Advertisement

ޕެންޝަން އޮފީހުން ބާއްވާ މޯލްޑިވްސް ފައިނޭންސް ފޯރަމް އަންނަ ހަފްތާގައި

7 ނޮވެންބަރު 2022 - 13:23 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މީގެ ކުރިން ބޭއްވި މޯލްޑިވްސް ފައިނޭންސް ފޯރަމެއްގައި ޕެންޝަން އޮފީހުގެ މިހާރުގެ ސީއީއޯ، ސުޖާތާ ހަލީމް ވާހަކަފުޅު ދައްކަވަނީ. އެ ކަމަނާ އެ މަގާމަށް އައްޔަން ކުރެއްވީ ފާއިތުވި މަހު، 31، ވަނަ ދުވަހު --- ފޮޓޯ: ޕެންޝަން އޮފީސް


ޕެންޝަން އޮފީހުން ބާއްވާ މޯލްޑިވްސް ފައިނޭންސް ފޯރަމް އަންނަ ހަފްތާގައި

7 ނޮވެންބަރު 2022 - 13:23 0

ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކޮށް ތަރައްގީ ކުރުމަށް ހުރި ފުރުސަތުތަކާ ބެހޭ ގޮތުން މަލީ ދާއިރާގެ އިސްފަރާތްތަކާއެކު މަޝްވަރާ ކުރުމުގެ މަގުސަދުގައި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓުރޭޝަން އިން އިންތިޒާމު ކޮށްގެން ބާއްވާ މޯލްޑިވްސް ފައިނޭންސް ފޯރަމް އަންނަ ހަފްތާގައި ބާއްވަން ނިންމައިފި އެވެ.

މި މަހުގެ 16، ވަނަ ދުވަހު ކުރުނބާ މޯލްޑިވްސްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފޯރަމުގައި ރާއްޖޭގެ މާލީ އިންފްރާސްޓްރަކްޗާ މިހާރު އެކުލެވިފައިވާ ގޮތާއި، އެ ވަސީލަތްތައް ތަރައްގީކުރުމަށް ހިންގަމުންދާ އަދި ކުރިއަށް އޮތް ތަނުގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކާއި ޕުރޮގުރާމުތަކާއި ގުޅޭގޮތުން މައުލޫމާތު ބަދަލުކުރުމާއި، ފުރިހަމަ މާލީ ނިޒާމެއް ގާއިމުކުރުމަށް ރާއްޖޭގެ މާލީ އިންފްރާސްޓްރަކްޗާތަކަށް ގެންނަންޖެހޭ ތަރައްގީއާއި ކުރިއެރުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ވަނީ ނިންމާފަ އެވެ.

މި އަހަރުގެ ފޯރަމުގެ މައުލޫއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ، ރާއްޖޭގެ މާލީ އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމެވެ.

މީގެ ކުރިން ބޭއްވި މޯލްޑިވްސް ފައިނޭންސް ފޯރަމެއްގައި ފިނޭންސް މިނިސްޓަރު، އިބްރާހިމް އަމީރު ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ޕެންޝަން އޮފީސް


ޕެންޝަން އޮފީހުގެ ޑިރެކްޓާ އޮފްސްޓޭކްހޯލްޑާ ރިލޭޝަންސް، އައިޝަތު ފަޒުނާ "އަދަދު" ނޫހަށް ވިދާޅުވީ، މި އަހަރުގެ ފޯރަމުގެ މައުލޫއު ކަނޑައެޅުމުގައި ބަލާފައި ވާނީ ރާއްޖޭގެ އެއްމެ ބޮޑު އިންސްޓިޓިއުޝަނަލް އިންވެސްޓަރުގެ ހައިސިއްޔަތުން އެ އޮފީހަކީ ރާއްޖޭގެ މާލީ ދާއިރާ ކުރިއެރުވުމަށް، ވަކީން ހާއްސަކޮށް އިންވެސްޓަރުންނަށް ހުރި ފުރުސަތުތައް އިތުރު ކުރުމަށާއި ޕެންޝަން ފަންޑުން އިންވެސްޓު ކުރުމަށް ފަހި މާހައުލެއް ގާއިމުކުރުމަށް މަސައްކަތް ކުރަމުންދާ މުއައްސަސާއަކަށް ވާތީ، އެކަމާ ގުޅުންހުރި ދާއިރާއަކަށް ސަމާލުކަން ދިނުމަށް ކަމަށެވެ.

