Advertisement

މާފަންނު ދެކުނަށް ވާދަކުރާ އެމްޑީޕީ ކެންޑިޑޭޓު އެޗްޑީސީން ސަސްޕެންޑުކޮށްފި

14 އޭޕްރީލް 2024 - 16:37 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މާފަންނު ދެކުނު ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓު، ހަސަން އިއާދު (އިއަޑޭ) -- ފޮޓޯ: އެމްޑީޕީ


މާފަންނު ދެކުނަށް ވާދަކުރާ އެމްޑީޕީ ކެންޑިޑޭޓު އެޗްޑީސީން ސަސްޕެންޑުކޮށްފި

14 އޭޕްރީލް 2024 - 16:37 0

އެމްޑީޕީގެ ޓިކެޓުގައި މާފަންނު ދެކުނު ދާއިރާއަށް ވާދަކުރާ ހަސަން އިއާދު (އިއަޑޭ) ގެ މައްސަލައެއް ބަލަމުންދާކަމަށް ބުނެ އެޗްޑީސީއިން އެނާ މިއަދު ސަސްޕެންޑުކޮށްފި އެވެ.

ހަސަން އިއާދު (އިއަޑޭ) ސަސްޕެންޑު ކޮށްފައި ވަނީ އެޗްޑީސީގެ ޕްރޮގްރެސިވް ޑިސިޕްލިނަރީ އެކްޝަން ޕޮލިސީގެ 6.1 އަށް ރިއާއަތްކޮށް މިއަދުން ފެށިގެން ކުރިއަށް އޮތް 14 ދުވަހުގެ މުއްދަތަށެވެ. ސަސްޕެންޑު ކޮށްފައި ވަނީ އިއާދު (އިއަޑޭ) ގެ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށް ބުނެ އެވެ.

ނަމަވެސް އިއާދު (އިއަޑޭ) އަދަދުއަށް ބުނީ ސަސްޕެންޑުކޮށް އެޗްޑީސީން ތަހުގީގު ކުރަނީ ކޮން މައްސަލައެއް ކަމެއް ނޭނގޭ ކަމަށެވެ.

"[އީދު] ބަންދު ނިންމާފައި މިއަދު އޮފީހަށް ނުކުތީމަ އެޗްއާރުން ގުޅާފައި ގެންގޮސްފައި ސިޓީއެއް ދިނީ، އިތުރު އެއްވެސް މައުލޫމާތެއް ނުދޭ، ތަހުގީގު ކުރަނީ ކޮން މައްސަލައެއް ކަމެއް ނޭނގެ،" އިއާދު ބުންޏެވެ.

މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށް ބުނެ އިއާދު ސަސްޕެންޑު ކުރަންޖެހޭ ފަދަ އެއްވެސް ކަމެއް ފާއިތުވި މުއްދަތުގެ ތެރޭގައި ކޮށްފައި ނުވާނެ ކަމަށް އިއާދު (އިއަޑޭ) ބުންޏެވެ.

"ހަމަ ޔަގީނުން ވެސް ވަޒީފާގެ ރޫހާ ހިލާފު އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ، ހާޒިރީ ރަނގަޅުވާނެ، ވައްކަމެއް ކޮށްފައެއް ނޯންނާނެ، ނުގަވާއިދުން ކަމެއް ކުރަން މީހަކަށް ވެސް އަންގައިފައެއް ނޯންނާނެ،" އިއާދު (އިއަޑޭ) ބުންޏެވެ.

"މިކަމަކީ ސިޔާސީ ގޮތުން އެޅި ފިޔަވަޅެއް ކަމަށް ގަބޫލު ކުރެވެނީ، މިއީ ސިޔާސީ ކަމެއް،" އިއާދު (އިއަޑޭ) ބުންޏެވެ.

ސަސްޕެންޑު ކޮށްފައިވާ ކަމަށް ބުނެ އިއާދު (އިއަޑޭ) އަށް އެޗްޑީސީން ދިން ލިޔުމުގައި ވަނީ ސަސްޕެންޑު ކުރި މުއްދަތުގައި އެ ކުންފުނީގެ އިމާރާތްތަކާއި ސައިޓުތަކަށް ވަނުމަށް އާއްމު ފަރުދުންނަށް ހުއްދަ ކޮށްފައިވާ ހިސާބުތައް ނޫން އެހެން ތަންތަނަށް ނުވަނުމަށް އަންގައިފަ އެވެ. އަދި އެޗްޑީސީން އިއާދު (އިއަޑޭ) އާ އެއްވެސް މުދަލެއް ހަވާލުކޮށްފައިވާނަމަ މިއަދުގެ ރަސްމީ ގަޑި ނިމުމުގެ ކުރިން އެ ކުންފުންޏާ ހަވާލު ކުރުމަށް ވެސް އެ ލިޔުގައި އަންގައިފައިވެ އެވެ.

އެ ލިޔުމުގައި އިތުރަށް ބުނެފައި ވަނީ 14 ދުވަހުގެ ތަހުގީގަކަށްފަހު އިއާދު (އިއަޑޭ) އަށް އަޅަންޖެހޭ ފިޔަވަޅެއް އެ ކުންފުނިން އަޅާނެ ކަމަށާއި ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދޭން އެދޭ ކަމަށެވެ.

ކުރިއަށް އޮތް މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި މާފަންނު ދެކުނަށް ވާދަކުރާ ކެންޑިޑޭޓު އެޗްޑީސީގެ ވަޒީފާއިން މިއަދު ސަސްޕެންޑު ކުރިއިރު، އެމްޑީޕީގެ އިތުރުން އެހެން އިދިކޮޅު ޕާޓީތަކުން ވެސް ވަނީ ސަރުކާރުން މަޖިލިސް އިންތިހާބާ ދިމާކޮށް ވަޒީފާގެ ބިރު ދައްކައި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރަމުންދާ ކަމަށް ތުހުމަތުކޮށްފަ އެވެ.

އޭގެއިތުރުން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ވެސް ވަނީ ދައުލަތުގެ ވަސީލަތްތައް ކެމްޕޭނު ބޭނުމަށް ނަހަމަގޮތުގައި ބޭނުން ކުރަމުންދާކަން ފާހަގަކޮށް އެކަމާމެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.