Advertisement

ހުޅު ހިފީ ކެފޭގެ ބަދިގޭގައި، ހުލިވީ ދެވަނަ ފަންގިފިލާ!

13 ޖަނަވަރީ 2023 - 06:55 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އީވުނިން ކެފޭގައި ހިނގި އަލިފާނުގެ ހާދިސާ ކޮންޓުރޯލު ކުރުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރިވަނީ -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ހުޅު ހިފީ ކެފޭގެ ބަދިގޭގައި، ހުލިވީ ދެވަނަ ފަންގިފިލާ!

13 ޖަނަވަރީ 2023 - 06:55 0

ބުދަ ދުވަހުގެ އިރު އޮއްސެމުން އައި ވަގުތެވެ. އޭރު އާދައިގެ މަތިން އޯކިޑު މަގުގައި ހުންނަ މަޝްހޫރު އީވުނިން ކެފޭގެ ބަދިގެ ތެރެ އޮތީ ވަރަށް ހަލަބޮލިކޮށެވެ. ބަދިގޭގައި ކުރަމުން ދިޔައީ "މީޒް އޮން ޕްލާސް" ނުވަތަ ކައްކަން ފެށުމުގެ ކުރިން ވާން ޖެހޭ ތައްޔާރީގެ މަސައްކަތެވެ. އެ ކެފޭއިން ރޭގަނޑުގެ ކޮއްތު ކާން އަންނަ މީހުންގެ ތަލީގައި އިންޑިއާ ކެއުމުގެ މީރު ރަހަ ލައްވާލުމަށް ފުރިހަމަ ކުރަންޖެހޭ ކަންކަމެވެ.

އެ ހަލަބޮލި މާހައުލަށް ކުއްލި ހާސްކަމެއް އައީ އުނދުންމަތީގައި ހުރި ތެޔޮ ތާހުގައި ކުއްލިއަކަށް ހުޅު ހިފުމުންނެވެ. ތާހުގައި ހިފި ހުޅުގަނޑުގެ ސަބަބުން އެ އިމާރާތުގެ އެންމެ މަތީބައި ބޭނުން ނުކުރެވޭ މިންވަރަށް އަނދައި ހުލިވި އެވެ.

ބޭރުން ބަލާއިރު މަޝްހޫރު އިވްނިން ކެފޭ އަކީ އެއް ފަންގިފިލާއަށް ހުރި ތަނަކަށް ވިޔަސް، އެތެރެ ބައިގައި އިތުރު ފަންގިފިލައެއް ހުރެ އެވެ. އެއީ އެ ކެފޭގައި މަސައްކަތްކުރާ އިންޑިއާ މީހުން ދިރިއުޅޭ ބައެވެ.

އަލިފާނުގެ އެ ހާދިސާގައި، އެންމެ ތިރީ ފަންގިފިލައާއި އެއްވަނަ ފަންގިފިލާގައި ހިންގަމުން އައި ކެފޭއަށް މާބޮޑު ގެއްލުމެއް ނުވެ އެވެ. އެ ކެފޭގެ ވަށައިގެން ހުރި އެއްވެސް އިމާރާތަކަށް ވެސް ގެއްލުމެއް ނުވެ އެވެ. ދުމުގެ ސަބަބުން ކުރި އަސަރު ފިޔަވައި މީހަކަށް ވެސް އަނިޔާއެއް ނުވެ އެވެ.

ކެފޭ ރެސްޓޯރެންޓުތަކުގައި އާންމުކޮށް އެފަދަ ހާދިސާއެއް ހިނގައިގެން މެދުވެރިވާ ފަދަ ހާލަތެއް އިއްޔެ މެދުވެރި ނުވީ އީވުނިން ކެފޭގައި ސަލާމަތީ ކަންކަން ހަމަޖައްސާފައި ހުރިލެއް ފުރިހަމަ ކަމުންނާއި އެތަނުގެ މުވައްޒަފުން އަމަލު ކުރި ރަނގަޅު ގޮތުގެ ސަބަބުންނެވެ.

ތާހުގައި ހުޅުހިފުމާ އެކު އެވަގުތު އެތަނުގައި ތިބި މުވައްޒަފުން އަމަލު ކުރީ އާންމުކޮށް އެފަދަ ހާލަތެއްގައި މީހުން އަމަލުކުރާ ކަހަލަ ގޮތަކަށް ނޫނެވެ.

"އެންމެ ފުރަތަމަ ވެސް އެމީހުން ބޭރަށް ނުކުމެ ގޭސްފުޅިތައް ބަންދު ކުރީ،" ހުޅުގަނޑު ފަޅައިގެން ދިޔަ ނުދިނުމަށްޓަކައި މުވައްޒަފުން ފުރަތަމަ މަސައްކަތް ކުރިގޮތް އެ ހޮޓަލުގެ އިސް މުވައްޒަފަކު "އަދަދު" ނޫހަށް ކިޔައިދިނެވެ.

