Advertisement

100 އާއި 400 މީޓަރު ރޭސް ސާއިދަށް، ޖާއިޝާ އާއި ފަޒީލަށް ރަނގަޅު ފެށުމެއް

11 ނޮވެންބަރު 2022 - 21:52 1

ގައުމީ ގްރޯން ޕްރީގެ ފުރަތަމަ ދުވަހުގައި ސާއިދު 400 މީޓަރުގެ ރޭސް ނިންމަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


100 އާއި 400 މީޓަރު ރޭސް ސާއިދަށް، ޖާއިޝާ އާއި ފަޒީލަށް ރަނގަޅު ފެށުމެއް

11 ނޮވެންބަރު 2022 - 21:52 1

މައިލޯ ހަތަރު ވަނަ ގައުމީ ގްރޯން ޕްރީގައި 100 އާއި 400 މީޓަރު ދުވުމުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ، ހަސަން ސާއިދު އެއް ވަނަ ހޯދިއިރު، 1500 މީޓަރުގެ ރޭސް ކާމިޔާބުކޮށް އައިމިނަތު ޖާއިޝާ ޖުނީޒް އާއި ހުސެއިން ފަޒީލް ހާރޫން (ފްލޭޝް) ފެށުން ރަނގަޅުކޮށްފި އެވެ.

ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި މިއަދު ފެށި މުބާރާތުގެ ފިރިހެނުންގެ 100 މީޓަރު ދުވުމުގެ އެއް ވަނަ، ދިވެހި ސިފައިންގެ ކްލަބްގެ ސާއިދު ހޯދީ 11.22 ސިކުންތުން ރޭސް ނިންމައިގެންނެވެ. ދެ ވަނަ އަށް ދިޔައީ 11.41 ސިކުންތުން ރޭސް ނިންމި މުހައްމަދު މިންހާލް ޝާމިން (މިންކޮ) އެވެ. ތިން ވަނަ ހޯދީ 11.42 ސިކުންތުން ނިންމި، އަހުމަދު ނަޖުދާން އަބްދުﷲ އެވެ.

ގައުމީ ގްރޯންޕްރީގެ 100 މީޓަރު ދުވުމުގެ ފައިނަލްގައި ވާދަކުރި އެތުލީޓުން.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ސާއިދު، 400 މީޓަރު ރޭސް ކާމިޔާބުކުރީ 50.27 ސިކުންތުން ރޭސް ނިންމައިގެންނެވެ. ދެ ވަނަ އަށް ދިޔަ އަބްދުލް ރަޝީދު އިސްމާއިލް ރޭސް ނިންމީ 51.64 ސިކުންތުންނެވެ. ތިން ވަނަ ހޯދީ ޒިއުޒް މުހައްމަދު ސުއާދު އެވެ. އޭނާގެ ޓައިމިން އަކީ 52.02 ސިކުންތެވެ.

އެންމެ ފަހުން ބޭއްވި ގްރޯން ޕްރީގެ އެންމެ މޮޅު އެތުލީޓުގެ މަގާމު ހޯދި ސާއިދު، މި ފަހަރުގެ މުބާރާތުގައި ދުވަނީ ކޮންމެވެސް ވަރެއްގެ އަނިޔާއެއްގައި ހުރެ އެވެ. އާއިލީ ކަމެއްގައި އިންޑިއާގައި ހުރުމަަށް ފަހު، ސާއިދު މިއަދުގެ ރޭހުގައި ވާދަކުރިއިރު، ރޭސް ނިންމުނީ އާންމުކޮށް އޭނާ ދުވާ ޓައިމިން އަށް ވުރެން ލަހުންނެވެ.

"އަނިޔާގައި ހުރެފައި ދުވާތީ އާއި ޓްރެއިނިން ވެސް ރަނގަޅަށް ނުދާތީ އެއީ،" ސާއިދު ބުންޏެެވެ.

1500 މީޓަރު ދުވުމުގެ އަންހެނުންގެ އިވެންޓްގައި ޖާއިޝާ ދުވަނީ: މި ފަހަރުގެ މުބާރާތަށް ނުކުތްއިރު ވެސް ޖާއިޝާ ހުރީ ރަނގަޅު ފޯމެއްގައި.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


މިދިޔަ އަހަރު ގްރޯން ޕްރީގެ އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމު ހޯދި ޖާއިޝާ މިއަދު، 1500 މީޓަރު ރޭސް ކާމިޔާބުކުރީ ފަސް މިނިޓް، 12.90 ސިކުންތުން ރޭސް ނިންމައިގެންނެވެ. ދެ ވަނަ އަށް ދިޔަ ފަސުހާ އަހުމަދު ރޭސް ނިންމީ ފަސް މިނިޓް 45.00 ސިކުންތުންނެވެ. ތިން ވަނަ އަށް ދިޔައީ ނަސީރު ސްޕޯޓްސް ކްލަބްގެ ޒުވާން ދުވުންތެރިޔާ، އައިމިނަތު ލުމާ އިސްމާއިލް އެވެ. ލުމާގެ ޓައިމިން އަކީ ފަސް މިނިޓް، 45.68 ސިކުންތެެވެ.

ފިރިހެނުންގެ 1500 މީޓަރު ދުވުމުގެ އެއް ވަނަ ފަޒީލަށް ލިބުނީ ހަތަރު މިނިޓް 08.09 އިން ރޭސް ނިންމައިގެންނެވެ.

