21 ނޮވެންބަރު 2022 - 15:10 0
މުހައްމަދު ނަސީމް
ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އިންތިގާލީ އިންސާފުގެ އޮފީހުގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ
21 ނޮވެންބަރު 2022 - 15:10 0
އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހަޅާފައިވާ ހުރިހާ މައްސަަލަތަކެއްގެ ތަހުގީގު، އެ އޮފީހަށް އިތުރުކޮށްދިން މުއްދަތުގެ ތެރޭގައި ނިމޭނެ ކަަމަށް ޗީފް އޮމްބަޑްސް ޕާސަން އަބްްދުއްސަލާމް އާރިފު މިއަދު ވިދާޅުވެއްޖެ އެވެ.
އިންތިގާލީ އިންސާފުގެ އޮފީހުގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓް މުރާޖައާ ކުރަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަބްދުއް ސަލާމް ވިދާޅުވީ އެ އޮފީހަށް ހުށަހަޅާފައިވާ ގިނަ މައްސަލަތައް މިހާރު ވެސް ހުރީ ނިމިފައި ކަމަށެވެ. މިހާރު ކުރަން އޮތް މަަސައްކަތަކީ އޭނާ ވިދާޅުވި ގޮތުގައި ތަހުގީގުތައް އިތުރަށް ފުރިހަމަކުރުމެވެ.
ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފު ކުރެއްވި ސުވާލުގައި އެެއްސެވީ އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހަޅާފައިވާ މައްސަލަތައް އެ އޮފީހަށް މިހާރު އޮތް މުއްދަތުގައި "ރަނގަޅަށް ނިންމައިލެވޭނެތޯ" އެވެ. އެ މުއްދަތަށް މައްސަލަތައް ރަނގަޅަށް ނިންމޭނެ ކަަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް ސަނީފު ވިދާޅުވި އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ސަލާމް ވިދާޅުވީ އެ އޮފީހަށް ބަލައިގަނެފައިވާ ހުރިހާ މައްސަލަތަކާ މެދުގައި ވެސް މި މުއްދަތުގައި ގޮތެއް ކަނޑައެޅޭނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ގިނަ މައްސަލަތަކުގެ ތަހުގީގުގެ ވަރަށް ބޮޑުބައި މިހާރު އަސްލު ހުންނާނީ ނިމިފައި. ފުރިހަމަކޮށްލުމަށް ޓަކައި އަޅުގަނޑުމެން ބޭނުންވާ ވަގުތުކޮޅެއް މި ބޭނުންވަނީ. ދެން އެއާ އެެއްކޮށް އޭގެ ރިޕޯޓް ތައްޔާރުކުރުން،" ސަލާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިންތިގާލީ އިންސާފުގެ އޮފީހަށް ބަލައިގަނެފައިވާ 455 މައްސަލައިގެ ތެރެއިން ބައެއް މައްސަލަތަކުގައި ސުލްހަނުކުރެވި ހިނގައިދާނެ ކަމަށެވެ. ބައެއް މައްސަލަތައް ޝަރުއީ މަރުހަލާއަށް ފޮނުވަން ޖެހޭ ކަަމަށާއި އެގޮތަށް ފޮނުވަން ޖެހޭ މައްސަލަތަކާއި ނުފޮނުވާނީ ކޮން މައްސަލަތަކެއް ކަން މި މުއްދަތުގެ ތެރޭގައި ނިމޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިންތިގާލީ އިންސާފުގެ ގާނޫނުން އުފެއްދި، އިންތިގާލީ އިންސާފުގެ އޮފީހުގެ މުއްދަތު ހަމަވާން އޮތީ މިއަހަރުގެ ޑިސެމްބަރުގެ ނިޔަލަށެވެ. އެހެން ނަމަވެސް އެ އޮފީހުގެ މުއްދަތު އަންނަ އަހަރުގެ ޑިސެމްބަރާ ހަމައަށް މިހާރު ވަނީ އިތުރުކޮށްފަ އެވެ.
Comment