ފައިނޭންޝަލް އިންފުރާސްޓުރަކްޗާ ތަރައްގީވުމަކީ އިންވެސްޓުކުރުމަށް ހުރި ވަސީލަތްތަކާއި ފުރުސަތުތައް އަދި އިންވެސްޓަރުންނަށް ބޭނުންވާ ސާފު މައުލޫމާތު ލިބޭނެ މަގު ފަހިވެ، އެކަށޭނެ އިންވެސްޓުމަންޓު ފުރުސަތުތައް ދެނެގަތުމަށް އޮންނަ ފުރުސަތު އިތުރުވެ، އިންވެސްޓަރުންނަށް ފަހި މާހައުލެއް ގާއިމުވުމަށް ނުހަނު ބޭނުންތެރިކަމެއް،" އޭނާ ވިދާޅުވި އެވެ.

މި ފޯރަމުގައި ރާއްޖޭގެ މާލީ ދާއިރާގައި ހަރަކާތްތެރިވާ އިސްފަރާތްތަކާއި، ވިޔަފާރި، އިގްތިސާދު، އިލްމީ، ސިޔާސީ، އަދި އިޖުތިމާއީ ދާއިރާގެ ފުންނާބު އުސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ އެވެ.

އެގޮތުން މި ފޯރަމްގައި ސްޕީކަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ ވޯލްޑު ބޭންކުގެ ސީނިއާ ފައިނޭންޝަލް ސެކްޓާ ސްޕެޝަލިސްޓު، އާރް. މާކު ޑޭވިސްއާއި، ފިނޭންސް މިނިސްޓްރީގެ ޑެޓް މެނޭޖުމަންޓު އެކްސްޕާޓު، އަބްދުﷲ ހަސަން އަދި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ޗީފް އެގްޒެކެޓިވް އޮފިސަރު، އައުޝަން ލަތީފެވެ. އޭގެ އިތުރުން އިކޮނޮމިކް މިނިސްޓްރީ، ކެޕިޓަލް މާކެޓު ޑިވެލޮޕްމަންޓު އޮތޯރިޓީގެ އިތުރުން އެމްއެމްއޭގެ ބޭފުޅުން ވެސް މި ފޯރަމުގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.

މާލީ ދާއިރާ ތަރައްގީ ކުރުމަށް ޓަކައި ޕެންޝަން ފަންޑުގެ މުހިއްމު ކަމާއި ބުރަދަން، އިންޑަސްޓްރީގެ އެންމެހާ ބައިވެރިންނަށް ހާމަކޮށްދިނުމާއި، އުފެއްދުންތެރި ވިސްނުންތަކާއި، ދިރާސާކުރުމާއި، މާލީ ކަންކަމާ ބެހޭގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުވުމުގެ މަގުސަދުގައި 2012 ވަނަ އަހަރުން ފެށިގެން، ކޮންމެ އަހަރަކު ބާއްވަމުން އަންނަ މި ފޯރަމު މި އަހަރު މި ބާއްވަނީ ދެ އަހަރުގެ މެދުކެނދުމަކަށް ފަހު އެވެ. މިދިޔަ ދެ އަހަރު އެ ފޯރަމު ނުބޭއްވުނީ ދުނިޔެއަށް ކުރިމަތިވި ކޮވިޑުގެ ސަބަބުންނެވެ.

މޯލްޑިވްސް ފައިނޭންސް ފޯރަމަކީ ރާއްޖޭގެ އިޖުތިމާއީ ރައްކާތެރިކަމުގެ ވިއުގަ ހަރުދަނާކޮށް، ވަރުގަދަ ކުރުމަށް ޕެންޝަން އޮފީހުން ކުރަމުންދާ މަސައްކަތުގެ އިތުރުން، އެ އޮފީހަކީ ރާއްޖޭގައި ފައިސާގެ އެންމެ ބޮޑު ފަންޑު މެނޭޖުކުރާ އިދާރާއަށްވުމާ އެކު، ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތުގައި ބައިވެރިވުމުގެ ގޮތުން، އެ އޮފީހުން އިސްނަގައިގެން އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ ފޯރަމެކެވެ.