ޖަހައި، މި ފަހަރުގެ މުބާރާތުގައި ފުރަތަމަ މޮޅު ހޯދައިފަ އެވެ.

ހަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ 68 ވަނަ ސިކުންތުގައި ކެނަޑާއިން ވަނީ ލީޑުނަގައިފަ އެވެ. މި ލަނޑު ޖެހީ އޭރިއާތެރެއަށް ހުރަސްވި ބޯޅައަކުން އަލްފަންސޯ ޑޭވިސް ބޮލުންނެވެ. މިއީ ކެނަޑާ އިން ވޯލްޑް ކަޕް ތާރީހުގައި ކުޅުނު ފަސް މެޗުގެ ތެރެއިން ޖެހި ހަމައެކަނި ގޯލެވެ. ފުރަތަމަ މެޗުގައި ބެލްޖިއަމް ކޮޅަށް އަލްފަންސޯ ޑޭވިސް އަތުން ޕެނަލްޓީއެއް ނާކާމިޔާބުވި ނަމަވެސް މި މެޗު ފެށީ އިތުބާރާ އެކު އެވެ.

ކްރޮއޭޝިއާ އިން ވަނީ ފުރަތަމަ ހާފުގެ ފަހުކޮޅުގައި ދެ ގޯލު ޖަހައި، ނަތީޖާ އަނބުރާލައިފަ އެވެ. ކްރޮއޭޝިއާ އަށް އެއްވަރުކޮށްދިން ގޯލު ޖެހީ އަންދްރޭ ކްރަމަރިޗް އެވެ. އޭނާ ފުރަތަމަ ޖެހި ގޯލު އޮފްސައިޑް ކަމަށް ނިންމި ނަމަވެސް 36 ވަނަ މިނިޓްގައި އޭރިއާތެރެއިން ޖެހި ގޯލު ވަނީ ބަލައިގެންފަ އެވެ. އޭނާ ބޯޅަ އަމާޒުކޮށްލީ ގޯލުގެ ދުރު ކަނަށެވެ. އަދި ފުރަތަަމަ ހާފުގެ ފަހު މިނިޓްގައި ކްރޮއޭޝިއާ އަށް ލީޑުނަގައިދިން ލަނޑު ޖެހީ އޭރިއާ ރޮނގުމަތިން ފޮނުވާލި ބޯޅައަކުން މާކޯ ލިވާޔާ އެވެ.

ދެ ވަނަ ހާފުގައި ކްރޮއޭޝިއާ އިން ވަނީ އިތުރު ދެ ގޯލު ޖަހައިފަ އެވެ. ކްރޮއޭޝިއާގެ ތިން ވަނަ ގޯލު ޖެހީ ވެސް މެޗުގައި ތަފާތު ދެއްކި ކްރަމަރިޗް އެވެ. މެޗުގެ 70 ވަނަ މިނިޓްގައި އޭރިއާތެރެއިން ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ކްރަމަރިޗް ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ ވައްދާލައިފަ އެވެ. ކްރޮއޭޝިއާގެ ފަހު ގޯލަކީ ކެނަޑާގެ ޑިފެންސް ފަހަތުން ހެދި ބޮޑު ގޯހެއްގެ ފައިދާނަގައި އިތުރު ވަގުތުގައި ލޮވްރޯ މާޔާ ޖެހި ގޯލެކެވެ. ބަދަލަކަށް އެރި މާޔާ މި ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ މިސްލާވް އޯރްސިޗް އެވެ.

ގްރޫޕް އެފްގެ މިއަދުގެ މެޗުތަކަށް ފަހު ކްރޮއޭޝިއާ އެއް ވަނައިގައި އޮތީ ދެ ވަނައިގައި އޮތް މޮރޮކޯއާ އެއްވަރަށް ދެ މެޗުން ހަތަރު ޕޮއިންޓް ހޯދައިގެންނެވެ. ލަނޑުގެ ތަފާތުން ކްރޮއޭޝިއާ އޮތީ ކުރީގަ އެވެ. ތިން ވަނައިގައި އޮތް ބެލްޖިއަމަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ފުލުގައި އޮތް ކެނަޑާ އަށް ދެ މެޗުން ޕޮއިންޓެއް ނުލިބެ އެވެ. ކެނަޑާ ވަނީ 36 އަހަރަށް ފަހު ވޯލްޑް ކަޕަށް އެނބުރި އައިއިރު، ދެ މެޗަށް ފަހު ގްރޫޕް ސްޓޭޖުން ކަޓައިފަ އެވެ.