Advertisement

ހައިކޯޓަށް ވެސް އިތުބާރެއް ނެތް؛ މަސްދަރު ހާމަކުރުމުގެ ބާރު ސުޕްރީމް ކޯޓަށް ދޭން ގޮވާލައިފި

27 އޮކްޓޯބަރު 2022 - 11:50 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ. -ފައިލް ފޮޓޯ: މަޖިލިސް


ހައިކޯޓަށް ވެސް އިތުބާރެއް ނެތް؛ މަސްދަރު ހާމަކުރުމުގެ ބާރު ސުޕްރީމް ކޯޓަށް ދޭން ގޮވާލައިފި

27 އޮކްޓޯބަރު 2022 - 11:50 0

ހެއްކާބެހޭ ގާނޫނުގައި ނޫސްވެރިންގެ މަސްދަރު ހާމަކުރުމުގެ އަމުރު ހައި ކޯޓުން ނެރޭ ގޮތަށް އޮތުމުގެ ބަދަލުގައި އެ ބާރު ސުޕްރީމް ކޯޓަށް ދޭންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

ހެއްކާ ބެހޭ ގާނޫނުގައި މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭ ހާލަތްތަކެއް ކަނޑައަޅާފައިވާ މާއްދާއަށް ނޫސްވެރިން އެދުނު ބައެއް ބަދަލުތަކާއެކު ހެއްކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ވަނީ މަޖިލީހަށް ހުށަހަޅައިފަ އެވެ.

ބިލުގައި ހިމެނޭ އެއް ބަދަލަކީ، މަސްދަރު ހާމަކުރުމަށް ލާޒިމުކުރާ ހާލަތްތަކުގެ ތެރޭގައި ހިމެނޭ ގައުމީ ސަލާމަތާ ގުޅުން ހުރި ކުށްތަކާއި ޓެރަރިޒަމްގެ ކުށްތައް އިތުރަށް ސާފުވާނެ ގޮތަށް ގާނޫނުގައި މާނަކޮށްދިނުމެވެ.

ކުރިން ގާނޫނުގައި އޮތީ މަސްދަރު ހާމަކޮށްދިނުމަށް އެދި ދައުލަތުގެ އިތުރަށް ދައުވާ ކުރާ މީހުންނަށް ވެސް ހުށަހެޅޭ ގޮތަށެވެ. ފަހުން ފޮނުވި ބިލުގައި ހިމެނި ބަދަލަކީ، ދައުލަތް ތަމްސީލުކުރާ ޕްރޮސެކިއުޓާ ޖެނެރަލް ހުށަހަޅައިގެން، ހައި ކޯޓުން ކުރާ އަމުރެއްގެ ގޮތުގައި އެކަން ކަނޑައެޅުމަށެވެ.

އެ ބިލާ ގުޅޭގޮތުން މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި ކުރިއަށްދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުން އަލީ ހުސެއިން ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ސުލޫކީ މައްސަލަތައް ބެލުމުގެ ނަމުގައި ފަނޑިޔާރުންނަށް ބިރު ދައްކައިގެން ނުފޫޒު ފޯރުވާ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.

"ފަނޑިޔާރުން މިތިބީ ބިރުވެރި ކަމެއްގެ ތެރޭގައި ބައިތިއްބާފަ. ދެން ކޮންމެހެން ހައިކޯޓަށް މި ބާވަތުގެ [މަސްދަރު ހާމަކުރުން] މައްސަލަތައް ގޮސްގެން ނޫސްވެރިކަމަށް ނުވަތަ ނޫސްވެރިންނަށް ލިބޭނެ މިނިވަންކަމެއް ނުވަތަ ރައްކާތެރިކަން އޮންނާނެ ކަމަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން،" އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަވައްޓެރި އިންޑިއާ ފަދަ ގައުމުތަކުގައި މި ބާވަތުގެ މައްސަލަތަކުގައި ސުޕްރީމް ކޯޓަށް ދިޔުމުގެ އުސޫލުތައް އޮވެ އެވެ.

