1 ނޮވެންބަރު 2022 - 13:12 0
1 ނޮވެންބަރު 2022 - 13:12 0
މިލާން (ނޮވެމްބަރު 1) - ފިޓްވެގެން ކުޅުމަށް އެނބުރި އައިތާ ހަފްތާއެއް ނުވަނިސް އިންޓަ މިލާންގެ ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ އަށް އަނެއްކާ ވެސް އަނިޔާވެއްޖެ އެވެ.
ބެލްޖިއަމް ގައުމީ ޓީމުގެ މެޑިކަލް ޓީމުން ދާދި ފަހުން ވެސް ވަނީ ލުކާކޫ، 29, އަނިޔާގެ ރެކޯޑާ ހެދި ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ވޯލްޑް ކަޕް ފެށެން ތިން ހަފްތާ އަށް ވެފައި ވަނިކޮށް ބެލްޖިއަމް ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިން ލުކާކޫ އަށް އަނެއްކާ ވެސް އަނިޔާވުމަކީ އެ ޓީމަށް އޮތް ކަންބޮޑުވުމެކެވެ.
ފަލަމަސްގަނޑަށް ލިބުނު އަނިޔާއިން ރަނގަޅުވެ، ދެ މަސް ދުވަހަށް ފަހު ލުކާކޫ ކުުޅުމަށް އެނބުރި އައީ މިދިޔަ ހަފްތާގައި ޗެމްޕިއަންސް ލީގުގައި އިންޓަ މިލާނުން ޗެކް ރިބަޕްލިކް އަތުން 4-0 އިން މޮޅުވި މެޗުގަ އެވެ. އެ މެޗުގައި ލުކާކޫ ވަނީ ބަދަލަކަށް ކުޅެން އަރައި، ގޯލު ވެސް ޖަހައިފަ އެވެ. އަދި ހޮނިހިރު ދުވަހުގެރޭ އިންޓަ އިން ސަމްޑޯރިއާ ބަލިކުރި މެޗުގައި ވެސް ލުކާކޫ ބަދަލެއްގެ ގޮތުގައި ކުޅެން ނުކުތެވެ.
އެކަމަކު، ސަމްޑޯރިއާ މެޗުގައި ލުކާކޫ އަށް އަނިޔާވީ، ކުރިން ވެސް އަނިޔާގެ މައްސަލަ ދިމާވި ފަލަމަސްގަނޑަށެވެ.
އިންޓަ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޗެމްޕިއަންސް ލީގުގައި ބަޔާން މިއުނިކާ ދެކޮޅަށް ކުޅޭ މެޗުގައި އަނިޔާގެ ސަބަބުން ލުކާކޫ ނުކުޅޭނެ ކަމަށެވެ. އިންޓަގެ ކޯޗު، ސިމޯން އިންޒާގީ ބުނީ ލުކާކޫގެ އަނިޔާގެ ތަފްސީލް ދެނެގަންނަން ހަފްތާ ނިމުުމުގެ ކުރިން އިތުރު ޓެސްޓްތަކެއް ހަދާނެ ކަމަށެވެ.
ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ދާދި ފަހުން ދިން އިންޓަވިއުއެއްގައި ވެސް ވަނީ ޔޫރަޕްގެ ސީޒަނެއްގެ މެދުތެެރެއިން ވޯލްޑް ކަޕެއް ކުޅޭއިރު، އެންމެ ބޮޑު އުނދަގުލެއް ކުރިމަތިވާނީ ގަވާއިދުން ކްލަބްތަކުގައި ކުޅޭ ކުޅުންތެރިން ހިމެނޭ ގައުމީ ޓީމުތަކަށެވެ. އަދި އެ ކުޅުންތެރިންނަށް ކްލަބް ލެވެލްގެ މެޗުތަކުގައި ދިމާވާ މަސްގަނޑުގެ އަނިޔާތަކަކީ ވޯލްޑް ކަޕް ތެރެއިން ވެސް ތަކުރާރުވެދާނެ ކަމެއް ކަމަށް މާޓީނޭޒް ފާހަގަކޮށްފައިވެ އެވެ.
ޗެލްސީގެ ލޯން އެއްބަސްވުމެއްގެ ދަށުން އިންޓަ އަށް މި ސީޒަނުގައި ކުޅެމުން އަންނަ ލުކާކޫ ވަނީ މިހާތަނަށް ފަސް މެޗުން ދެ ގޯލު ޖަހައި، އެއް ގޯލު ޖަހަަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. އިންޓަގައި މި ފަހަރު ލުކާކޫ އަށް އެންމެ އެދެވޭ ކުޅުމެއް ނުދެއްކޭތީ އޭނާ ޖެނުއަރީ މަހު ޗެލްސީ އަށް އަލުން ފޮނުވާލަން ވެސް އިންޓަ އިން ވިސްނާ ކަމަށް އިޓަލީގެ މީޑިއާތަކުން ރިޕޯޓްކުރެ އެވެ.
Comment