Advertisement

އަންނަ އަހަރަށް ލަފާކުރާ ބަޖެޓުން 6.8 ބިލިއަން ރުފިޔާ ކުޑަކުރަން އިދިކޮޅުގެ އިސްލާހެއް

27 ނޮވެންބަރު 2022 - 21:01 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ޕީޖީ ގުރޫޕުގެ ބައެއް މެންބަރުން؛ އިދިކޮޅުން ވަނީ ބަޖެޓު ކުޑަކުރަން އިސްލާހު ހުށަހަޅާނެ ކަމަށް ބުނެފައި--- ފޮޓޯ: މަޖިލިސް


އަންނަ އަހަރަށް ލަފާކުރާ ބަޖެޓުން 6.8 ބިލިއަން ރުފިޔާ ކުޑަކުރަން އިދިކޮޅުގެ އިސްލާހެއް

27 ނޮވެންބަރު 2022 - 21:01 0

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓު ދިރާސާކޮށް ކޮމިޓީން އެކުލަވާލާފައިވާ ރިޕޯޓަށް ބައެއް އިސްލާހުތައް ހުށަހަޅަން ނިންމާފައިވާ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ބުނެފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުރުގެ ފަހު އަހަރަށް ހުށަހެޅީ 42.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ސަރުކާރުން ހުށަހެޅި ބަޖެޓަށް ކޮމިޓީ މަރުހަލާގައި ވަނީ 160 މިލިއަން ރުފިޔާ އިތުރުކޮށްފަ އެވެ.

ބަޖެޓަށް މާދަމާ ވޯޓަށް އަހަން ތައްޔާރުވެފައިވާއިރު، އިދިކޮޅުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މި ބަޖެޓް 36 ބިލިއަން ރުފިޔާއަށް ކުޑަކުރުމަށް އިސްލާހެއް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.

އަދި، މަސްވެރިންނަށް ސީދާ މަންފާކުރާނެ ގޮތަށް 297،474،863ރ. މަސްވެރިންގެ ސަބްސިޑީއަށް އިތުރު ކުރުމަށް ވެސް އިސްލާހު ހުށަހަޅާނެ ކަމަށް ބުނެފައިވެ އެވެ.

ކޮމިޓީން ބަޖެޓު ފާސްކޮށްފައި އޮތް ގޮތުން އޭގެއިން ފައިދާއަށް ވުރެ ބޮޑަށް އިގްތިސޯދަށް ކުރާނީ ގެއްލުން ކަމަށް ވެސް އިދިކޮޅުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

"އެހެނީ ބަޖެޓުގެ އަސާސްތައް ބިނާކޮށްފައިވަނީ ދިވެހި ރައްޔިތުންގެ އަތުން ފައިސާ ހޯދައިގެން ސަރުކާރުގެ ސިޔާސީ ބޭނުންތަކަށް ހަރަދުކުރަން ކަމަށްވާތީއެވެ." އިދިކޮޅުން ބުނެފައިވެ އެވެ.

މަޖިލީހުގެ މާދަމާގެ ޖަލްސާގައި ބަޖެޓު ފާސްކުރުމަށް ވަނީ އެޖެންޑާ ކޮށްފަ އެވެ.

ބަޖެޓު 2023 ކުރުކޮށް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުރުގެ ފަހު އަހަރަށް ހުށަހަޅާފައިމިވަނީ 42.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ބަޖެޓުގެ 40.557 ބިލިއަން ރުފިޔާ ހަރަދުގެ ގޮތުގައި ހިނގާނެ ކަމަށް ބެލެވޭއިރު އޭގެ ތެރެއިން އެންމެ ގިނަ ބޮޑު ބައެއް ހިއްސާކުރަނީ މުވައްޒަފުންގެ މުސާރަ ހަރަދެވެ. އެގޮތުން، ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އަންނަ އަހަރު ބޮޑުކުރުމަށް ނިންމައި، އެކަމަށް 493.2 މިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ.

ސަބްސިޑީ ސިޔާސަތަށް ގެންނަ ބަދަލާ އެކު އާސަންދައަށް ކުރާ އިސްރާފާއި ދައުލަތުން ދޭ އެހެން ސަބްސިޑީތަކުން ސަލާމަތްކުރެވޭ ފައިސާއާ އެކު ހަރަދުތައް ކުޑަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އެއާ އެކު، ރައީސްގެ ވައުދުތައް ފުއްދުމަށް ކުރިއަށްގެންދާ ޕީއެސްއައިޕީ މަޝްރޫއުތަކަށް 8.427 ބިލިއަން ރުފިޔާ ދާނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.

ހިލޭ އެހީ ހިމެނޭހެން 2023 ގައި 32.098 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ. ޓެކްސް ރޭޓުތައް ބޮޑުކުރުމާ އެކު އަންނަ ބަދަލުތަކުގެ ސަބަބުން 3.6 ބިލިއަނުގެ އާމްދަނީ އިތުރުވާނެ ކަމަށް ބެލެވެ އެވެ. އެގޮތުން، ޓެކްސް އާމްދަނީގެ ގޮތުގައި އަންނަ އަހަރު 23.539 ބިލިއަން ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި، އެހެނިހެން އާމްދަނީގެ ގޮތުގައި 6.352 ބިލިއަން ލިބޭނެ ކަމަށް ބެލެވެ އެވެ.