Advertisement

ބޮޑު މުސާރަ ލިބޭއިރު، މެންބަރުން މަޖިލީހަށް ހާޒިރުނުވާތީ ނަޝީދުގެ ހިތްހަމަނުޖެހުން

23 ނޮވެންބަރު 2022 - 09:26 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: މަޖިލިސް


ބޮޑު މުސާރަ ލިބޭއިރު، މެންބަރުން މަޖިލީހަށް ހާޒިރުނުވާތީ ނަޝީދުގެ ހިތްހަމަނުޖެހުން

23 ނޮވެންބަރު 2022 - 09:26 0

"އިންތިހާއަށް ބޮޑު މުސާރަ" ދީފައި ތިބޭ މެންބަރުން ހާޒިރުނުވާތީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާ ވެސް ނުރުހުން ފާޅުކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށިއިރު ޖަލްސާއަށް ހާޒިރުވެ ތިއްބެވީ 87 މެންބަރުންގެ ތެރެއިން އެންމެ 22 މެންބަރުންނެވެ.

"ކޮންމެ އިއްޒަތްތެރި މެންބަރަކަށް ވެސް އިންތިހާއަށް މުސާރަ ލިބިވަޑައިގަންނަވާ، ކޮމެޓީ އެލަވަންސް އެހާމެ ގިނައިން ލިބިވަޑައިގަންނަވާ، މެންބަރެއްގެ މުސާރައިގެ ގޮތުގައި 80 ހާހަށް ވުރެ ގިނަ ރުފިޔާ އެބަ ގެއަށް ގެންދަވާ" ހިތްހަމަނުޖެހުން ފާޅުކުރައްވަމުން ރިޔާސަތުގައި އިންނެވި ނަޝީދު ވިދާޅުވި އެވެ.

މެންބަރުން މަޖިލީހަށް އިންތިހާބުވެފައިތިބީ ރައްޔިތުން ތަމްސީލު ކުރަން ކަން ފާހަގަކުރައްވައި މަޖިލީހަށް ވަޑައިނުގަތުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

ރިޔާސަތުން އަންގާ އެންގުމެއްގެ ގޮތުގައި ނަޝީދު މިއަދު ވަނީ މަޖިލިސް އޮންނަ ދުވަސް ދުވަހު، މަޖިލީހަށް ހާޒިރުވެ، ބަހުސްގައި ބައިވެރިވުމަށް އެދިވަޑައިގެންފަ އެވެ.

"ބަހުސްގައި ބައިވެރިވެވަޑައިގަންނަވާ އެ މެންބަރަކަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވާހަކަ ދައްކަވާ ހިޔާލު ފާޅުކުރުމަކީ މި މަޖިލީހުގެ އަސާސީ މަގްސަދު،" ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ ހާޒިރީ ދަށް ވުމަކީ ނަޝީދުގެ އަބަދު ވެސް ކަންބޮޑުވުމެކެވެ. ފަހު ދެ ދައުރުގެ ޖަލްސާތަކުގެ ހާޒިރީ ދަށް އިރު، ގިނަ މައްސަލަތަކުގައި ބަހުސް ކުރާނެ މެންބަރުން ނުވެ، ޖަލްސާ ނިންމާލާފައި ވެސް ވެ އެވެ.

މަޖިލިސް ހާޒިރީން އެނގޭ ގޮތުގައި މި ދައުރު ފެށި ފަހުން އާންމުކޮށް ޖަލްސާތަކަށް އަންނަނީ 30 މެމްބަރުންނެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ދާނީ އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓާއި ސަޕްލިމެންޓަރީ ބަޖެޓާ މެދު ކޮމިޓީން ފާސްކުރި ރިޕޯޓާ މެދު ބަހުސް ކުރުމެވެ. 37 މެންބަރުން ބަހުސް ރިޕޯޓަށް ބަޖެޓު ކުރުމުގެ ފުރުސަތަށް އެދިވަޑައިގެންފައިވާއިރު، ބަޖެޓަށް ވޯޓަށް އަހާނެ ކަަމަށް ބެލެވެނީ ހޯމަ ދުވަހު އެވެ.

ބަޖެޓު ފާސްކުރުމަށް ފަހު މަޖިލީހުގެ މި ދައުރު ނިންމާލުމަށް ފަހު ރިސެސް އަށް ދާނެ އެވެ.