15 ނޮވެންބަރު 2022 - 12:08 0
ރެޑްވިންގްސް އާއި ޓީރެކްސް ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
15 ނޮވެންބަރު 2022 - 12:08 0
ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލުގައި މިހާރު ކުރިއަށްދާ އެމްބީއޭ ޗެމްޕިއަންޝިޕްގެ ދެ ވަނަ ބުރުގެ ފެށުން ޓީރެކްސް ބާސްކެޓްބޯޅަ ކުލަބާއި ކިންގްސް ބާސްކެޓްބޯޅަ ކްލަބުން ރަނގަޅުކޮށްފި އެވެ.
މިމަހުގެ ފަސްވަނަ ދުވަހު ފެށި އެމްބީއޭ ޗެމްޕިއަންޝިޕުގެ ފިރިހެން ޑިވިޝަންގެ ދެ ވަނަ ބުރުގައި ވާދަކުރަނީ ފަސް ޓީމެކެވެ. އެއީ ޓީރެކްސް، ކިންގްސް، ރެޑްވިންގްސް ބީސީ، ދަ ބައުސް އަދި ރެޕްޓާސް ބީސީ އެވެ. މި ޓީމްތަކުގެ މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު ތިން ވަނަ ބުރުން ފުރުސަތު ލިބޭނީ ގަދަ ހަތަރު ޓީމަށެވެ. އޭގެ ފަހުން ކުޅޭ ލީގު ބުރަށް ފަހު ގަދަ ދެ ޓީމް ކޮލިފައިވާނީ ފައިނަލަށެވެ.
ދެ ވަނަ ބުރުގެ ފުރަތަމަ މެޗުގައި ޓީރެކްސް ނުކުތީ ރެޑްވިންގްސްއާ ދެކޮޅަށެވެ. ފޯރިގަދަ އަދި ވާދަވެރި ކުޅުމެއް ފެނުނު މި މެޗު ޓީރެކްސް ކާމިޔާބުކުރީ 63-60 ޕޮއިންޓުންނެވެ.
މެޗު ފަށައިގެން ފުރަތަމަ ކުއާޓާގައި ކުރި ހޯދީ ރެޑްވިންގްސް އެވެ. 10-17 އިން ރެޑްވިންގްސް ކުރީގައި ދެ ވަނަ ކުއާޓާގައި ނުކުމެ ޓީރެކްސް އިން ތަފާތު ދެއްކި އެވެ. މި ކުއާޓާގައި އެކަނި ހޯދި 20 ޕޮއިންޓާ އެކު ދެ ވަނަ ކުއާޓާ ނިމުނުއިރު ޓީރެކްސް ކުރީގައި އޮތީ 30-25 އިންނެވެ.
ތިން ވަނަ ކުއާޓާގައި ފެނުނީ ރެޑްވިންގްސް އަނެއްކާ ވެސް ވަރުގަދަ އަށް ކުޅެލިތަނެވެ. އެ ގޮތުން މި ކުއާޓާގައި ދެއްކި ހިތްވަރާ އެކު ޕޮއިންޓަކަށް ސްކޯ ކައިރިކުރި އެވެ. ފަހު ކުއާޓާގެ ފަށައިގެން ލީޑުގައި އޮތީ ރެޑްވިންގްސް އެވެ. ކުއާޓާގެ މެޗުތެރެއިން ހަ ޕޮއިންޓްގެ ލީޑެއް ވެސް ނެގި އެވެ. ނަމަވެސް މެޗު ނިމެން ދޮޅު މިނެޓަށްވެފައި ވަނިކޮށް ތަޖުރިބާކާރު ކުޅުންތެރިޔާ ޒަކަރިއްޔާ އަބްދުއްލަތީފް (ޒަކިއްޓެ)ގެ ދެ ލޭއަޕާ އެކު ޓީރެކްސް ފަހު ވަގުތު ލީޑު ނަގައި މެޗުން މޮޅުވި އެވެ.
މި މެޗުގައި ޓީރެކްސް އިން އެންމެ ރަނގަޅަށް ކުޅުނީ 17 ޕޮއިންޓް ހޯދައިދިން އަހުމަދު ޒަބީރު (ޒަބީ) އެވެ. މުހައްމަދު ހުވައިލިދު (ހުވޭ) އަލީ 16 ޕޮއިންޓް ހޯދައިދިންއިރު، އިބްރާހިމް އަންފާލް ޝަރީފް (އަންޓެ)، 10 ޕޮއިންޓް އަދި ޒަކިއްޓެ ވެސް 10 ޕޮއިންޓް އެ ޓީމަށް އެއްކޮށްދިނެވެ.
ރެޑްވިންގްސް ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 16 ރީބައުންޑް ނަގައި 12 ޑިފެންސްކޮށް 16 ޕޮއިންޓް ހޯދައިދިން ޝިރުފާން އަހުމަދު އެވެ. މީގެ އިތުރުން މުހައްމަދު ޒީދާން އާއި އަހުމަދު ލައިލް ޝިފާންގެ ކުޅުންވެސް ފާހަގަވި އެވެ.
ކިންގްސް ދެ ވަނަ ބުރުގައި ފުރަތަމަ ނުކުތީ ދަ ބައުސްއާ ދެކޮޅަށެވެ. މި މެޗު އެޓީމުން ކާމިޔާބުކުރީ 70-51 އިންނެވެ. މެޗު ފަށައިގެން ރަނގަޅަށް ޑޮމިނޭޓްކޮށްގެން ކުޅުނު ކިންގްސް އިން ފުރަތަމަ ދެ ކުއާޓާގައި ފުރަތަމަ ދެ ކުއާޓާގައި ރަނގަޅު ލީޑެއް ނެގި އެވެ. ތިން ވަނަ ކުއާޓާ އާއި ހަތަރު ވަނަ ކުއާޓާގައި އެންމެ ރަނގަޅު ކުޅުން ނުދެއްކުނަށް ބޮޑު ލީޑު ގެއްލުނަ ނުދީ ހިފެހެއްޓި އެވެ.
މި މެޗުގައިވެސް ކިންގްސް ޓީމުން އެންމެ ރަނގަޅަށް ކުޅުނީ މުހައްމަދު ސަބީހު ތައުފީގު އާއި އަބްދުﷲ އަމްޒަރު މުހައްމަދު އެވެ.
އަމްޒަރު، 16 ރީބައުންޑް ނަގައި 16 ޑިފެންސްކޮށް 15 ޕޮއިންޓް އެޓީމަށް ހޯދައިދިންއިރު، ސަބީހު ވަނީ 7 ރީބައުންޑް ނަގައި މުހިންމު 4 ސްޓީލްއެއްކޮށް 15 ޕޮއިންޓް ހޯދައިދީފަ އެވެ. މީގެ އިތުރުން 10 ޕޮއިންޓް ހޯދައިދިން އަބްދުﷲ އަފްލާހު ޝަރީފްގެ ކުޅުންވެސް މި މެޗުގައި ފާހަގަވި އެވެ.
ބައުސް އަށް ބަލާއިރު އެ ޓީމުގެ އިބްރާހިމް ނަސީމް، ވަނީ 14 ޕޮއިންޓް ހޯދައިދީފަ އެވެ. މީގެ އިތުރުން އަހުމަދު އަދުހަމް އާއި މުހައްމަދު ހަސަންގެ ކުޅުންވެސް ފާހަގަކޮށްލެވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment