Advertisement

ބަޖެޓު 2023: ފޮރިން މިނިސްޓްރީގެ ބަޖެޓުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ސިޔާސީ މަގާމުތަކަށް

7 ނޮވެންބަރު 2022 - 10:08 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ފޮރިން މިނިސްޓްރީގެ އިމާރާތް. މުޅި ފޮރިން މިނިސްޓްރީގެ 406 މުވައްޒަފަކަށް ބަޖެޓު ކޮށްފައި ވަނީ 277.24 މިލިއަން ރުފިޔާ --- ފޮޓޯ: ރައީސް އޮފީސް


ބަޖެޓު 2023: ފޮރިން މިނިސްޓްރީގެ ބަޖެޓުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ސިޔާސީ މަގާމުތަކަށް

7 ނޮވެންބަރު 2022 - 10:08 0

އަންނަ އަހަރު ފޮރިން މިނިސްޓްރީއަށް ކަނޑައަޅާފައިވާ ބަޖެޓުގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ސިޔާސީ މުވައްޒަފުންގެ މުސާރައަށް ހަރަދުވާނެ ކަމަށް ބެލެވިއްޖެ އެވެ.

މާދަމާ ބަޖެޓު ބަހުސް ފަށަން ހަމަޖެހިފައިވާއިރު ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައި ވަނީ 42.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އޭގެ ތެރެއިން، ފޮރިން މިނިސްޓްރީއަށް ކަނޑައަޅާފައި ވަނީ 367.6 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.

އޭގެ ތެރެއިން، ސިޔާސީ ގޮތުން އައްޔަނުކުރާ 108 މުވައްޒަފެއްގެ މުސާރައަށް ވަނީ 165.19 މިލިއަން ރުފިޔާ ކަނޑައަޅާފަ އެވެ. އެއީ ގާތްގަނޑަކަށް މުޅި ފޮރިން މިނިސްޓްރީގެ ބަޖެޓުގެ 45 ޕަސެންޓެވެ.

މި ސަރުކާރުގައި ތިންވަނައަށް އެންމެ ގިނަ ސިޔާސީ މަގާމުތައް އުފައްދާފައިވަނީ ފޮރިން މިނިސްޓްރީގަ އެވެ. އެހެން ނަމަވެސް، އަންނަ އަހަރު އެންމެ ބޮޑު ހޭދައެއް ކުރާނީ ވެސް ފޮރިންގެ ސިޔާސީ މަގާމުތަކަށެވެ.

އެ މިނިސްޓްރީގެ ސިވިލް މުވައްޒަފުންގެ މުސާރައަށް 59.67 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާއިރު، މިއީ ސިޔާސީ މުވައްޒަފުންގެ މުސާރަައިގެ އެންމެ 36 ޕަސެންޓެވެ.

މުޅި ފޮރިން މިނިސްޓްރީގެ 406 މުވައްޒަފަކަށް ބަޖެޓު ކޮށްފައި ވަނީ 277.24 މިލިއަން ރުފިޔާ އެވެ. އެހެންކަމުން، އޭގެ ތެރެއިން ގާތްގަނޑަކަށް 60 ޕަސެންޓަކީ އެންމެ 108 ސިޔާސީ މުވައްޒަފުންނަށް ހިނގާނެ ހަރަދެވެ.

އެމްބަސީތަކަށް ކުރާ ހޭދަތައް ވެސް އިތުރު

ތަފާތު 16 ގައުމެއްގައި އެމްބަސީ އާއި ކޮންސިއުލޭޓް ހިމެނޭ ގޮތަށް ޖުމްލަ 18 މިޝަންއެއް ރާއްޖޭން ހިންގާއިރު، އަންނަ އަހަރު އެ މިޝަންތައް ހިންގަން 302.3 މިލިއަން ރުފިޔާ ވަނީ ބަޖެޓުކޮށްފަ އެވެ. އެ މިޝަންތައް ހިންގުމަށް މިދިޔަ އަހަރު، ޖުމްލަ 245.87 މިލިއަން ރުފިޔާ ވަނީ ހަރަދުވެފަ އެވެ. އެހެންކަމުން މިއީ ގާތްގަނޑަކަށް 57 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

އެމްބަސީތަކަށް ކުރާ ހޭދަތައް ވެސް އަންނަ އަހަރު ބޮޑުވާނެ ކަމަށް ލަފާކޮށްފައިވާއިރު މާލޭގައި ހުންނަ ފޮރިން މިނިސްޓްރީގެ އޮފީހަށް ކަނޑައަޅާފައި ވަނީ 65.3 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެންމެ ދެ އެމްބަސީއެއްގެ ބަޖެޓަށް 68.8 މިލިއަން ވަނީ ބަޖެޓުކޮށްފަ އެވެ.

އެގޮތުން، އެންމެ ބޮޑު ހޭދައެއް ކުރާ ލަންކާގެ އެމްބަސީއަށް 36.7 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާއިރު ދެވަނައަށް އެންމެ ބޮޑު ހަރަދެއް ހިނގާނެ ކަމަށް ލަފާކޮށް މެލޭޝިއާގެ އެމްބަސީއަށް ޖަހާފައި ވަނީ 32.1 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ ގާތްގަނޑަކަށް މިއިން ކޮންމެ އެމްބަސީއަކަށް މި އަހަރު ދީފައިވާ ބަޖެޓާ އަޅާބަލާއިރު އަށް މިލިއަން އިތުރު އަދަދެކެވެ.

ސަރުކާރުގެ އެމްބަސީތަކުގައި ގިނަ އަދަދެއްގެ ސިޔާސީ މުވައްޒަފުން ތިބޭތީ އެކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ފާޅުކުރެ އެވެ. އެމްބަސީތަކަށް ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ބޮޑު މުސާރާގައި ސިޔާސީ މުވައްޒަފުން ނަގާތީ އިދިކޮޅުން ވެސް އެ މައްސަލަ ފާހަގަކޮށްފައިވެ އެވެ.