މިގޮތުން، އެންމެ މަތީ ކޯޓުގެ އެއް ފަނޑިޔާރުގެ ބެންޗަކުން މައްސަލަ ފުރަތަމަ މައްސަލަ ބައްލަވާފައި، އެ ނިންމުމަކާ މެދު ހިތްހަމަނުޖެހޭނަމަ، އިސްތިއުނާފު މަރުހަލާގައި އެއަށްވުރެ ގިނަ ފަނޑިޔާރުންގެ ބެންޗަކުން މައްސަލަ ބެލޭ ގޮތަށް ހެދިދާނެ ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.

"ކޯޓަކަށް ގޮސްގެން މިކަން ކުރާ ކަމަށް ވަންޏާ އަޅުގަނޑަށް ހީވަނީ ދާންވީ ހަމަ ސުޕްރީމް ކޯޓަށް ހެން. އެއީ ސުޕްރީމް ކޯޓުގައި ތިއްބެވި ބޭފުޅުންނަށް ބަލާއިރު، ރަނގަޅަށް ވިޔަސް، ގޯސްކޮށް ވިޔަސް، ބިރެއް ކަމެއް ނެތި ސުލޫކީ ވެދާނޭތީވެ، ބިރުވެތިކަމެއް ނެތި އެކަން ކުރައްވާނެ ކަމަށް ފެނިވަޑައިގަންނަވާ ގިނަ ބޭފުޅުން އަޅުގަނޑަށް ހީވަނީ ސުޕްރީމް ކޯޓުގައި ހެން ތިއްބެވީ،" އޭނާ ވިދާޅުވި އެވެ.

ނޫސްވެރިންގެ ކަންބޮޑުވުމަށް ހައްލެއް ނުލިބޭ

މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލުގައި ނޫސްވެރިން އެދިފައިވާ ބައެއް ބަދަލުތައް ހިމަނައިގެން އެ މާއްދާ އިސްލާހު ކުރަން ހުށަހަޅާފައިވީނަމަވެސް، ބިލު ހުށަހަޅައިފައިވަނީ ނޫސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުން ހުރި ގައުމީ ސަލާމަތާ ބެހޭ މާއްދާ ހިމަނައިގެންނެވެ.

ބިލުގައި ހިމެނޭ އެއް ބަދަލަކީ، މަސްދަރު ހާމަކުރުމަށް ލާޒިމުކުރާ ހާލަތްތަކުގެ ތެރޭގައި ހިމެނޭ ގައުމީ ސަލާމަތާ ގުޅުން ހުރި ކުށްތަކާއި ޓެރަރިޒަމްގެ ކުށްތައް އިތުރަށް ސާފުވާނެ ގޮތަށް ގާނޫނުގައި މާނަކޮށްދިނުމެވެ.

އެންމެ ބޮޑު ކަންބޮޑުވުމެއް އޮތް ގައުމީ ސަލާމަތާ ބެހޭ މައްސަލަތައް އަދިވެސް ބިލުގައި އޮތުމުން ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވަނީ މީގެ ކުރިން ވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ގައުމީ ސަލާމަތުގެ ކުށް މާނަކުރާ ގާނޫނެއް މިވަގުތު ރާއްޖޭގައި ނެތުމުން، ގައުމީ ސަލާމަތް މާނަކުރުން ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ފުރުސަތު އޮތުމުން އެ ނުކުތާ ހިމަނައިގެން ގާނޫނު އިސްލާހު ކުރަން ދެކޮޅު ކަމަށް އެމްޖޭއޭއިން ބުނެފައިވެ އެވެ.

އޭގެ އިތުރުން، މައްސަލަ ކޯޓަށް ހުށަހެޅުމުގެ ކުރިން ވެސް ނޫސްވެރިޔާއަށް މަސްދަރު ހާމަކުރަން އިދާރާތަކަށް މަޖުބޫރު ކުރުވޭ ފަދަ މާއްދާއެއް ހިމަނާފައި ވާތީ އެ މާއްދާ އިސްލާހުކޮށްދިނުމަށް ވެސް އެމްޖޭއޭއިން އެދުނެވެ.

އެހެންނަމަވެސް މަޖިލީހަށް ހުށަހަޅާފައިވަނީ އެކަމަށް އެއްވެސް ބަދަލެއް ނުގެނެސް، އެ ކަންބޮޑުވުމަށް ހައްލު ނުލިބޭ ފަދަ ގޮތަކަށެވެ.