Advertisement

ކުޅިވަރުގެ އާ ތަރިން ބިނާ ކުރުމަށް "އަރުތަ" ޕްރޮގްރާމް ފަށަނީ

2 ނޮވެންބަރު 2022 - 09:50 1

އޮގަސްޓް މަހު ތުރުކީގެ ކޮންޏާގައި ކުރިއަށްދިޔަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ތެރެއިން ރާއްޖޭގެ އެތުލީޓު އިބާދުﷲ އިވެންޓެއްގައި ދުވަނީ: އިބާދުﷲ އަކީ އަރުތަ ޕްރޮގްރާމްގެ އެހީގައި މި ވަގުތު ޖެމެއިކާގައި ޓްރެއިނިން ފުރިހަމަ ކުރަމުން އަންނަ އެތުލީޓެއް.-- ފޮޓޯ: އިސްމާއިލް ތޯރިގު/ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ


ކުޅިވަރުގެ އާ ތަރިން ބިނާ ކުރުމަށް "އަރުތަ" ޕްރޮގްރާމް ފަށަނީ

2 ނޮވެންބަރު 2022 - 09:50 1

ރާއްޖޭގެ ކުޅިވަރުގެ މުސްތަގްބަލްގެ އާ ޖީލު ބިނާކުރުމަށް "އަރުތަ" ޕްރޮގްރާމްގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް ރަސްމީކޮށް ލޯންޗު ކުރަން ކުޅިވަރާއި ބެހޭ ވުޒާރާ އިން ތައްޔާރުވެއްޖެ އެވެ.

މި މަހުގެ މެދުތެރޭގައި ލޯންޗު ކުރަން މަސައްކަތްކުރާ "އަރުތަ" ޕްރޮގްރާމަކީ ރާއްޖޭގެ އެކި ކުޅިވަރުތަކުގެ ޒުވާން ކުޅުންތެރިންނަށް ރާއްޖެއިން ބޭރުގައި ތަމްރީން ހަދައި އެ ކުޅިވަރުގައި ކުރިއަށްދިޔުމަށް ފުރުސަތުތައް ފަހިކޮށްދޭ ޕްރޮގްރާމެކެވެ.

ރަސްމީ ސިފައެއްގައި އަރުތަ ޕްރޮގްރާމް ލޯންޗު ނުކުރި ކަމުގައިވިޔަސް ސަރުކާރުގެ އެހީގައި މިހާރުވެސް ބައެއް ކުޅިވަރުތަކުގެ އެތުލީޓުން އަންނަނީ ރާއްޖެއިން ބޭރުގައި ތަމްރީން ހަދަމުންނެވެ. އޭގެ ތެރޭގައި ޓޭބަލް ޓެނިސް އާއި ޓެނިސް އަދި އެތުލެޓިކްސްގެ ޒުވާން އެތުލީޓުން ހިމެނެ އެވެ.

ރާއްޖޭގައި މި މަހު ބާއްވާ ޓެނިހުގެ އިންޓަނޭޝަނަލް މުބާރާތުގެ އިވެންޓެއްގެ ތެރެއިން ނޫސްވެރިން ކުރި ސުވަލާކަށް ޖަވާބު ދެއްވަމުން، ޔޫތު މިނިސްޓަރު މަހުލޫފު ވިދާޅުވީ ރަސްމީކޮށް މި ޕްރޮގްރާމް ލޯންޗު ކުރެވުމާ އެކު ހަރުދަނާ އުސޫލެއްގެ ދަށުން ހުރިހާ ކުޅިވަރެއްގެ އެތުލީޓުންނަށް ވެސް ގައުމުން ބޭރުގައި ތަމްރީން ހެދުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

"އަޅުގަނޑުމެން، އަރުތަ ޕްރޮގްރާމްގެ ނަމުގައި 11-17 ނޮވެމްބަރާއި ދޭތެރޭގައި އެބަ ލޯންޗު ކުރަން. މިސާލަކަށް ޓެނިސް ކުޅޭ ދެ ކުޅުންތެރިންކަމަށްވާ ނަބާ އަދި އާރާ، މި ދެ ކުޅުންތެރިންވެސް އެ ޕްރޮގްރާމްގެ ދަށުން މިހާރުވެސް ރާއްޖެއިން ބޭރުގައި އެދަނީ ތަމްރީންތައް ހަދަމުން." މަހުލޫފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ގައުމުން ބޭރުގައި ތިބި ކުޅުންތެރިންނަށް އެ ފުރުސަތު ދިނުމުގައި އެސޯސިއޭޝަންތަކުގެ ހިޔާލުވެސް ހޯދާފައިވާނެ ކަމަށެވެ. އަދި ކުރިއަށް އޮތްތާނގައި އެކަން ކުރުމުގައި ވެސް އެސޯސިއޭޝަންތަކުގެ ބައިވެރިވުން މިހާރަށް ވުރެ ބޮޑަށް އިތުރުވާނެ ކަމަށް ވިދާޅުވި އެވެ.

"ހަމައެކަނި އަޅުގަނޑުގެ ނިންމާ ނިންމުމެއްގެ ބަދަލުގައި އެސޯސިއޭޝަންތަކުގެ ލަފާގެ މަތިން އެކަން ކުރަން ބޭނުންވަނީ. މިހާރު ވެސް އެސޯސިއޭޝަންގެ ލަފާގެ މަތިން އަޅުގަނޑުމެން އެކަން މި ކުރަނީ." މަހުލޫފް ވިދާޅުވި އެވެ.

"އަރުތަ ޕްރޮގްރާމާ އެކު މިހާރު މިކަންކަން ހަމަޖެހޭ ގޮތަށްވުރެ ހަރުދަނާ ކޮށް ހުރިހާ ކުޅިވަރަކަށް ވެސް އެކަން ހަމަޖެހޭނެ ގޮތަށް އެކަން ގެންދިޔުން ބޭނުމަކީ. އެގޮތަށް އެކަން ކުރެވުނީމަ އޭގެއިން ވަރަށް ރަނގަޅު ނަތީޖާތަކެއް ނުކުންނާނެކަމަށް ދެކެނީ."

މިނިސްޓަރު މަހުލޫފު ވިދާޅުވީ މިހާތަނަށް ސަރުކާރުގެ އެހީތެރިކަމާ އެކު ގައުމުން ބޭރުގައި ތަމްރީން ހެދި ކުޅުންތެރިން ކުރިއެރުން ހޯދާފައިވާ ކަމަށާއި، ކުރިއަށް އޮތްތާނގައި ވެސް ރަނގަޅު ކުރަންވީ އެކި އެކި ކަންކަމަށް ފޯކަސް ކޮށްގެން ކުރިއަށްދެވިއްޖެ ނަމަ އިތުރު ކާމިޔާބީތައް ހޯދޭނެ ކަމަށެވެ.