ކޮންމެ ދުވަހަކު އެތައް ސަތޭކަ ބަޔަކު ހިދުމަތް ހޯދާ އެ ކެފޭގެ އުނދުނުގައި އަލިފާން ރޯވިއިރު، އެލްޕީ 45 ކިލޯގެ ހަތަރު ފުޅިއާއި އެލްޕީ10 ކިލޯގެ އެއްފުޅި ގޭސް ހުއްޓެވެ.

އެހެން ނަމަވެސް އެ ހުރިހާ ގޭސްފުޅިތަކެއް ވެސް ހުރީ ބަދިގެއިން ބޭރުގަ އެވެ. އުނދުންތައް ބޭނުން ކުރަމުން ދިޔައީ އެންމެ ރައްކާތެރި ގޮތަށް ހޮޅި އަޅައިގެން އުނދުނަށް ގޭސް ލިބޭ ގޮތަށެވެ. ފުޅިތައް ބަންދުކުރުމުގެ ފުރުސަތު އެތަނުގެ މުވައްޒަފުންނަށް ލިބުނީ އެހެންވެ އެވެ.

"އޭރު ދެން ތިބި މީހުން [އަލިފާން ނިވާ] ފުޅި ހިފައިގެން ގޮސް އުނދުނުގައި ރޯވެފައި ހުރި އަލިފާންގަނޑު ނިއްވާލައިފި،" މި ނޫހާ ވާހަކަ ދެއްކި މުވައްޒަފު ބުންޏެވެ.

އެއީ ބުދަ ދުވަހުގެ ރޭ ގާތްގަނޑަކަށް 6:10 ހާއިރު އެވެ. ގޭސްފުޅިތައް ބަންދުކުރުމަށްފަހު އެ ފުޅިތައް ހިފައިގެން އެމީހުން ބޭރަށް ނުކުމެ އެމްއެންޑީއެފަށް ރިޕޯޓު ކުރީ އެގަޑީގަ އެވެ.

އީވުނިން ކެފޭއިން ބޭރަށް ނެރެފައި ހުރި ގޭސްފުޅިތައް -- ފޮޓޯ: އަދަދު


އުނދުނުގައި ރޯވި އަލިފާންގަނޑު އޭރު ހުރީ ނިއްވާލާފަ އެވެ. ބަދިގޭގައި ވެސް ހުޅެއް ނެތެވެ. ކެފޭއަށް ވެސް އަލިފާނުގެ އަސަރު ކޮށްފައެއް ނެތެވެ. އެހެން ނަމަވެސް އެ އިމާރާތުން އޭރު ބޯކޮށް ދުން އަރަމުންދިޔަ އެވެ.

"ވީގޮތަކީ އުނދުނުން އަރާ އާވި ބޭރު ކުރަން ހުންނަ ހުޑު ތެރެއަށް ހުޅުގަނޑު ދަމައިގަތީ، އޭގެ ތެރެއިން ލާފައި މައްޗަށް އެރި ހުޅުގަނޑުން މަތީ ބުރީގައި ރޯވީ،" ތިރީގައި ރޯވި އަލިފާންގަނޑު މައްޗަށް ފޯރި ގޮތް އޭނާ ކިޔައިދިނެވެ.

ކެފޭ، ރެސްޓޯރަންޓުތަކުގައި ކައްކާ އުނދުނާ ދިމާ މަތީގައި ހަރުކޮށްފައި ހުންނަ ހުޑު ސިސްޓަމަކީ އޭގެތެރެއަށް އުނދުނުން އަރާ އާތްވާއި ވަސް ދަމާލުމަށްޓަކައި ބޭނުން ކުރާ ސިސްޓަމެކެވެ. އުނދުނުން އަރާ އާވި ދަމާލުމަށް އެފަދަ ސިސްޓަމް ތަކުގައި ހުންނަނީ ވަރަށް ބާރުގަދަ އެގްޒޯސްޓު ހަރުކޮށްފަ އެވެ.

އެ އެގްޒޯސްޓުން ދަމާ އާތްވާ އެކު އަރާ ތެޔޮ ހަރުލަނީ ހުޑު ސިސްޓަމުން ވައި ބޭރުކުރާ ހޮޅީގަ އެވެ. ވަރަށް ވަރުގަދަޔަށް ހިފާ މި ތެލަކީ އޭގައި އަލިފާން ހިފާ އެއްޗެކެވެ.

އީވުނިން ކެފޭ ބަދިގޭގައި ރޯވި ހުޅުގަނޑު ވެސް ރާސްލާފައި މައްޗަށް އެރީ އެގޮތަށް ވެންޓިލޭޝަން ހޮޅީގައި ހަރުލާފައި ހުރި ތެލުގައި ހުޅު ހިފުމުގެ ސަބަބުންނެވެ. މާގިނަ އިރުތަކެއް ނުވެ އެ އަލިފާންގަނޑު ކޮންޓުރޯލުކޮށް ނިއްވާލުމަށް ސިފައިންނަށް ފަސޭހަވީ ވެސް އެތަނުގެ މުވައްޒަފުންގެ ހުޝިޔާރު ކަމާއި މެނޭޖުމަންޓުގެ ދުރުވިސްނުމުގެ ސަބަބުންނެވެ.

