21 ނޮވެންބަރު 2022 - 12:54 0
ކިންގްސް އާއި ޓީރެކްސް ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
21 ނޮވެންބަރު 2022 - 12:54 0
މިހާރު ކުރިއަށްދާ އެމްބީއޭ ޗެމްޕިއަންޝިޕްގެ ދެ ވަނަ ބުރުގައި ކިންގްސް ބާސްކެޓްބޯޅަ ކުލަބު ބަލިކޮށް ޓީރެކްސް ބާސްކެޓްބޯޅަ ކުލަބުން ދެ ވަނަ ބުރު ގްރޫޕުގެ އެއް ވަނައިގައި އޮވެ، ނިންމާލައިފި އެވެ.
މި މަހުގެ ފަސް ވަނަ ދުވަހު ފެށި މުބާރާތުގެ ތިން ވަނަ ބުރަށް ކޮލިފައިވާނީ ދެ ވަނަ ބުރުގެ ގަދަ ހަތަރު ޓީމެވެ. ދެ ވަނަ ބުރުގެ އެއް ވަނަ ޓީރެކްސް އަށް ލިބުނުއިރު، ދެ ވަނަ ލިބުނީ ކިންގްސް އަށެވެ. ދަ ބައުސް އާއި ރެޑްވިންގްސް ވެސް ތިން ވަނަ ބުރަށް ކޮލިފައި ވެފައިވާއިރު، ދެ ވަނަ ބުރުން ކެޓީ ރެޕްޓާސް ބީސީ އެވެ.
އެމްބީއޭ ޗެމްޕިއަންޝިޕުގައި ވާދަކުރަމުން އަންނަ އެންމެ ވަރުގަދަ އަދި ވާދަވެރި ދެ ޓީމުގެ ކުރިމަތިލުން ޓީރެކްސް އިން ކާމިޔާބުކުރީ 86-67 ޕޮއިންޓުންނެވެ. މި މެޗު ފަށައިގެން ފުރަތަމަ ކުއާޓާ އާއި ދެ ވަނަ ކުއާޓާގައި ވެސް ޓީރެކްސް އިން ފަސް ޕޮއިންޓުގެ ލީޑެއް ދެމެހެއްޓި އެވެ. ތިން ވަނަ ކުއާޓާގައި ލީޑު ފުޅާކޮށް ތަފާތު ބޮޑުކުރި އިރު، ފަހު ކުއާޓާގައި ކިންގްސް އަށް ޓީރެކްސްގެ ލީޑު ހަނިކޮށްލެވުނީ އެންމެ ޕޮއިންޓަކަށެވެ.
މުޅި މެޗަށް ބަލާއިރު ޓީރެކްސްގެ މުހައްމަދު ހުވައިލިދު އަލީ (ހުވޭ) އާއި އިބްރާހިމް އަންފާލް ޝަރީފް (އަންޓެ) މޮޅު ކުޅުމެއް ދެއްކި އެވެ. މި ދެ ކުޅުންތެރިންނަކީ ވެސް މިދިޔަ ތިން ސީޒަންގައި ކިންގްސް އަށް ކުޅުނު ދެ ކުޅުންތެރިންނެވެ.
ކިންގްސްއާ ދެކޮޅަށް، ހުވޭ، 10 ރީބައުންޑް ނަގައި ހަތަރު އެސިސްޓްކޮށް 23 ޕޮއިންޓް ސްކޯކުރިއިރު، އަންޓެ ވަނީ ފަސް ރީބައުންޑް ނަގައި ދެ އެސިސްޓްކޮށް، 15 ޕޮއިންޓް ސްކޯކޮށްފަ އެވެ. މީގެ އިތުރުން އަހުމަދު ޒަބީރު ވަނީ ހަތް ރީބައުންޑް ނަގައި ނުވަ އެސިސްޓްކޮށް 14 ޕޮއިންޓް ސްކޯކޮށްފަ އެވެ.
