Advertisement

ހުޅިދޫގެ ހައިޖާނަށްފަހު ރިސޯޓުތަކުން ރަށްތަކަށް ގެސްޓުން ނުފޮނުވާ މައްސަލަ ހޫނުވެއްޖެ!

7 ނޮވެންބަރު 2022 - 10:57 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ހުޅިދޫ މައްސަލައިގައި ސަރުކާރާއި، ވ. އަތޮޅު ކައުންސިލް އަދި ރަށް ކުއްޔަށް ހިފާފައިވާ ފަރާތާއި މެދު ބޭއްވުނު މަޝްވަރާގެ ތެރެއިން -- ފޮޓޯ: ވ. އަތޮޅު ކައުންސިލް


ހުޅިދޫގެ ހައިޖާނަށްފަހު ރިސޯޓުތަކުން ރަށްތަކަށް ގެސްޓުން ނުފޮނުވާ މައްސަލަ ހޫނުވެއްޖެ!

7 ނޮވެންބަރު 2022 - 10:57 0

ވ. އަތޮޅު ހުޅިދޫ އަނބުރާ ހޯދުމަށް އެ އަތޮޅު ކައުންސިލްގެ ރައީސް އަދި ރައްޔިތުން އެ ރަށަށް އަރާ އަޑުއުފުލި މައްސަލައަށްފަހު ރިސޯޓުތަކުން އެ އަތޮޅުގެ ރަށްތަކަށް ގެސްޓުން ނުފޮނުވާ މައްސަލަ ހޫނުވެއްޖެ އެވެ.

މައްސަލަ ހޫނުވެފައި މިވަނީ ވ. އަތޮޅުގައި ހިންގާ އަލިމަތާ ރިސޯޓަށް އެ އަތޮޅު ފެލިދޫ ކައުންސިލުން ފޮނުވި ސިޓީއަކާ ގުޅިގެންނެވެ. އެގޮތުން އެ ސިޓީގައި ބުނެފައިވަނީ ވ. އަތޮޅު ހުރިހާ ރައްޔިތުންގެ ނަމުގައި ކަމަށް ބުނެ ވަކި ބަޔަކު ހުޅިދޫއަށް އަރާ ކުރި މުޒާހަރާއަކީ ފެލިދޫ ރައްޔިތުންނާއި ކައުންސިލުން ވެސް ތާއީދު ކުރާ ކަމެއް ނޫން ކަމަށެވެ. އަދި ކުރިއެކޭ އެއްގޮތަށް އެ ރިސޯޓުން ގެސްޓުން ރަށަށް ފޮނުވައިދިނުމަށް ވެސް އެ ސިޓީ ނިންމާލަމުން ވަނީ އެދިފަ އެވެ.

މި ސިޓީއާ ބެހޭ ގޮތުން "އަދަދު"އަށް މައުލޫމާތު ދެއްވަމުން ވ. އަތޮޅު ރައީސް ޝުޖާއު އަލީ ވިދާޅުވީ ހުޅިދޫ އަކީ އަލިމަތާ ރިސޯޓުގެ ހިއްސާދަރުންގެ ހިއްސާ އޮންނަ ރަށެއް ކަމަށާއި އަތޮޅުގެ ރަށްތަކަށް ގެސްޓުން ނުފޮނުވަނީ ހުޅިދޫ ހޯދުމަށް އެބޭފުޅުން ކުރާ މަސައްކަތުގެ ސަބަބުން ނުރުހުން ފާޅުކުރުމުގެ ގޮތުން ކަމަށެވެ. އަދި އެ ރިސޯޓުގެ ވެރިންގެ ވިސްނުން ހުރީ ހުޅިދޫ މައްސަލައިގެ ސަބަބުން އަތޮޅުގެ ރަށްތަކަށް ދަތިކުރުން ކަމަށް ވެސް ތުހުމަތު ކުރެއްވި އެވެ.

"އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފެލިދޫގައި ގެސްޓްހައުސް ވިޔަފާރިކުރާ ދެތިން ފަރާތަކުން ކައުންސިލަށް ޝަކުވާ ހުށަހަޅާފަ ވަނީ.. އެބޭފުޅުން އެދުނީ ކައުންސިލުން ސިޓީއެއް ލިޔެފި ނަމަ އަލިމަތާއިން ގެސްޓުން ފޮނުވާނެ ކަމަށް," ފެލިދޫ ކައުންސިލްގެ ސިޓީއާ ބެހޭގޮތުން ޝުޖާއު ވިދާޅުވި އެވެ.

