Advertisement

ހޯނޑެއްދޫ އޮޕަރޭޝަން: ފަޅު ރަށަކުން ވެސް އިތުރު ޑްރަގު ހޯދައިފި

2 ނޮވެންބަރު 2022 - 19:05 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ހޯނޑެއްދޫގައި ފުލުހުން ހިންގާ އޮޕަރޭޝަންގައި ވަޅުލާފައި ހުއްޓައި މިއަދު ހޯދި މަސްތުވާތަކެތި. -ފޮޓޯ: ޕޮލިސް


ހޯނޑެއްދޫ އޮޕަރޭޝަން: ފަޅު ރަށަކުން ވެސް އިތުރު ޑްރަގު ހޯދައިފި

2 ނޮވެންބަރު 2022 - 19:05 0

ގދ. ހޯނޑެއްދޫގެ އިތުރުން އެ ރަށް ކައިރީގައި އޮންނަ ފަޅު ރަށެއްގައި ވަޅުލާފައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި މިއަދު ވެސް ފުލުހުން ހޯދައިފި އެވެ.

ހޯނޑެއްދޫގައި ފުލުހުން ކުރިއަށް ގެންދާ ވަރުގަދަ އޮޕަރޭޝަނެއްގައި މީގެ ކުރިން ވެސް އެ ރަށުގެ ވަލު ތެރޭގައި ވަޅުލާފައި ހުރި 13 ކިލޯގެ މަސްތުވާތަކެތި ފުލުހުން ވަނީ ހޯދައިފަ އެވެ.

އެ އޮޕަރޭޝަން އަދިވެސް ކުރިއަށްދާއިރު، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހޯނޑެއްދޫގެ އިތުރުން އެ ރަށް ކައިރީގައި އޮންނަ ފަޅު ރަށެއްގައި ވަޅުލާފައި ހުރި ޖުމްލަ 69 ކިލޯގެ ޑްރަގު ފުލުހުން ހޯދާފައިވާ ކަމަށެވެ.

އެއާއެކު، އެ އޮޕަރޭޝަންގައި ފުލުހުން މިހާތަނަށް ޖުމްލަ 82 ކިލޯގެ މެތު އަދި ހެރޮއިން ހޯދާފައިވާ ކަމަށް ހަމީދު ވިދާޅުވި އެވެ.

ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދުނު ކަމަށް ފުލުހުން ބުނިއިރު ގދ. ހޯނޑެއްދޫ އާއި އިތުރު ރަށަކުން މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގެ ތުހުމަތުގައި ފުލުހުން މިދިޔަ ހަފްތާގައި ވަނީ މީހުން ހައްޔަރުކޮށްފަ އެވެ.

އޭގެ ތެރެއިން ހައްޔަރު ކުރި އަބްދުﷲ ރަޝީދު ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ވަނީ މަރުވެފަ އެވެ. އާއިލާއިން ތުހުމަތު ކުރަނީ އަބްދުﷲއަށް ފަރުވާދޭން ފުލުހުން ވަރަށް ބޮޑަށް ލަސް ކުރި ކަމަށެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފަ އެވެ.

އެ އޮޕަރޭޝަން ކުރިއަށް ގެންދަނިކޮށް މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ފުލުހުން ބުނާ ހޯނޑެއްދޫއަށް ނިސްބަތްވާ އަރުޝަދު ހާލިދު ވެސް ފުލުހުން ހައްޔަރު ކުރި އެވެ. ނަމަވެސް ބަންދުގައި ބެހެއްޓޭނެވަރުގެ ހެކި ނެތިގެން އޭނާ ވަނީ ދޫކޮށްލައިފަ އެވެ.