Advertisement

މޫސަގެ މަރު: ސައްމާހު ބަންދު ނުކުރީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި

ސުޕްރީމް ކޯޓުގެ ނަން ބޯޑު. މި މައްސަލައިގައި ހުކުމް ކުރީ ތިން ފަނޑިޔާރުންގެ ބެންޗަކުން --- ފޮޓޯ: އަދަދު ފައިލް


މޫސަގެ މަރު: ސައްމާހު ބަންދު ނުކުރީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި

މީގެ ހަތް އަހަރު ކުރިން، މާފަންނު އައިޓަމްސް ފިހާރަ ކައިރީ ހިނގި މާރާމާރީއެއްގައި މޫސާ އަހުމަދު، 19، ގެ ގަޔަށް ވަޅި ޖަހައި މަރާލި މައްސަލާގައި ދައުވާކޮށްފައިވާ އިބްރާހިމް ސައްމާހު އަހުމަދު ފަތުހީގެ މައްޗަށް ހައި ކޯޓުގައި ހިންގާ އިސްތިއުނާފުގެ ޝަރީއަތް ނިމެންދެން ބަންދުކުރަން ސުޕްރީމް ކޯޓުން އަމުރުކޮށްފި އެވެ.

ވ. ކެޔޮދޫ، ދޭލިޔާގޭ މޫސަ މަރާލި މައްސަލާގައި، އދ. މާމިގިލީ ސޭޑީގްރޯވް، ސައްމާހުގެ މައްޗަށް އުފުލި ދައުވާއަކީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އެވެ. ނަމަވެސް ކްރިމިނަލް ކޯޓުން މިދިޔަ ޖެނުއަރީ 23، ގައި ހުކުމް ކުރީ އޭނާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ.

ދައުލަތުން އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށް، އިސްތިއުނާފުގެ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އެދުނެވެ. ނަމަވެސް ދައުލަތުން އެދުނު ގޮތަށް ހައި ކޯޓުން ބަންދުގެ އަމުރެއް ނެރެނުދިނެވެ. ދައުލަތުން ހައި ކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި އެވެ.

ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރީ، އޭނާއާ ދެކޮޅަށް ތުހުމަތު ކުރެވޭ ވަރުގެ ހެކި ހުރި ކަމަށް ދައުލަތުން ބުނާ އިރު ހައި ކޯޓުން އެ ކަމަށް ރިއާޔަތް ކޮށްފައި ނުވާ ކަމަށެވެ. އަދި ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ ބައެއް މަރުހަލާތައް ފުރިހަމަނުވާ ކަމަށް ހުކުމް ކުރި އެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ސައްމާހު ބަންދު ނުކުރުމަށް ހައި ކޯޓުން ނިންމީ ރަނގަޅަށް ނޫން ކަމަށް ނިންމީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ފަނޑިޔާރު ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު އަލީ ރަޝީދު ހުސައިނެވެ. ދެން ތިއްބެވީ ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.

މި މައްސަލާގައި އިތުރު ތިން މީހެއްގެ މައްޗަށް ވެސް ދައުލަތުން ދައުވާކޮށް ކްރިމިނަލް ކޯޓުން މިދިޔަ މަހު ހުކުމް ކުރި އެވެ. އެއިން ކުށް ސާބިތުވީ ސ. ހިތަދޫ, މުޑުދާސްގެ، އަލީ ހަސަންގެ މައްޗަށް އެކަންޏެވެ. އޭނާ 15 އަހަރު ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ.

ނ. ޅޮހީ، ކަނީރުމާގެ، މުހައްމަދު ރިޔާޒު އަދި މ. ދިއްގަރު، ދެބުދާރުގެ، އަހުމަދު އިޖާދު މުހައްމަދުގެ މައްޗަށް މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ ސާބިތުުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ.

ސެޕްޓެމްބަރު 24، 2017 ވަނަ ދުވަހު ހިނގި މި މާރާމާރީގައި ލިބުނު ޒަހަމްތަކާއި ގުޅިގެން މޫސާ ހޮސްޕިޓަލަށް ގެނައިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ވަނީ މަރުވެފަ އެވެ.