Advertisement

ހުޅުމާލެ ތިން ވަނަ ފިޔަވަހި ހިއްކާ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނަގަން ފަށައިފި

9 އޭޕްރީލް 2024 - 20:38 0

ނިމާ ހަސަން

ނިމާ ހަސަން

ހުޅުމާލޭގެ ތިން ވަނަ ފިޔަވަހި ހިއްކާ ސަރަހައްދު; އެތަންތަނުގައި އަޅާފައިވާ އުޅަނދުތައް ނަގަން އެޗްޑީސީން ވަނީ ފަށާފައި -- ފޮޓޯ: އެޗްޑީސީ


ހުޅުމާލެ ތިން ވަނަ ފިޔަވަހި ހިއްކާ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނަގަން ފަށައިފި

9 އޭޕްރީލް 2024 - 20:38 0

ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ ބިން ހިއްކާ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް އެޗްޑީސީއާއި މެރިން ޕޮލިސް ގުޅިގެން ފަށައިފި އެވެ.

ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ ބިން ހިއްކާ ސަރަހައްދުގައި ހުރި އުޅަނދުތައް ނަގަން ފަށާފައި ވަނީ ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދާއިރު, އެ އުޅަނދުތަކާހެދި އެ މަސައްކަތަށް ދަތިވާ ކަމަށް ބުނެ އެވެ.

އެޗްޑީސީން ބުނީ މިއަދު ފަށާފައި ވަނީ ޗާޓުގައި ފެހި ކުލައިން ފާހަގަކޮށްފައިވާ ސަރަހައްދުގައިި ހުރި އުޅަނދުތައް ނެގުން ކަމަށެވެ. އެޗްޑީސީއާއި މެރިން ޕޮލިހުން ނަގަން ފެށީ, މީގެ ކުރިން އެންގުމުން ވެސް ނުނަގާ ހުރި އުޅަނދުތަކެވެ.

ހުޅުމާލޭ ތިން ވަނަ ފިޔަވަހިން މިހާރު 15 ހެކްޓަރު ބިން ހިއްކާ ނިިމިފައިވާ ކަމަށް މީގެ ކުރިން އެޗްޑީސީން ވަނީ ހާމަކޮށްފަ އެވެ.

ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީ)އާ ހަވާލުކޮށްގެން ހިންގާ މި މަޝްރޫއުގެ ދަށުން ހުޅުމާލެ ހުޅަނގު ބިތުން، ކުރިން ޔޮޓް މެރީނާ އަޅަން ނިންމި ސަރަހައްދުން 63 ހެކްޓަރު ހިއްކާނެ އެވެ.

ތިން ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ފުރަތަމަ މަރުހަލާގައި 10 ހެކްޓަރުގެ ބިން، ދެވަނަ މަރުހަލާގައި 29 ހެކްޓަރުގެ ބިން، އަދި ތިންވަނަ މަރުހަލާގައި 24 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެ އެވެ. މިހާރު ކުރިއަށް ދަނީ ދެވަނަ މަރުހަލާގެ ބިން ހިއްކުމެވެ.

ގާތްގަނޑަކަށް 268 މިލިއަން ޑޮލަރު (3.9 ބިލިއަން ރުފިޔާ) ގައި އަގު ކުރެވިފައިވާ މި މަޝްރޫއުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހީގެ އިތުރުން ޔޮޓް މެރީނާ ތަރައްގީކުރަން ހާއްސަކޮށްފައިވާ ދިޔަނެރު ފަޅާއި ތިލަފުށި ހިއްކުން ހިމެނެ އެވެ.

ތިލަފުށިން ހިއްކާ ބަޔަކީ މި މަޝްރޫއަށް އަގު އަދާކުރުމުގެ ގޮތުން ސީއެމްސީއަށް 99 އަހަރަށް ޑިވެލޮޕްމަންޓް ރައިޓްސް ދީފައިވާ ބިމެކެވެ. މަޝްރޫއުގެ ބާކީ އަގު އަދާކުރަނީ ހުޅުމާލޭން ސީއެމްސީއަށް 99 އަހަރަށް ދީފައިވާ 10 ހެކްޓަރުގެ ބިމުންނާއި އެޑްވާންސްގެ ގޮތުގައި އެ ކުންފުންޏަށް ދޫކުރި 20 މިލިއަން ޑޮލަރުންނެވެ.

ސީއެމްސީން މި މަޝްރޫއަށް ހަރަދުކުރި ނަމަވެސް، އެ ކުންފުނިން ހިންގާ އެހެން މަޝްރޫއުތަކެކޭ އެއް ފަދައިން، ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ވެސް ކުރަނީ ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުނިންނެވެ. މި މަސައްކަތުގައި އެ ކުންފުނިން ބޭނުންކުރަނީ "ވިލެމް ވެން އޯރެންޖް" ޑްރެޖަރެވެ.