17 ނޮވެންބަރު 2022 - 14:13 0
ެއެމްބީއޭ ޗެމްޕިއަންޝިޕްގައި ކިންގްސް ކުޅުނު މެޗެއްގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
17 ނޮވެންބަރު 2022 - 14:13 0
މިހާރު ކުރިއަށްދާ އެމްބީއޭ ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަންގައި ކިންގްސް ބާސްކެޓްބޯޅަ ކުލަބާއި ޓީރެކްސް ބާސްކެޓްބޯޅަ ކުލަބުން މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފި އެވެ.
އެމްބީއޭ ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަންގެ ދެ ވަނަ ބުރުގައި ވާދަކުރާ ފަސް ޓީމްގެ ތެރެއިން ފަހު ބުރަށް ހޮވޭނީ ހަތަރު ޓީމެކެވެ. މި އަހަރުގެ މުބާރާތް ރާވާލެވިފައިވަނީ ޓީމުތަކަށް ގިނަ މެޗުތަކެއް ކުޅުމުގެ ފުރުސަތު ލިބޭ ގޮތަށެވެ.
މިހާތަނަށް ފުރަތަމަ ބުރާއި ދެ ވަނަ ބުރުގައި މިހާތަނަށް ބަލިނުވެ، އޮތް ދެ ޓީމަކީ ކިންގްސް ބީސީ އާއި ޓީރެކްސް އެވެ.
ކިންގްސް އިން ދެ ވަނަ ބުރުގައި އެ ޓީމު ކުޅުނު ދެ ވަނަ މެޗު ކާމިޔާބުކުރީ ރެޑްވިންގްސް ބީސީއާ ވާދަކޮށް 80-65 އިންނެވެ. މި މެޗު ފަށައިގެން ފުރަތަމަ ދެ ކުއާޓާގައި ބޮޑު ލީޑެއް ނެގި އެވެ. ފަހު ދެ ކުއާޓާގައި ރެޑްވިންގްސް އިން ވާދަވެރި ކުޅުމެއް ދެއްކި ނަމަވެސް ކިންގްސްގެ މައްޗަށް ކުރި ހޯދޭ ގޮތް ނުވި އެވެ.
މި މެޗުގައި ކިންގްސް ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 11 ރީބައުންޑް ނަގައި 6 އެސިސްޓްކޮށް 14 ޕޮއިންޓް ހޯދައިދިން އަބްދުﷲ އަމްޒަރު މުހައްމަދު އާއި ބެންޗުން އެރި ނަމަވެސް 17 ޕޮއިންޓް އެ ޓީމަށް ސްކޯކޮށްދިން އަހުމަދު ހުޝާމް (ތުއްބެ) އެވެ.
އެމްބީއޭ ޗެމްޕިއަންޝިޕްގައި ޓީރެކްސް އާއި ރެޕްޓާސް ކުޅުނު މެޗުގެ ތެރެއިން.- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ރެޑްވިންގްސް އަށް ބަލާއިރު، މި މެޗުގައި ވެސް ފުލްކޮށް ކުޅުނު ޝިރުފާން އަހުމަދު ރަނގަޅު ކުޅުމެއް ދެއްކި އެވެ. އޭނާ ވަނީ 13 ރީބައުންޑް ނަގައި 3 އެސިސްޓްކޮށް، އެ ޓީމަށް 18 ޕޮއިންޓް ހޯދައިދީފަ އެވެ. މީގެ އިތުރުން ހަސަން މުއާން އަލީ ވެސް 10 ޕޮއިންޓް ސްކޯކޮށްދިނެވެ.
ޓީރެކްސް މޮޅުވުމުގެ ސިލްސިލާ ދެމެހެއްޓީ ރެޕްްޓާސް ބީސީ އަތުން ހޯދި މޮޅާ އެކުގަ އެވެ. މި މެޗު ޓީރެކްސް ކާމިޔާބުކުރީ 75-48 އިންނެވެ.
ފުރަތަމަ ދެ ކުއާޓާ ނިމުނުއިރު، ޓީރެކްސް އޮތީ 10 ޕޮއިންޓްގެ ލީޑެއްގަ އެވެ. ތިން ވަނަ ކުއާޓާގައި އެ ލީޑު ނުވަ ޕޮއިންޓަށް ކުޑަވި ނަމަވެސް ފަހު ކުއާޓާގައި ޓީރެކްސް އިން ފުލުފުލުގައި އެޅި ބާސްކެޓްތަކާ އެކު ލީޑު ފުޅާކޮށް ބޮޑު މޮޅެއް ހޯދި އެވެ. މިހާތަނަށް ޓީރެކްސް ކުޅުނު ވާދަވެރި މެޗުތަކުގައި އެ ޓީމުގެ އެންމެ ބޮޑު ތަފާތަކީވެސް ފަހު ކުއާޓާގައި ދައްކާ ކުޅުމެވެ.
މި މެޗުގައި ޓީރެކްސްގެ އަހުމަދު ޒަބީރު (ޒަބީ)، 14 ޕޮއިންޓް ސްކޯކޮށްދިންއިރު، އިސްމާއިލް ވިލްދާން ޔޫސުފް ވެސް 14 ޕޮއިންޓް ސްކޯކޮށްދިނެވެ. ބެންޗުން ކުޅެން އަރައި ލިބުނު މަދު ވަގުތުކޮޅުގައި ޒަކަރިއްޔާ އަބްދުއްލަތީފް (ޒަކިއްޓެ) 18 ޕޮއިންޓް ސްކޯކޮށްދިނެވެ.
ދެ ވަނަ ބުރުގައި ކިންގްސް އަދި ޓީރެކްސް އަށް ބާކީ ދެ މެޗު އެބައޮތެވެ. އޭގެ ތެރޭގައި މި ދެ ޓީމުގެ މެދުގައި ކުޅޭ ފޯރިގަދަ މެޗުވެސް ހިމެނެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment