14 ނޮވެންބަރު 2022 - 12:38 0
މުހައްމަދު ނަސީމް
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހީމް މުއިއްޒު މަޖިލީހުގެ ޖަލްސާއެއްގައި ވާހަަކަދައްކަވަނީ. ދައުތަލުން ތަންތަން ކުއްޔަށް ހިފާ މައްސަލަ ހައްލުކުރަން ގޮވާލައި އޭނާ މިއަދު މަޖިލީހަށް ގަރާރެެއް ހުށަހެޅުއްވި. ފޮޓޯ:މަޖިލީހުގެ އިދާރާ
14 ނޮވެންބަރު 2022 - 12:38 0
ދައުލަތުގެ އޮފީސްތައް ހިންގުމަށާއި މުދާ ގުދަން ކުރަން އަމިއްލަ ފަރާތްތަކުގެ އިމާރާތްތައް ކުއްޔަށް ހިފައި އެކަމަށް ބޮޑު ހަރަދެއް ކުރާތީ ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް މުއިއްޒު ހުށަހެޅުއްވި ގަރާރުގައި ވިދާޅުވީ އަމިއްލަ ފަރާތްތަކުގެ އިމާރާތްތައް ކުއްޔަށް ހިފަން ދައުލަތުން އަހަރަކު 102 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހޭދަކުރާ ކަަމަށެވެ. އޭގެ ބަދަލުގައި ދައުލަތުގެ އޮފީސްތަކާއި އިދާރާތައް އަދި ގުދަންތައް ދައުލަތުގެ އިމާރާތްތަކަށް ބަދަލުކުރަން ގަރާރުގައި އޭނާ ގޮވައިލެއްވި އެވެ.
ކުލީގެ ގޮތުގައި ދައުލަތުން އެހާ ގިނަ ފައިސާ ހަރަދުވާއިރު އެކަން ބަދަލުކުރުމުގެ ޕްލޭނެއް އޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. އެއީ ނުބައި އާދައެއް ކަމަށާއި އެކަމުގެ ސަބަބުން ދައުލަތުގެ ފައިސާ އިސްރާފުވެ، ކޮރަޕްޝަނަށް މަގުފަހިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެކަން ބަދަލު ކުރުމުގެ އަނެއް ބޭނުމަކީ އޭނާ ވިދާޅުވި ގޮތުގައި، ދައުލަތުގެ އޮފީސްތައް އެކަމަށް އެކަށީގެން ނުވާ ތަންތަނުގައި ހިންގުން ހުއްޓުވުމެވެ.
"...މިކަމަށް ދާއިމީ ހައްލެއް ހޯދުމުގެ ވިސްނުމެއް އޮތް ކަމަށް ނުދެކޭތީ އަދި ކޮރަޕްޝަނަށް މަގުފަހިވާތީ ދައުލަތުގެ ކަމާ ބެހޭ އިދާރާތައް މި މަޖިލީހަށް ހާޒިރުކޮށް، މިކަމަށް އަވަސް ހައްލެއް ގެނެވޭނެ ގޮތް ދެނެގަނެ، އަވަސް ހައްލެއް ހޯދުމަށް ގޮވާލައި، މަޖިލީހުގެ ގަވައިދުގެ 167 ވަނަ މާއްދާގެ ދަށުން މި ގަރާރު ހުށަހަޅަމެވެ،" ގަރާރުގައި މުއިއްޒު ވިދާޅުވި އެވެ.
މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި ގިނަ މެމްބަރުން އެ ގަރާރަށް ތާއީދުކުރެއްވި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment