Advertisement

ރައީސްގެ އިލްތިމާސް؛ ފުރަތަމަ އަހުލާގު، ދެން ބިނާކުރަންވީ އީޖާދީ ވިސްނުން!

26 އޮކްޓޯބަރު 2022 - 05:55 0

މަޖީދިއްޔާ ސްކޫލަށް 95 އަހަރު ފުރުން ފާހަގަކުރަން ދަރުބާރުގޭގައި ރޭ ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް


ރައީސްގެ އިލްތިމާސް؛ ފުރަތަމަ އަހުލާގު، ދެން ބިނާކުރަންވީ އީޖާދީ ވިސްނުން!

26 އޮކްޓޯބަރު 2022 - 05:55 0

މަޖީދިއްޔާ ތާރީހާއި ހަނދާނާއި، ތައުލީމީ ދާއިރާގެ އެހާރާއި މިހާރުގެ ސަފުހާތައް އާ ކުރައްވަމުން، އެ ސްކޫލުގެ އިސް ދަރިވަރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަދުގެ ދަރިވަރުންނާއި ޓީޗަރުންނާއި ބެލިވެރިންނަށް ދޫކޮށްލެވީ ބޭނުންތެރި ނަސޭހަތެކެވެ. މުހިންމު އިލްތިމާސްއެކެވެ.

ފުރަތަމަ އަހުލާގެ އެވެ. އެއަށް ފަހު އީޖާދީ ވިސްނުމުގެ ދަރިންތަކެއް ބިނާކުރުމުގެ މުހިންމު ކަމެވެ.

މަޖީދިއްޔާ ސްކޫލަށް 95 އަހަރު ފުރުން ފާހަގަކުރުމަށްޓަކައި ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި، މަޖީދިއްޔާ ސްކޫލުގެ މުހިންމުކަމުގެ ހަނދާން އާކުރައްވައި، ރައީސް ސޯލިހު ވިދާޅުވީ، އެއީ "މި ގައުމުގެ މިސްރާބު ސީދާކޮށްދޭ ހުންގާނު" ކަމަށެވެ.

"މިއަދު މި މަދަރުސާ ތިޔަ ދަރިވަރުންގެ ފަރާތުން އެދެނީ، މި މަދަރުސާގެ އެންމެ ފުރަތަމަ ޖީލުގެ ދަރިވަރުން ފަދަ ނަމޫނާ ދަރިވަރުންތަކަކަށް ވުމަށް. ދީނީ ގޮތުންނާއި އަހުލާގީ ގޮތުންވެސް ނަމޫނާ ކުދިންތަކަކަށް ވުމަށް. ސްކޫލެއްގެ ހިޔާވަހިކަމުގައި އުޅޭއިރު، ހާސިލުކުރެވޭނެ އެންމެ ފަހުރުވެރި މެޑެއްޔަކީ، އަހުލާގުގެ ރިވެތި ސިފަތައް ހަރުލެއްވުން."

މަޖީދިއްޔާ ސްކޫލަށް 95 އަހަރު ފުރުން ފާހަގަ ކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ޖަލުސާގައި ބައިވެރިވި އެ ސްކޫލުގެ ދަރިވަރުން. -- ފޮޓޯ: ރައީސް އޮފީސް


ވިޔަފާރިވެރިއަކަށް ނުވަތަ ކުޅިވަރު ކުޅުންތެރިއަކަށް ނުވަތަ ސިޔާސީ މީހަކަށް، އަދި އެ ނޫން ދާއިރާއެއްގެ މީހަކަށް ވުމުގެ އަޒުމް ހިތުގައި އޮތަސް، އެންމެ ފުރަތަމަ ހޯދަންވީ ރިވެތި އަހުލާގު ކަމަށާއި އެއީ، ކޮންމެ ދާއިރާއަކުން އެހީތެރިވެދޭނެ، "އެކުވެރިއެއް" ކަމަށް ރައީސް ވިދާޅުވި އެވެ.

ޒަމާނީ ތައުލީމުގެ ހަލުވި ދުވެލީގައި، އީޖާދީ އުފެއްދުންތަކުގެ އައްސޭރިއަށް މި ގައުމު ގެންގޮސްދިނުމަކީ ދަރިވަރުންގެ ވެސް ޒިންމާއެއްކަން ހަނދާންކޮށް ދެއްވުމަށް ފަހު، މަޖީދިއްޔާގެ ވެރިންނާއި ޓީޗަރުންނަށް އަދި ބެލެނިވެރިންގެ އަޒުމަކަށް ހައްދަވަންވީ ވެސް ދިވެހި ގައުމަށް ކުރިއެރުމާއި ތަރައްގީ ގެނެސްދޭނެ އީޖާދީ ވިސްނުން ހުރި ދަރިންތަކެއް ބިނާކުރަން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ގައުމުގައި ހުރި އިޖުތިމާއީ މައްސަލަތައް ހައްލުކުރުމުގެ ވިސްނުމާއި އިސްނެގުން ހުރި ޒުވާނުންތަކެއް އުފެއްދުމަށް،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސްގެ މަޖީދީ ހަނދާންތައް

މަޖީދިއްޔާ ސްކޫލުގެ ކޮންމެ ހަރަކާތެއްގައި ވެސް އެ މަނިކުފާނު އެ ހަނދާންތައް އާކުރައްވަ އެވެ. ޅ. ހިންގަވަރަށް އުފަންވެވަޑައިގެންނެވި ރައީސް ސޯލިހު، ޅަފަތުގައި މާލެ ވަޑައިގެން ފުރަތަމަ ތައުލީމު ހާސިލު ކުރައްވަން ފެއްޓެވީ އީޕީއެސް ސްކޫލުގަ އެވެ. އެއަށް ފަހު މަޖީދިއްޔާ ސްކޫލަށް ބަދަލުވެވަޑައިގެން އެ ސްކޫލުގެ ދަރިވަރެއްގެ ގޮތުގައި އެކި މަގާމުތައް ފުރިހަމަ ކުރެއްވެވި އެވެ.

ޖަލްސާއަށް ފަހު މަޖީދިއްޔާ ސްކޫލުގެ ވެރިންނާއެކު، ރައީސް ސޯލިހުގެ ދެކަަނބަލުން އަދި ނައިބު ރައީސް ފައިސަލް ނަސީމް އާއި އުއްތަމަ ފަނޑިޔާރު މުއުތަޒިމް އަދުނާން ފޮޓޯއަކަށް ހުއްޓިވަޑައިގެން. -- ފޮޓޯ: ރައީސް އޮފީސް


ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ތައުލީމީ ހިޔާވެހިކަމުން އެ މަނިކުފާނަށް ދަސްވެވަޑައިގެންނެވި ބައެއް ކަންކަން ރޭ ހިއްސާ ކުރެއްވެވި އެވެ. އެގޮތުން މީހުންނަށް އިހުތިރާމް ކުރުމާއި، އެހެން މީހުންނާ އެކުގައި އުޅެން ދަސްކުރުމާއި، ދިރިއުޅުމުގައި ބޭނުންވާ މިފަދަ ހުރިހާ ކަމެއް ލިބުނީ މަޖީދިއްޔާއިން ކަމަށް ވިދާޅުވި އެވެ.