އަތޮޅު ކައުންސިލްގެ އަމަލުތަކާ ފެލިދޫ ކައުންސިލުން ދެކޮޅު

މި މައްސަލައިގައި "އަދަދު" އަށް މައުލޫމާތު ދެއްވަމުން ފެލިދޫ ކައުންސިލްގެ ރައީސް އަހުމަދު ނަސްރުﷲ ވިދާޅުވީ ކައުންސިލްގެ ސިޓީއަކީ އަލިމަތާ ރިސޯޓުން ވަކި އެންގުމެއް އަންގައިގެން ފޮނުވި ސިޓީއެއް ނޫން ކަމަށެވެ. އަދި ސިޓީގައި ބުނެފައިވާހެން ނަސްރުﷲ ވަނީ ހުޅިދޫ ހޯދުމަށް "ވަކި ބަޔަކު" ކުރާ މަސައްކަތަކީ އެ ރަށުން ތާއީދުކުރާ ކަމެއް ނޫންކަން ތަކުރާރު ކުރައްވާފަ އެވެ.

"ވ. އަތޮޅުގައި ލޯކަލް ޓުއަރިޒަމް ދިރުވާ އާލާކުރުމަށްޓަކާ ގެސްޓްހައުސް ވިޔަފާރީގައި އުޅުއްވާ ބޭފުޅުން އިސްނަންގަވައިގެން އެސޯސިއޭޝަނެއް އުފެއްދުމުގެ މަސައްކަތެއް ކުރަމުންދިޔަ ދަނޑިވަޅެއްގައި ހިނގާ ދިޔަ ކަމެއް (ހުޅިދޫ މުޒާހަރާ) މި ކަމަކީ." ނަސްރުﷲ ވިދާޅުވި އެވެ.

އޭނާ ދެކޭ ގޮތުގައި ހުޅިދޫ މުޒާހަރާ ފަދަ އަމަލުތަކުގެ ސަބަބުން އެ އަތޮޅުގެ ލޯކަލް ޓުއަރިޒަމަށް ނޭދެވޭ އެތަށް އަސަރެއް ކުރާނެ އެވެ.

އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވާ ނަސްރުﷲ ވިދާޅުވީ މިއީ އަތޮޅު ކައުންސިލް ރައީސްގެ ނިސްބަތްވާ ޕާޓީގެ ސަރުކާރެއް ކަމަށާއި މިފަދަ މައްސަލަތަކުގައި އޮންނަ ރީތި ނިޒާމުގެ ދަށުން އުސޫލުގެ ތެރެއިން ކަންކަން ކުރަން ޖެހޭ ކަމަށެވެ. އަދި ބައެއްގެ މުދަލަށް އެގޮތަށް އަރައިގަތުމަކީ ފެލިދޫގެ ރައްޔިތުންނާއި ކައުންސިލުން ބަލައިގަންނަ ހަމައެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

މައްސަލައިގެ ފަސްފަހަތް

މި މައްސަލަ ފެށިގެން ދިޔައީ ސަރުކާރުން ދަނޑުވެރިކަމަށް ދޫކޮށްފައިވާ ހުޅިދޫގައި އެފަދަ އެއްވެސް މަސައްކަތެއް ނުކުރާ ކަމަށްބުނެ އަތޮޅު ރައީސް ޝުޖާއު އަލީ އިސްވެ ހުންނަވާ އެރަށް އަތޮޅުގެ ރައްޔިތުންނަށް އަނބުރާ ހޯދުމަށް މަސައްކަތް ފެއްޓެވުމުންނެވެ.

އެގޮތުން ރައީސް ސޯލިހު 2018 ވަނަ ވެވަޑައިގެން ރިޔާސީ ވައުދާ އެއްގޮތަށް ވ. އަތޮޅު ރައްޔިތުން ދަތުރުދާނެ ރަށެއް ހަމަޖައްސައިދީ އެ ރަށަކީ ހުޅިދޫއަށް ހަދައިދިނުމަށް ޝުޖާއު އިސްވެ ހުންނަވާ ގޮވާލެއްވި އެވެ. އަތޮޅުގެ ބައެއް ރައްޔިތުން ހުޅިދޫއަށް ގޮސް ކުރި މުޒާހަރާ ހުއްޓާލީ ފުލުހުން ގޮސް ސަރުކާރާ އެކު މަޝްވަރާ ކުރުމަށް އެދުމުންނެވެ.

އޭގެ ފަހުން މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވަނީ އަތޮޅު ކައުންސިލާއި ހުޅިދޫ ކުއްޔަށް ނަގައިގެން ތިބި ފަރާތާއި އެކު މަޝްވަރާތަކެއްވެސް ކުރިއަށް ގެންގޮސްފަ އެވެ. ނަމަވެސް އެ މަޝްވަރާތަކުން މައްސަލައަށް ހައްލެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.