Advertisement

ހުލާސާކޮށް އިއްޔެ: ބިލިއަނެއްގައި ހުރި ސަވަރިން ފަންޑު 98 މިލިއަނަށް

28 ނޮވެންބަރު 2022 - 06:27 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ހުލާސާކޮށް އިއްޔެ: ބިލިއަނެއްގައި ހުރި ސަވަރިން ފަންޑު 98 މިލިއަނަށް

28 ނޮވެންބަރު 2022 - 06:27 0

މި އަހަރު ފެށުނުއިރު، ސަވަރިން ޑިވަލޮޕްމަންޓު ފަންޑު (އެސްޑީއެފް) ގައި ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ބޭނުންކުރެވޭ ގޮތަށް ހުރި ނަމަވެސް، އެ އަދަދު 98 މިލިއަން ރުފިޔާއަށް ދަށްވެފައިވާ ކަމަށް ދައުލަތުގެ މާލީ ހިސާބުތަކުން ދައްކާފައިވާކަން ރިޕޯޓުކުރީ އިއްޔެ އެވެ.

ހަފުތާ އަކު އެއް ފަހަރު ފިނޭންސް މިނިސްޓްރީން އާންމުކުރަމުންދާ ދައުލަތުގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި، މިމަހުގެ 17 ވަނަ ދުވަހާ ހަމައަށް އެ ފަންޑުގައި ބޭނުންކުރެވޭ ގޮތަށް ހުރީ 98.7 ބިލިއަން ރުފިޔާ އެވެ.

މިއީ ދައުލަތުގެ މާލިއްޔަތަށް ތާށިވާ ދަނޑިވަޅުތަކުގައި، ބޭރުން ނަގާފައިވާ ބޮޑެތި ލޯނުތައް އަދާކުރެވޭ ގޮތަށް މި ފަންޑު 2017 ވަނަ އަހަރު އުފެއްދި ފަހުން އެސްޑީއެފް މިހާ ބޮޑަށް ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.

ފަންޑަށް ޖަމާކުރަނީ ޓޫރިސްޓުންގެ އަތުން ނަގާ އެއާޕޯޓު ޑިވެލޮޕްމަންޓް ފީ އެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ރެކޯޑުތަކުން ދައްކާ ގޮތުގައި މި ފަންޑަށް އެންމެ ގިނައިން ފައިސާ ޖަމާކުރީ 2018 އަދި 2019 ވަނަ އަހަރު އެވެ. އެ ދެ އަހަރުގެ ތެރޭގައި އެކަނި އެ ފަންޑަށް 2.7 ބިލިއަން ރުފިޔާ ޖަމާކުރި އެވެ.

ފިނޭންސުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ސޮވަރިން ފަންޑުގެ ޖުމްލަ ސައިޒަކީ 5.1 ބިލިއަން ރުފިޔާ އެވެ.

އެސްޑީއެފްގައި ހުރި ފައިސާގެ އަދަދު މިހާބޮޑަށް ދަށަށް ދިޔައީ އެސްޑީއެފްގައި ހުންނަ ފައިސާގެ ބޮޑު ބައެއް ދައުލަތުގެ ހަރަދު ދެކޮޅު ޖެއްސުމަށްޓަކައި އިންވެސްޓުކުރާތީ އެވެ.

މިގޮތުން، މި ފަންޑުގައި ހުރި ފައިސާގެ ތެރެއިން ބޮޑު ބަޔެއް ސަރުކާރުން ވަނީ ބޭރު ގައުމުތަކާއި ރާއްޖޭގައި ވެސް އިންވެސްޓުކޮށްފަ އެވެ. ކޮވިޑު ބަލިމަޑުކަމުގެ ދުވަސްވަރުގައި ޓީ-ބިލްތަކެއް ގަންނަން ބޭނުންކޮށްފައިވާކަން ވެސް ވަނީ ހާމަވެފަ އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގައި، 2026 ވަނަ އަހަރުގެ ނިޔަލަށް އެސްޑީއެފަށް 600 މިލިއަން ޑޮލަރު (9.2 ބިލިއަން ރުފިޔާ) ޖަމާކުރަން އަމާޒުހިފާފައިވާ ކަމަށް ސަރުކާރުން ބުނެ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ޖިނާއީ މައްސަލަތަކުގައި، ހެކިބަސް ދޭން ތިބި މީހުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ނުކުރެވޭ ހާލަތްތަކުގައި، ހެކިންނަށް ހިމާޔަތް ދިނުމުގެ އަމުރެއް ފަނޑިޔާރަށް ނެރެވޭ ގޮތަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި މާއްދާއެއް ހިމެނީ އިއްޔެ އެވެ.
  • އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓު ދިރާސާކޮށް ކޮމިޓީން އެކުލަވާލާފައިވާ ރިޕޯޓަށް ބައެއް އިސްލާހުތައް ހުށަހަޅަން ނިންމާފައިވާ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ބުނީ އިއްޔެ އެވެ.
  • ވިނަރެސް އިން ފުލެޓު ގަތުމަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ ވަގުތީ ލިސްޓު އާންމުކުރީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ހުޅުމާލޭގެ މަސްވެރިންގެ ޖެޓީން ވިއްކާ ތެލުގެ އަގު ހެޔޮކުރުމާ ގުޅޭގޮތުން އެެފްއެސްއެމްގެ އެމްޑީ އިއްޔެ އަދަދަށް ވިދާޅުވީ:

މިފްކޯއާ އެއް ރޭޓެއްގައި މަސްވެރިންނަށް ތެޔޮ ވިއްކޭނެ އިންތިޒާމު މި ހަމަޖައްސަނީ. މަސްވެރިކަމަށް ރެޖިސްޓްރީ ކޮށްފައި ހުރި ދޯނިތަކަށް އެ ރޭޓުގައި ލިބޭނެ،

ދުވަހުގެ ފޮޓޯ

ވޯލްޑް ކަޕްގައި މޮރޮކޯ އަދި ބެލްޖިއަމް ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބު ކުރުމަށްފަހު މޮރޮކޯގެ އަޝްރަފް ހާކިމީ އޭނާގެ މަންމައާ އެކު ދަނޑުގައި އުފާ ފާޅުކުރަނީ. މިއީ މޮރޮކޯގެ ތާރީހުގައި ވެސް ފުޓްބޯޅައިގައި ހޯދި އެންމެ ބޮޑު އެއް ކާމިޔާބީ ކަމަށްވާއިރު ހާކިމީ މޮޅު ކުޅުމެއް ދެއްކި --- ފޮޓޯ: އޭއެފްޕީ