Advertisement

ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް: މޮޅު އެތުލީޓުގެ މަގާމު ވިސާމް އާއި އަހުނާ އަށް

28 އޮކްޓޯބަރު 2022 - 14:58 0

އެސްޓީއޯ މަކިޓާ 13 ވަނަ ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ މޮޅު އެތުލީޓުގެ މަގާމު ހޯދި ވިސާމް އާއި އަހުނާ އަށް ޓްރޮފީ ހަވާލުކުރުމަށް ފަހު.-- ގާފު ފޮޓޯސް: ޝަޖާތު އަހުމަދު


ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް: މޮޅު އެތުލީޓުގެ މަގާމު ވިސާމް އާއި އަހުނާ އަށް

28 އޮކްޓޯބަރު 2022 - 14:58 0

ގދ. ތިނަދޫގައި ކުރިއަށްދިޔަ އެސްޓީއޯ މަކިޓާ ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ މި އަހަރުގެ މުބާރާތުގެ މޮޅު ފިރިހެން އެތުލީޓުގެ މަގާމު ސާއިދު ސްޕޯޓްސްގެ އަހުމަދު ވިސާމް ހޯދިއިރު، އެންމެ މޮޅު އަންހެން އެތުލީޓަކަށް ބްލެކް މާލިންގެ އަހުނާ ނިޒާރު އަށް ހޮވިއްޖެ އެވެ.

ފޯރިގަދަކޮށް ކުރިއަށްދިޔަ މި މުބާާރާތުގެ އެންމެ މޮޅު ފިރިހެން އެތުލީޓުގެ މަގާމާއި 19 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ހޮވުނު ވިސާމް ވަނީ ޖުމްލަ އެކު ތިން ރަން މެޑަލް ހޯދައިފަ އެވެ.

ދާދި ފަހުން ކޮލަމްބިއާގެ ސަންތިއާގޯ ކާލީގައި ބޭއްވި ދުނިޔޭގެ ޖޫނިއާ މުބާރާތުގައި ވާދަކުރި ވިސާމް ވަނީ މި ފަހަރު ރާއްޖޭގެ އެންމެ ވާދަވެރި ޖޫނިއާ މުބާރާތުގައި 800 މީޓަރާއި 1500 މީޓަރާއި 5000 މީޓަރުން ރަން މެޑަލް ހޯދައިފަ އެވެ.

މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން އައްޑޫ މޭޔަރު ނިޒާރު ޖޫނިއާ ޗެމްޕިއަންޝިޕްގެ ފިރިހެން އެއް ވަނަ އެތުލީޓު ވިސާމް އަށް ސެޓްފިކެޓް ހަވާލުކުރަނީ.--- ގާފު ފޮޓޯސް: ޝަޖާތު އަހުމަދު


ހދ. ކުޅުދުއްފުށްޓަށް އުފަން، އަހުނާ އަކީ މި ފަހަކަށް އައިސް ގައުމީ ލެވަލްގެ މުބާރާތްތަކުގައި ރަނގަޅު ކުރިއެރުމެއް ހޯދަމުން އަންނަ އެތުލީޓެކެވެ.

މި ފަހަރުގެ ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ 17 އަހަރުން ދަށުގެ އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމު ވެސް ހޯދި އަހުނާ ވަނީ ތިން ރަން މެޑަލާއި ތިން މީޓް ރެކޯޑް ހަދައިފަ އެވެ. ރަން މެޑަލް ހޯދީ 100 މީޓަރާއި 200 މީޓަރު ދުވުމުގެ އިތުރުން ލޯންގް ޖަމްޕް އިވެންޓުންނެެވެ.

ނަވާރަ އަހަރުން ދަށުގެ އެންމެ މޮޅު އަންހެން އެތުލީޓަކީ ދާދި ފަހުން ކުވޭތުގައި ބޭއްވި އޭޝިއާގެ 18 އަހަރުން ދަށުގެ ޔޫތު މުބާރާތުގައި 100 މީޓަރު ދުވުމުގެ އަންހެނުންގެ ޔޫތު ރެކޯޑް އާ ކުރި މަރިޔަމް ރޫޔާ އަލީ އެވެ. ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގެ ފަރާތުން ވާދަކުރި ރޫޔާ ވަނީ 100 މީޓަރާއި 200 މީޓަރު އަދި ލޯންގް ޖަމްޕުން ރަން މެޑަލް ހޯދައިފަ އެވެ.