ކިންގްސް އަށް ބަލާއިރު އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ޒުވާން ކުޅުންތެރިޔާ މުހައްމަދު އައިކު ނީޝާމް އެވެ. އައިކު ވަނީ 12 ރީބައުންޑް ނަގައި 16 ޕޮއިންޓް ސްކޯކޮށްދީފަ އެވެ. އަބްދުﷲ އަމްޒަރު އާއި މުހައްމަދު ސަބީހު ތައުފީގު، ކޮންމެ ކުޅުންތެރިއަކު 12 ޕޮއިންޓް ސްކޯކޮށްދިނެވެ.
މި މެޗުގައި ކިންގްސްގެ މުހިންމު ކުޅުންތެރިންތަކެއް ނުކުޅެ އެވެ. ކެޕްޓަން ރިޝްފާން ރަޝީދު، އިބްރާހިމް ރަޝްވާން (ޗިކު) އަދި އަބްދުﷲ އަފްލާހު ޝަރީފް މިމެޗުގައި ކޯޗު މުހައްމަދު ޒިލާލް ބޭނުމެއް ނުކުރެ އެވެ.
ދެ ވަނަ ބުރުން ރެޕްޓާސް ކެޓީ މިހާތަނަށް އެޓީމް ކުޅުނު ހުރިހާ މެޗަކުން ބަލިވެފައިވާތީ އެވެ. ފަހު މެޗުގައި އެޓީމް ނުކުންނާނީ ކިންގްސްއާ ދެކޮޅަށެވެ.
ރެޕްޓާސް އެންމެ ފަހުން ކުޅުނު މެޗުގައި ބަލިވީ ރޭ ދަ ބައުސް އަތުންނެވެ. ފޯރިގަދަކޮށް ދިޔަ މި މެޗު ދަ ބައުސް ކާމިޔާބުކުރީ 73-65 ޕޮއިންޓުންނެވެ.
މުޅި މެޗަށް ބަލާއިރު މައިގަނޑު ތަފާތެއްގެ ގޮތުގައި ފެނުނީ ބައުސްގެ އިބްރާހިމް ނަސީމް އެވެ. އޭނާ ވަނީ މުޅި މެޗުގައި 14 ރީބައުންޑް ނަގައި 35 ޕޮއިންޓް ބައުސް އަށް ސްކޯކޮށްދީފަ އެވެ. މީގެ އިތުރުން އަހުމަދު ނަޖީލް (އިންޑޯ)ވެސް 15 ޕޮއިންޓް ސްކޯކޮށްދިނެވެ.
ރެޕްޓާސް އިން އެންމެ ރަނގަޅަށް ކުޅުނީ ކެޕްޓަން މުހައްމަދު އީވާން ޒާހިރު އެވެ. އޭނާ ވަނީ 26 ޕޮއިންޓް ރެޕްޓާސް އަށް ސްކޯކޮށްދީފަ އެވެ. މީގެ އިތުރުން އަހުމަދު ރާއިދު ސަލީމް ވެސް 19 ޕޮއިންޓް ސްކޯކޮށްދިނެވެ.
އެމްބީއޭ ޗެމްޕިއަންޝިޕްގެ ފިރިހެން ޗެމްޕިއަންޝިޕް ބައިގައި ބާކީ އޮތީ ދެ މެޗެވެ. އެއީ ރެޕްޓާސް އާއި ކިންގްސް ވާދަކުރާ މެޗާއި ދަ ބައުސް އާއި ރެޑްވިންގްސް ވާދަކުރާ މެޗެވެ. މި ދެ މެޗު ކުޅޭނީ މާދަމާ ހަވީރު އެވެ. ގަދަ ހަތަރު ޓީމާ އެކު ތިން ވަނަ ބުރުގެ ކުޅުން ފަށާނީ އަންނަ ބުރާސްފަތި ދުވަހު އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment