Advertisement

ވިނަރެސް ފުލެޓު ގަތުމަށް ޝަރުތު ހަމަވާ މީހުންގެ ވަގުތީ ލިސްޓު އާންމުކޮށްފި

27 ނޮވެންބަރު 2022 - 14:11 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


ވިނަރެސް ފުލެޓު ގަތުމަށް ޝަރުތު ހަމަވާ މީހުންގެ ވަގުތީ ލިސްޓު އާންމުކޮށްފި

27 ނޮވެންބަރު 2022 - 14:11 0

ވިނަރެސް އިން ފުލެޓު ގަތުމަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ ވަގުތީ ލިސްޓު މިއަދު އާންމުކޮށްފި އެވެ.

ފަންނީ ވަޒީފާތަކުގައި އުޅޭ ފަރާތްތަކާއި މެދުފަންތީގެ އާއިލާތަކަށް އަމާޒުކޮށްގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރި ވިނަރެސްގެ 1344 އެޕާޓުމަންޓު ގަތުމަށް ހުޅުވާލި ފުރުސަތުގައި ޖުމްލަ 1413 ފޯމު ހުށަހަޅާފައިވެ އެވެ.

މިއަދު އެޗްޑީސީން އާންމުކުރި ލިސްޓުގައިވާ ގޮތުން އޭގެ ތެރެއިން ޝަރުތު ހަމަވަނީ 723 ފޯމުގެ އެވެ. ދެން ހުރި ފޯމުތަކުގެ ޝަރުތު ހަމަނުވާ ސަބަބެއް ކަމުގައި އޮތީ އެ ކޯޕަރޭޝަނުން ކުރި އިއުލާނުގައި ކަނޑައަޅާފައިވާ ޝަރުތުތައް ހަމަ ނުވުމެވެ.

އެ ކޯޕަރޭޝަނުން މިދިޔަ ޖުލައި މަހު ކުރި އިއުލާނުގައި ވިނަރެސް ފުލެޓު ގަތުމަށް އެދި ހުށަހެޅުމުގެ އެންމެ މުހިންމު ޝަރުތެއްގެ ގޮތުގައި އޮތީ މާލޭ ރަދްވެއްސަކަށްވުން ނުވަތަ މާލޭ ރަށްވެއްސެއް ނޫނަސް މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ ފަރާތްތަކުގެ ތެރެއިން އަމިއްލަ ބިމެއް ނުވަތަ ފުލެޓެއް މީގެ ކުރިން ގަނެފައިވާ ފަރާތަކަށް ނުވުން ނުވަތަ ސަރުކާރުގެ މަޝްރޫއެއްގެ ދަށުން ބޯހިޔާވަހިކަމެއް ލިބިފައިވާ ނުވާ ފަރާތަކަށް ވުމެވެ.

ވިނަރެސް މަޝްރޫއުގެ ދަށުން އިމާރާތްކުރި ފުލެޓުތަކަކީ ވިއްކާ ފުލެޓުތަކެއް ނަމަވެސް އެތަންތަން ގަތުމުގެ ފުރުސަތު ލިބޭ މީހުން ކަނޑައަޅާފައި ވަނީ ޕޮއިންޓު ދީގެންނެވެ.

އެޗްޑީސީން ބުނީ ފުލެޓު ގަތުމަށް ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ ޕޮއިންޓު ލިބުނު ފަރާތްތަކުގެ މާލީ ގާބިލުކަން ބެލުމާއި ގުޅޭ ގޮތުން އެ ކޯޕަރޭޝަނުން އެ ފަރާތްތަކާ މައުލޫމާތު ހިއްސާ ކުރަމުން ގެންދާނެ ކަމަށެވެ. އޭގެއިތުރުން މައި އެޕްލިކެންޓު އަދި ކޯ އެޕްލިކެންޓުގެ ގޮތުގައި އެއް ފޯމަށްވުރެ ގިނަ ފޯމުތައް ހުށަހެޅި ފަރާާތްތަކަށް ޝަރުތު ހަމަވީ ނަމަވެސް, ކުރިއަށް ދެވޭނީ އެއް ފޯމާ އެކުގައި ކަމަށެވެ.

އެޗްޑީސީން އާންމުކުރި ލިސްޓާ ގުޅޭ ގޮތުން ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މައި ހުޅުމާލެ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށްހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އެ ޕޯޓަލްއަށް ހުށަހަޅާ ޝަކުވާތަކަށް ޖަވާބު ވެސް ލިބޭނީ ހަމަ އެ ޕޯޓަލް މެދުވެރިކޮށެވެ.

އެގޮތުން ޝަރުތު ހަމަވާ ފަރާތްތަކަށް މުއާމަލާތު ކުރާނީ އެ ކޯޕަރޭޝަނުގެ ނަންބަރު 3353535 އިންނާއި އެ ކޯޕަރޭޝަނުގެ އީމެއިލް [email protected] އިން ކަމަށް އެޗްޑީސީން ބުނެ އެވެ. އަދި ވިނަރެސް މަޝްރޫއާ ބެހޭގޮތުން އެއްވެސް ފަރާތަކާ އެސްއެމްއެސްގެ ޒަރިއްޔާއިން މުއާމަލާތު ނުކުރާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ.