Advertisement

ހުލާސާކޮށް އިއްޔެ: "ރައީސް ވިދާޅުވީއޭ ބުނެ މެންބަރުން އަރިހަށް ދާނެ މީހަކު ނުހުންނާނެ"

25 އޭޕްރީލް 2024 - 07:01 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ވެރިކަން ހިނގާ ޕީއެންސީން އިންތިހާބު ކާމިޔާބު ކުރުމާ ގުޅިގެން އުފާ ފާޅުކުރުމަށް ހޯމަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ. -- ފޮޓޯ: އިޔާދު/ އަދަދު


ހުލާސާކޮށް އިއްޔެ: "ރައީސް ވިދާޅުވީއޭ ބުނެ މެންބަރުން އަރިހަށް ދާނެ މީހަކު ނުހުންނާނެ"

25 އޭޕްރީލް 2024 - 07:01 0

އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީގެ ޓިކެޓުގައި ވާދަ ކުރައްވައި އިންތިހާބު ކާމިޔާބު ކުރެއްވި ފަރާތްތަކާއެކު އަންގާރަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު މުލިއާގޭގައި ބައްދަލު ކުރައްވައި، އެ މަނިކުފާނުގެ ފުރަތަމަ އިރުޝާދު ދެއްވި ވާހަކަ އިއްޔެ ރިޕޯޓުކުރި އެވެ.

ވިހިވަނަ މަޖިލީހުގައި މި ސަރުކާރުން ވަނީ ސުޕަ މެޖޯރިޓީ ހޯދައިފަ އެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުން ޕީއެންސީގެ 66 ކެންޑިޑޭޓުން ގޮނޑި ކާމިޔާބުކުރި އެވެ. އަދި އަމިއްލަ ގޮތުން ވާހަކަ ކުރައްވައި ގޮނޑި ހޯއްދެވި ހަތް މެންބަރަކު މިހާތަނަށް ވަނީ ޕީއެންސީއަށް ބަދަލުވެފަ އެވެ. އޭގެ ތެރެއިން ބައެއް މެންބަރުން އަމިއްލަ ގޮތުން ވާދަ ކުރެއްވި ނަމަވެސް، އެއީ ކުރިން ފެށިގެން ޕީއެންސީގެ މެންބަރުންނެވެ.

އޭގެ އިތުރުން ޖުމްހުރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި، އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުގެ އިތުރުން އެ ޕާޓީގެ ޓިކެޓުގައި ވެލިދޫ ދާއިރާއަށް އިންތިހާބުވި މުހައްމަދު އައްބާސް އާއެކު ސަރުކާރުގެ ސުޕަ މެޖޯރިޓީގެ މެންބަރުންގެ އަދަދު 77 އަށް އަރަ އެވެ.

އާ މަޖިލީހަށް ހޮވުނު ފަރާތްތަކާއެކު އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމުގައި އެ ވަގުތު މާލެގައި ތިއްބެވި ބޭފުޅުން ބައިވެރިވެވަޑައިގަތެެވެ. ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އެހެން އިސްވެރިން ވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

އިންތިހާބީ މެންބަރަކު "އަދަދު" ނޫހަށް ވިދާޅުވީ އެ ބައްދަލުވުމުގައި ރައީސް މުއިއްޒު ޖުމްލަ ގޮތެއްގައި ބާރު އެޅުއްވީ ޕީއެެންސީގެ ޕާލަމެންޓްރީ ގްރޫޕް ބަދަހިކޮށް ބޭއްވުމުގެ މައްޗަށެވެ. އެގޮތުން ދެއްވި އެންމެ މުހިއްމު އިރުޝާދަކީ އޭނާ ވިދާޅުވި ގޮތުގައި، މެންބަރުން ސީދާ އެމަނިކުފާނާ މުއާމަލާތް ކުރެއްވުމަށެވެ.

އެމަނިކުފާނުގެ ފަރާތުން މަޖިލިސް މެންބަރުންނަށް އެންގުންތައް އަންގާނެ ބަޔަކު ސަރުކާރުގައި ނުތިބޭނެ ކަމަށް ވިދާޅުވި އެވެ.

"ރައީސް ވިދާޅުވީ ކޮންމެ މެންބަރަކަށް ވެސް އެމަނިކުފާނާ ސީދާ ގޮތެއްގައި މަޝްވަރާ ކުރެވޭނެޔޭ، އެމަނިކުފާނާ ގުޅޭނޭ، މެސެޖް ވެސް ކުރެވޭނޭ، ރައީސް ވިދާޅުވީއޭ ބުނެ މެންބަރުން ގާތަށް ދާނެ ބަޔަކު ނުތިބޭނެ" މައުލޫމާތު ދެއްވި އިންތިހާބީ މެންބަރު ވިދާޅުވި އެވެ.

ނިމިދިޔަ ދެ ވެރިކަމުގައި ވެސް ސަރުކާރަށް ލިބުނު މަޖިލީހުގެ މެޖޯރިޓީ އެގޮތުގައި ނުހިފެހެއްޓި ދިޔަ އެއް ސަބަބަކީ ރައީސުންނާއި މެންބަރުންނާ ދެމެދު މުވާސަލާތު ކުރެވޭ މިންވަރު ކުޑަކަމުން ކަމަށް، މައުލޫމާތު އެނގޭ ބައެއް މީހުން ބުނެ އެވެ.

ނަމަވެސް ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ 77 މެންބަރުންނާ ވެސް އެކީގައި ގާތުން މަސައްކަތް ކުރެއްވުމަށް ކަމަށް އިއްޔެ ފާހަގަކުރެއްވި ކަމަށް "އަދަދު" އަށް މައުލޫމާތު ދެއްވި ޕީއެންސީގެ މެންބަރު ވިދާޅުވި އެވެ.

މުހިއްމު ބައެއް ހަބަރު