Advertisement

ވޭލްސް އަތުން ހޯދި މޮޅާ އެކު އިރާންގެ ފުޓްބޯޅަ "ބަދަހިވެއްޖެ"

26 ނޮވެންބަރު 2022 - 13:12 0


ވޭލްސް އަތުން ހޯދި މޮޅާ އެކު އިރާންގެ ފުޓްބޯޅަ "ބަދަހިވެއްޖެ"

26 ނޮވެންބަރު 2022 - 13:12 0

ދޯހާ، ގަތަރު (ނޮވެމްބަރު 26) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އިއްޔެ އިރާނުން ފަހު ވަގުތު ދެ ގޯލު ޖަހައި 2-0 އިން ވޭލްސް އަތުން ހޯދި މޮޅާ އެކު އެ ގައުމުގެ ފުޓްބޯޅަ ޓީމާއި ސަޕޯޓަރުންގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެއްޖެ ކަމަށް އެ ޓީމުގެ ކޯޗު ކާލޮސް ކުއެރޯޒް ބުނެފި އެވެ.

އިތުުރު ވަގުތުގައި ދެ ގޯލު ޖަހައި، އިރާނުން ވޭލްސް ބަލިކުރި މެޗަށް ފަހު އިރާން ކުުޅުންތެރިން ވަރަށް ބޮޑަށް އުފާފާޅުކުރި އެވެ. އެ އުފާފާޅުކުރުމާ އެކު އިރާންގެ ސަޕޯޓަރުން ކެކިގެން ދިޔަ މަންޒަރުތައް ދަނޑުގައި ތިބި އިރާންގެ ސަޕޯޓަރުންގެ މޫނުމަތިންނާއި އިރާންގެ މަގުތަކުގައި އެއްވެ، ތިބި ސަޕޯޓަރުންގެ ތެރެއިން ވެސް ފެނިގެން ގޮސްފައިވެ އެވެ.

މި ފަހުން، އެންމެ ފުރަތަމަ، އިރާންގެ ސިޔާސީ މަސްރަހު ހަލަބޮލިވެ، މަގުމަތީގައި އެއްވުންތައް ގިނަވާން ފެށީ މިދިޔަ ސެޕްޓެމްބަރު މަހު އިރާންގެ 22 އަހަރުގެ އަންހެން ކުއްޖެއް ކަމަށްވާ މަހްސާ އަމީނީ، ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި މަރުވުމުންނެވެ. މި ފަހަރުގެ ވޯލްޑް ކަޕާ ކުރިމަތިލިއިރު، އިރާން މުބާރާތުން ބޭރުކުރަން ވެސް ބައެއް ގައުމުތަކުން އަޑުއުފުލި އެވެ. އެއީ އިރާންގައި މިދިޔަ ދުވަސްތަކުގައި އަންހެނުންގެ ހައްގުތައް ހިމާޔަތް ކޮށްދޭން ގޮވާލައި، ބޭއްވި އެއްވުންތަކާ ގުޅިގެންނެވެ.

އިރާންގެ މަސްރަހު އިތުރަށް ގޯސްވާން ފެށީ މި ފަހަރުގެ ވޯލްޑް ކަޕްގައި އިރާން ކުޅުނު ފުރަތަމަ މެޗުން އިންގްލެންޑް އަތުން 6-2 އިން ބަލިވުމުންނެވެ. އެކަމުން އަރައިގަނެވި ހުރިހާ ކަމެއް ބަދަލުވީ އިއްޔެ، އިރާނުން ވޭލްސް އަތުން ހޯދި މޮޅާ އެކު އެެވެ.

"ޓީމަށް ވެސް އަސަރުކުރޭ، ޓީމަށް އެނގޭ ސަޕޯޓަރުން މި ތިބީ ނުތަނަވަސްކަމެއްގެ ތެރޭގައި ކަމަށް. އެކަމަކު، ވޭލްސް އަތުން މި ލިބުނު މޮޅާ އެކު ފުޓްބޯޅައިގެ ބާރުން ގިނަ ކަންތައްތަކެއް ބަދަލުވާނެ. އިރާން ބަދަހިވެއްޖެ ކަމުގެ މަންޒަރު މި ފެންނަނީ، މިއީ ކުޅުންތެރިންނަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުން،" ވޭލްސް އަތުން މޮޅުވި މެޗަށް ފަހު ކުއެރޯޒް ބުންޏެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގައި އިރާނުން ކުޅުނު ފުރަތަމަ މެޗުގައި އިންގްލެންޑާ ދެކޮޅަށް ކުޅެން އަރައި، ގައުމީ ސަލާމް ކިޔަން ބޭނުމެއްނުވި އެވެ. އެއީ އިރާންގައި އެ ގައުމުގެ ރައްޔިތުން ފާޅުކުރަމުންދާ ޝުއޫރުތަކާ ބައިވެރިވުމުގެ ގޮތުންނެވެ. އެކަމަކު، ސަޕޯޓަރުންނަށްޓަކައި މޮޅެއް ހޯދަން ބޭނުންވާތީ، އިއްޔެ ވޭލްސް މެޗުގެ ކުރިން ދަނޑުގައި ތިބި ސަޕޯޓަރުންނާ އެކު އިރާން ކުޅުންތެރިން ވަނީ ގައުމީ ސަލާމް ވެސް ކިޔައިފަ އެވެ.

"އަހަރެެމެން ހުރިހާ ކަމެއް ވެސް ކުރަނީ ސަޕޯޓަރުންނަށްޓަކައި، އެ މީހުންގެ ހިތްހަމަޖެހުން ނެތި ކާމިޔާބެއް ނުހޯދޭނެ،" އިރާން ގޮވައިގެން ތިން ވަނަ ވޯލްޑް ކަޕްގައި ވާދަކުރަމުން އަންނަ ކުއެރޯޒް ބުންޏެވެ.

އިރާނަށް ވޯލްޑް ކަޕްގެ ދެ ވަނަ ބުރުން ފުރުސަތު ލިބެން އޮތީ އަންނަ އަންގާރަ ދުވަހު، އެމެރިކާއާ ދެކޮޅަށް ކުޅޭ މެޗުން ނަތީޖާއެއް ނެރެގެންނެވެ. މިހާރު އޮތްގޮތުން އެ މެޗު އެއްވަރުކޮށްލައިގެން ވެސް އިރާނަށް ގަދަ 16 ޓީމުގެ ބުރުން ޖާގަ ހޯދޭނެ އެވެ.