މުބާރާތުގެ 15 އަހަރުން ދަށުގެ އެންމެ މޮޅު އަންހެން އެތުލީޓަކީ ޝަރަފުއްދީން ސްކޫލްގެ އައިޝަތު އަދުފާ ރަޝީދު އެވެ. އޭނާ ވަނީ 200 މީޓަރާއި 400 މީޓަރު ދުވުމުން ރަން މެޑަލް ހޯދުމުގެ އިތުރުން ލޯންގް ޖަމްޕް އިވެންޓުން ރިހި މެޑަލް ހޯދައިފަ އެވެ. މި އުމުރުފުރާގެ އެންމެ މޮޅު ފިރިހެން އެތުލީޓަކީ ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ އަހުމަދު ނޫހު ވަލީދު އެވެ. އޭނާ ވަނީ 400 މީޓަރު ދުވުުމުން ރަން މެޑަލް ހޯދައި، ޖެވެލިން ތުރޯ އިން ގޯލްޑް މެޑަލް ހޯދުމުގެ އިތުރުން އެ އިވެންޓުން މީޓް ރެކޯޑް ހަދައިފަ އެވެ.

މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން އައްޑޫގެ މޭޔަރު ނިޒާރު މުބާރާތުގެ އެންމެ މޮޅު އަންހެން އެތުލީޓަކަށް ހޮވުނު އަހުނާ އަށް ޓްރޮފީ ހަވާލުކުރަނީ.--- ގާފު ފޮޓޯސް: ޝަޖާތު އަހުމަދު


ސަތާރަ އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން އެތުލީޓަކީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ޒުއިޒް މުހައްމަދު ސުއާދު އެވެ. އޭނާ ވަނީ 200 މީޓަރާއި 400 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިފަ އެވެ.

ޖޫނިއާ މުބާރާތުގެ ހުރިހާ ގޮތަކުން އެންމެ ރަނގަޅު ޓީމަކަށް އަންހެން އަދި ފިރިހެން ވެސް ހޮވުނީ ޏ. އަތޮޅު ތައުލީމީ މަރުކަރު އެވެ. އެ ސްކޫލް ވަނީ 17 އަހަރުން ދަށުގެ ފިރިހެން ކެޓަގަރީ އާއި 19 އަހަރުން ދަށުގެ އަންހެން ކެޓަގަރީގެ ވެސް އެންމެ މޮޅު ސްކޫލަކަށް ހޮވިފަ އެވެ. ސަތާރަ އަހަރުން ދަށުގެ އަންހެން އަދި 15 އަހަރުން ދަށުގެ އަންހެން އެއް ވަނަ ހޯދީ ޝަރަފުއްދީން ސްކޫލް އެވެ.

ނަވާރަ އަހަރުން ދަށުގެ އެއް ވަނަ އަށް ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް ހޮވުނުއިރު، 15 އަހަރުން ދަށުގެ ފިރިހެން އެއް ވަނަ ދިޔައީ ގދ. އަތޮޅު ތައުލީމީ މަރުކަޒު އެވެ.

ތޭރަ އަހަރުން ދަށުގެ އަންހެން ބައިން އެއް ވަނަ ދަ ބްލެކް މާލިން އަށް ލިބުނުއިރު، ދެ ވަނައިގައި ނިންމީ މުހައްމަދު ޖަމާލުއްދީން ސްކޫލް އަދި ތިން ވަނަ ދިޔައީ އަބޫބަކުރު ސްކޫލް އެވެ. ތޭރަ އަހަރުން ދަށުގެ ފިިރިހެން ބައިން ތިނަދޫ ސްކޫލް އެއް ވަނަ ހޯދިއިރު، ދެ ވަނަ އަކީ މުހައްމަދު ޖަމާލުއްދީން ސްކޫލް އެވެ. އަދި ތިން ވަނަ ދިޔައީ ސ. އަތޮޅު މަދަރުސާ އެވެ.