27 ނޮވެންބަރު 2022 - 11:44 0
މުހައްމަދު ވިޝާމް
މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. -ފޮޓޯ: އަދަދު
27 ނޮވެންބަރު 2022 - 11:44 0
މި އަހަރު ފެށުނުއިރު، ސަވަރިން ޑިވަލޮޕްމަންޓު ފަންޑު (އެސްޑީއެފް) ގައި ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ބޭނުންކުރެވޭ ގޮތަށް ހުރި ނަމަވެސް، އެ އަދަދު 98 މިލިއަން ރުފިޔާއަށް ދަށްވެފައިވާ ކަމަށް ދައުލަތުގެ މާލީ ހިސާބުތަކުން ދައްކައިފި އެވެ.
ހަފުތާ އަކު އެއް ފަހަރު ފިނޭންސް މިނިސްޓްރީން އާންމުކުރަމުންދާ ދައުލަތުގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި، މިމަހުގެ 17 ވަނަ ދުވަހާ ހަމައަށް އެ ފަންޑުގައި ބޭނުންކުރެވޭ ގޮތަށް ހުރީ 98.7 ބިލިއަން ރުފިޔާ އެވެ.
މިއީ ދައުލަތުގެ މާލިއްޔަތަށް ތާށިވާ ދަނޑިވަޅުތަކުގައި، ބޭރުން ނަގާފައިވާ ބޮޑެތި ލޯނުތައް އަދާކުރެވޭ ގޮތަށް މި ފަންޑު 2017 ވަނަ އަހަރު އުފެއްދި ފަހުން އެސްޑީއެފް މިހާ ބޮޑަށް ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.
ފަންޑަށް ޖަމާކުރަނީ ޓޫރިސްޓުންގެ އަތުން ނަގާ އެއާޕޯޓު ޑިވެލޮޕްމަންޓް ފީ އެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ރެކޯޑުތަކުން ދައްކާ ގޮތުގައި މި ފަންޑަށް އެންމެ ގިނައިން ފައިސާ ޖަމާކުރީ 2018 އަދި 2019 ވަނަ އަހަރު އެވެ. އެ ދެ އަހަރުގެ ތެރޭގައި އެކަނި އެ ފަންޑަށް 2.7 ބިލިއަން ރުފިޔާ ޖަމާކުރި އެވެ.
ފިނޭންސުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ސޮވަރިން ފަންޑުގެ ޖުމްލަ ސައިޒަކީ 5.1 ބިލިއަން ރުފިޔާ އެވެ.
އެސްޑީއެފްގައި ހުރި ފައިސާގެ އަދަދު މިހާބޮޑަށް ދަށަށް ދިޔައީ އެސްޑީއެފްގައި ހުންނަ ފައިސާގެ ބޮޑު ބައެއް ދައުލަތުގެ ހަރަދު ދެކޮޅު ޖެއްސުމަށްޓަކައި އިންވެސްޓުކުރާތީ އެވެ.
މިގޮތުން، މި ފަންޑުގައި ހުރި ފައިސާގެ ތެރެއިން ބޮޑު ބަޔެއް ސަރުކާރުން ވަނީ ބޭރު ގައުމުތަކާއި ރާއްޖޭގައި ވެސް އިންވެސްޓުކޮށްފަ އެވެ. ކޮވިޑު ބަލިމަޑުކަމުގެ ދުވަސްވަރުގައި ޓީ-ބިލްތަކެއް ގަންނަން ބޭނުންކޮށްފައިވާކަން ވެސް ވަނީ ހާމަވެފަ އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގައި، 2026 ވަނަ އަހަރުގެ ނިޔަލަށް އެސްޑީއެފަށް 600 މިލިއަން ޑޮލަރު (9.2 ބިލިއަން ރުފިޔާ) ޖަމާކުރަން އަމާޒުހިފާފައިވާ ކަމަށް ސަރުކާރުން ބުނެ އެވެ.
Comment