21 ނޮވެންބަރު 2022 - 12:55 0
އިންވިކްޓޯ އާއި 19 އަހަރުން ދަށުގެ ގައުމީ ޓީމު ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އެފްއޭއެމް
21 ނޮވެންބަރު 2022 - 12:55 0
މިހާރު ކުރިއަށްދާ އެފްއޭއެމް ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ޓީމު ކުޅުނު ފުރަތަމަ މެޗުން ރޭ 2-2 އިން އިންވިކްޓޯ ސްޕޯޓްސް ކްލަބާ އެއްވަރުވެއްޖެ އެވެ.
މި ފަހަރުގެ ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ގައުމީ 19 އަހަރުން ދަށުގެ ޓީމު ބައިވެރިކުރަން ނިންމީ ވާދަވެރި މެޗުތަކެއް ކުޅެން ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ބޭނުމުގަ އެވެ. އެ ގޮތުން، 19 އަހަރުން ދަށުގެ ޓީމެއް އެކުލަވާލަން ދާދި ފަހުން، ކުރިއަށްގެންދިޔަ ޓްރަޔަލްތަކުގައި ބައިވެެރިވި 108 ވަރަކަށް ކުދިންގެ ތެރެއިން ސިލެކްޝަނެއް ހަދައި، މުބާރާތުގައި ވާދަކުރަން ފަރިތަކުރީ ތިން ހަފްތާއެއްހާ ދުވަހު އެވެ.
މީގެ ކުރިން 2020 ވަނަ އަހަރު 19 އަހަރުން ދަށުގެ ޓީމު ވަނީ ދެ ވަނަ ޑިވިޝަނުގައި ވެސް ވާދަކޮށްފަ އެވެ.
އަލުން 19 އަހަރުން ދަށުގެ ޓީމެއް އެކުލަވާލަން ކުރާ މަސައްކަތުގައި، މި ފަހަރުގެ ޓީމުގައި ހިމެނެނީ 2005 އާއި 2006 ވަނަ އަހަރު އުފަންވި ކުޅުންތެރިންނެވެ. ތިން ވަނަ ޑިވިޝަނުގައި މި ޓީމު ކުޅޭއިރު، އެ ޓީމުގެ އެއްވެސް ޕޮއިންޓެއް ނުގުނާނެ އެވެ. އެއީ މި މެޗުތަކަކީ 19 އަހަރުން ދަށުގެ ޓީމަށް މެޗު ތަޖުރިބާ ހޯދައިދިނުމުގައި ވާދަކުރާ މުބާރާތެއް ކަމަަށްވާތީ އެވެ.
ޓާފް އެއް ނަމްބަރު ދަނޑުގައި ރޭ ކުޅުނު މެޗު ފަށައިގެން ފަސް ވަނަ މިނިޓްގައި 19 އަހަރުން ދަށުގެ ޓީމުން ލީޑުނެގީ ޝަނާން ރަޝާދު ޖެހި ގޯލުންނެވެ. މެޗުގެ 21 ވަނަ މިނިޓްގައި މުހައްމަދު އަޔާޒް ވަނީ އިންވިކްޓޯ އަށް އެއްވަރުކޮށްދީފަ އެވެ. މެޗުގައި ދެ ވަނަ ފަހަރަށް ވެސް ލީޑުނެގީ 19 އަހަރުން ދަށުގެ ޓީމުންނެވެ. މި ލަނޑު ޖެހީ އިޝްއާފު މުހައްމަދު ފިރާގު އެވެ. އޭނާ ގޯލު ޖެހީ މެޗުގެ 72 ވަނަ މިނިޓްގަ އެވެ. އެކަމަކު، މެޗު ނިމުމުގެ ކުރިން އަހުމަދު ފިޔާޒް ވަނީ ގޯލެއް ޖަހައި، އިންވިކްޓޯ އަށް އެއްވަރުކޮށްދީފަ އެވެ.
މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުން މަސްއޮޑި ސްޕޯޓްސް ކްލަބް ވަނީ 4-0 އިން ޔޫއެން ފްރެންޑްސް ބަލިކޮށްފަ އެވެ. މަސްއޮޑިން މި ފަހަރުގެ ތިން ވަނަ ޑިވިޝަނަށް ވަރުގަދަ ޓީމަކާ އެކު ނުކުތްއިރު، ކުޅުނު ފުރަތަމަ މެޗުން ވަނީ އިންވިކްޓޯ އަތުން ވެސް 4-0 އިން މޮޅުވެފަ އެވެ. އިއްޔެ ޔޫއެން ފްރެންޑްސް ކޮޅަށް މަސްއޮޑި ޓީމުގެ ލަނޑުތައް ޖެހީ ޝިފާޒް އާދިލް (ތުއްތު) ދެ ގޯލާއި އަލީ ހާފިޒް (ހާއްޕެ) އެއް ގޯލުގެ އިތުރުން އަހުމަދު އައްސަދު ލަނޑެކެވެ.
މުބާރާތުގައި މިއަދު ކުޅޭ މެޗުގައި ހިރިޔާ ކުޅޭނީ ހުޅުމާލެ ޔޫތު ކްލަބާ އެވެ. އަދި މިރޭ ކުޅޭ މެޗުގައި ސްޕޯޓްސް ކްލަބް ރިވަލްސާ ނުކުންނާނީ ސެންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
Comment