އެހެންނަމަވެސް ކޮންމެ ކަމެއްގައި ވެސް އިތުރަށް ފުރިހަމަ ކުރެވޭނެ ކަންކަން ހުންނާނެކަން ޔަގީނެވެ. އިއްޔެ އީވުނިން ކެފޭގައި ހިނގި އަލިފާނުގެ ހާދިސާއިން ލިބުނު ގެއްލުން ވެސް އެއަށް ވުރެ ކުޑަ ކުރެވޭނެ އެތައް ގޮތެއް ހުންނާނެ އެވެ.

އެގޮތުން ކެފޭ ރެސްޓޯރެންޓުތައް ހިންގާ މީހުން ސަމާލުވާންޖެހޭ މުހިންމު އެތައް ކަމެއް ހުންނަކަމަށް އެ ދާއިރާގެ ތަޖުރިބާކާރެއް، (މިހާރު ހުންނެވި މަގާމުގެ ގޮތުން) ނަން ނުޖެހުމަށް ޝަރުތުކޮށް މި ނޫހަށް ކިޔައިދިނެވެ.

"މިސާލަކަށް ކެފޭތަކުގައި ހުންނަ ހުޑުތަކުން ވައި ބޭރު ކުރާ ހޮޅި ވެސް އެބަޖެހޭ ގަވާއިދުން ސާފު ކުރަން، އޭގައި އެ ހަރުލާ ތެލަކީ ހުޅުހިފާ އެއްޗެއް،" އޭނާ ވިދާޅުވި އެވެ.

ދުނިޔޭގެ ކުރިއަރާފައި ހުންނަ ގައުމުތަކުގައި އެބާވަތުގެ ކަންކަން ގަވާއިދުން މޮނިޓާ ކުރާ ކަމަށާއި ހެދިފައި ހުންނަ ގަވާއިދުތަކުގެ އިތުރުން ކެފޭ ރެސްޓޯރެންޓު ވިޔަފާރި ހިންގާ ފަރާތްތަކުން އަދާ ކުރަންޖެހޭ ޒިންމާ ވެސް ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.

"ބައެއް ކެފޭތަކުގައި އެބަ ބޭނުން ކުރޭ އެއް ތެޔޮގަނޑެއް އެތައް ފަހަރަކު، އެގޮތަށް ބޭނުން ކުރާ ތެޔޮ އެބަ ބަދަލުވޭ ވަރަށް ހުޅުހިފާ އެއްޗަކަށް،" އާންމުކޮށް އެފަދަ ހާދިސާތައް ހިނގުމަށް މެދުވެރިވާ ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވި އެވެ.

ކޮންމެ ދުވަހަކު އެތައް ސަތޭކަ ބަޔަކު ހިދުމަތް ހޯދާ އީވްނިން ކެފޭގައި ރޯވި އަލިފާނުގެ ހާދިސާއިން އެފަދަ ވިޔަފާރި ކުރާ އެހެން ފަރާތްތަކަށް ދައްކައި އެދިނީ ރީތި ނަމޫނާ އެކެވެ. ތަނުގެ ސަލާމަތީ ކަންކަން އެންމެ ފުރިހަމައަށް އަބަދުވެސް ބެހެއްޓުމުގެ މުހިންމުކަމާއި މުވައްޒަފުން އެފަދަ ހާލަތްތަކަށް ހޭލުންތެރިކޮށް އަހުލުވެރި ކުރުމުން ލިބެން އޮންނަ ރައްކާތެރިކަމާއި ފައިދާގެ ބޮޑު ކަމެވެ.

އަލިފާނުގެ ހާދިސާ ހިނގުން ފަދަ ކަންކަމަކީ ކިތަންމެ ރައްކާތެރިވެ ތިބި ނަމަވެސް ކުރިމަތިވެދާނެ ކަންކަމެވެ. ނަމަވެސް ކުރިޔާލައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައި ހުރުމަކީ އެކަމުގެ ސަބަބުން ލިބޭ ގެއްލުން ކުޑަވުމުގެ އިތުރުން ވަށައިގެން އޮންނަ މާހައުލުގައި ދިރިއުޅޭ މީހުންނަށް ވެސް އޮތް ރައްކަލެކެވެ.

އެހާދިސާގައި އެތަނަށް ލިބުނު ގެއްލުން ކުޑަކަމަށް ފެނުނު ނަމަވެސް އެތަނަށް ލިބުނު އަސްލު ގެއްލުމުގެ ކުޑަބޮޑުމިން ވަޒަންކޮށްލެވޭނީ އެތަނަށް ވަދެ ރަނގަޅަށް ބަލާލުމުން ކަމަށް އެތަން ހިންގުގައި އިސްކޮށް އުޅޭ މުވައްޒަފަކު ބުންޏެވެ. އަދި އެ ކެފޭ ހުޅުވޭނެ ދުވަހެއް ވެސް ބުނަން އަދި ނޭނގޭ ކަމަށް އޭނާ ބުންޏެވެ.