ދެ ވަނަ އަށް ދިޔަ ޔޫސުފް އިބްރާހިމް ރޭސް ނިންމީ ހަތަރު މިނިޓް 13.41 ސިކުންތުންނެވެ. އަދި ތިން ވަނަ ހޯދި މުހައްމަދު ރަޝީދު (މޯޑު)ގެ ޓައިމިން އަކީ ހަތަރު މިނިޓް 42.37 ސިކުންތުންނެވެ. ދާދި ފަހުން، މަކިޓާ ޖޫނިއާ ޗެމްޕިއަންޝިިޕްގެ އެއް ވަނަ ހޯދި ދުވުންތެރިޔާ، އަހުމަދު ވިސާމް އަށް ރޭސް ނިންމުނީ ހަތަރު ވަނައިގައި، ހަތަރު މިނިޓް 46.26 ސިކުންތުންނެވެ.

ފިރިހެނުންގެ 1500 މީޓަރު ދުވުމުގެ އިވެންޓް ފުރިހަމަކުރުމަށް ފަހު ފަޒީލް އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


އަންހެނުންގެ ސްޕްރިންޓް ރޭސްތައް ރޫޔާ އާއި މުޒްނާ އަށް

ރާއްޖޭގެ ސްޕްރިންޓް ރޭސްތަކުގައި އެންމެ ބާރު ދުވުންތެރިޔާ، އައިޝަތު ހިމްނާ ހަސަން، މި ވަގުތު އަންނަނީ ޖެމެއިކާގައި ޓްރެއިނިން ފުރިހަމަ ކުރަމުންނެވެ. އެެހެންވެ، ގްރޯން ޕްރީގައި އޭނާ ނުފެންނާނެ އެވެ.

ގްރޯން ޕްރީގައި މިއަދު އޮތް އަންހެނުންގެ 100 މީޓަރުގެ ރޭސް ކާމިޔާބުކުރީ މަރިޔަމް ރޫޔާ އަލީ އެވެ. އޭނާގެ ޓައިމިން އަކީ 13.01 ސިކުންތެވެ. ދެ ވަނަ އަށް ދިޔައީ، އަރަމުން އަންނަ ދުވުންތެރިޔާ، އަހުނާ ނިޒާރު އެވެ. އޭނާ ރޭސް ނިންމީ 13.03 ސިކުންތުންނެވެ. އަދި ތިން ވަނަ އަށް ދިޔައީ، 13.08 ސިކުންތުން ނިންމި ހައްވާ މުޒްނާ ފާއިޒު އެވެ.

މިއީ ކްލަބް ރާވެރިޔާ ޓީމުގެ މުޒްނާ އަށް ރަނގަޅު މުބާރާތެކެވެ. އޭނާ ވަނީ 400 މީޓަރުގެ އަންހެނުންގެ ރޭހުގެ އެއް ވަނަ ހޯދައިފަ އެވެ. މުޒްނާ ރޭސް ނިންމީ، 1 މިނިޓް 00.65 ސިކުންތުންނެވެ. ފަހަކަށް އައިސް ގައުމީ ލެވަލްގެ މުބާރާތްތަކުގައި މުޒްނާ އަންނަނީ ރަނގަޅު ކުރިއެރުންތަކެއް ހޯދަމުންނެވެ.

ގައުމީ ގްރޯންޕްރީގެ 400 މީޓަރުގެ އަންހެނުންގެ ދުވުމުގެ އެއް ވަނަ ހޯދި މުޒްނާ ރޭސް ނިންމަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ދެ ވަނަ އަށް ދިޔައީ މި ރޭހުގެ ފޭވަރިޓެއްގެ ގޮތުގައި އޮތް، އައިމިނަތު ލަޔާނާ މުހައްމަދު އެވެ. ލަޔާނާ އަށް ރޭސް ނިންމުނީ 1 މިނިޓް 05.00 ސިކުންތުންނެވެ. އަދި ތިން ވަނަ ހޯދީ ރިފާ މުހައްމަދު އެވެ. ރިފާގެ ޓައިމިން އަކީ 1 މިނިޓް 05.18 ސިކުންތެވެ.

ލޯންގް ޖަމްޕް އިވެންޓްގެ ފިރިހެނުންގެ ބައިގެ އެއް ވަނަ ހޯދީ ރާއްޖޭގެ ރެކޯޑް މި ވަގުތު އޮތް، ރައުހަތު ސްޕޯޓްސް ކްލަބްގެ އިބްރާހިމް ނާހިލް ނިޒާރު އެވެ. އޭނާ ވަނީ 6.61 މީޓަރު ދުރަށް ފުންމައިފަ އެވެ. ދެ ވަނަ އަށް ދިޔަ، ނުޖޫމް ހަސަން 6.44 މީޓަރު ދުރަށް ފުންމިއިރު، ތިން ވަނައިގައި ނިންމި ޒަފާން ހަސަން ވަނީ 6.13 މީޓަރު ދުރަށް ފުންމައިފަ އެވެ.

މުބާރާތުގައި މާދަމާ އޮތީ އަންހެނުންގެ ލޯންގް ޖަމްޕާއި އަންހެނުންނާއި ފިރިހެނުންގެ 3000 މީޓަރު ދުވުމާއި އަންހެނުންނާއި ފިރިހެނުންގެ 200 މީޓަރު ދުވުމާއި އަންހެނުންނާއި ފިރިހެނުންގެ 800 މީޓަރު ދުވުމެވެ.