"ސްކޫލް ޕްރިފެކްޓެއްގެ ގޮތުގައި ކުރަންޖެހުނު ކަންތައްތަކާއި، ސިކަންދަރީ ހައުސްގެ ކެޕްޓަންކަމާއި، ސްކޫލްގެ ގޭމްސް ކެޕްޓަންކަމުގެ މަގާމުގައި ހުރެ އަދާކުރަންޖެހުނު ދައުރަކީ، އަޅުގަނޑުގެ ދިރިއުޅުމުގެ އަމަލީ މައިދާނަށް މަގު ކޮށައިދިން ކަންތައްތައް،"

އެހާރާއި މިހާރު

ދިވެހިންނަކީ އެންމެ އިހުއްސުރެވެސް ތައުލީމަށް ލޯބިކުރި ބައެއް ކަމަށާއި އޭރުގެ މަންހަޖަކީ، ކިޔަވައިދޭ އެދުރުންނަށް އެނގި ހުރި ދީނީ އިލްމާއި ހިސާބު އިލްމު ކަމަށާއި، އޭރުން ފެށިގެން މި ޒަމާނާ ހަމައަށް އައިސްފައިވާ ބަދަލުތައް ރައީސް ސޯލިހު ހިއްސާ ކުރެއްވެވި އެވެ.

ރަސްމީ ގޮތުން ތައުލީމު ދޭން ފެށުން ގުޅިފައި އޮތީ މީގެ 354 އަހަރު ކުރިން، މީލާދީން 1668 ވަނަ އަހަރު، މާލޭ ހުކުރު މިސްކިތުގެ ދާލަމަތީގައި ފިގުހު އިލްމާއި ހިސާބު އިލްމު ކިޔަވައިދޭން ފެށި ހިސާބުންނެވެ. މަޖީދިއްޔާ ސްކޫލު ފެށުނީ، އިސްކަންދަރު ރަނދުންގެ ހުކުރު މިސްކިތުގެ ދާލައި ކިޔަވައިދޭން ފެށިތާ 259 އަހަރު ފަހުން 1927 ގައި ހުޅުވި މަދަރުސަތުއް ޞަލާހިއްޔާ އެވެ.


އެ ޒަމާނުގެ އެކި މަރުހަލާތަކަށް ފަހު މިހާރު އައިސްފައި "މިތިބީ މުޅިން ތަފާތު ވިސްނުމެއްގައި" ކަމަށާއި މިއަދު އިލްމު އުނގެނުމަކީ، ވަކި ޖިންސެއް ތަފާތުނުކޮށް، ކޮންމެ ކުއްޖަކަށް ވެސް ލިބިގެންވާ ހައްގެއް ކަމަށާއި ކޮންމެ ކުއްޖަކަށް ވެސް، ފަށާ ތައުލީމާއި މެދު މަދަރުސީ ތަޢުލީމު ދިނުމަކީ، މައިންބަފައިންނަށާއި ދައުލަތުގެ މައްޗަށް ވާޖިބެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

މަޖީދިއްޔާއަކީ ދިވެހިންގެ ފަހަރާއި ޝަރަފުގެ ރަމްޒެއް

"މިއީ ދިވެހިންގެ ފަޚުރާއި ޝަރަފުގެ ރަމްޒެއް" ރައީސް ސޯލިހު މަޖީދިއްޔާ ސިފަކޮށްދެއްވީ މިގޮތަށެވެ.

"ތަރައްގީ އާއި ތަހުޒީބުގެ ކުރިބޯށިތައް ދިވެހިންނަށް ދައްކައިދިން ހައިބަވެތި ބިނާއެއް. ދިވެހި ތައުލީމީ ތާރީހުގެ ރަން ސޮފުހާއެއް. ދިވެހިންގެ އުމްރާނީ ފަންނުވެރިކަމުގެ އަގުހުރި ތަރިކައެއް،"

މަޖީދިއްޔާގެ އަހަރީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ސޯލިހުގެ ދެކަނބަލުން ވަޑައިގަންނަވާއިރު، އަރިހުގައި އެޑިއުކޭޝަން މިިނިސްޓަރު ޑރ. އައިޝަތު އަލީ އަދި މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް އައިޝަތު މުހައްމަދު ސޯލިހު. -- ފޮޓޯ: ރައީސް އޮފީސް


މަޖީދިއްޔާ ސްކޫލު ދިވެހި ގައުމަށް ކޮށްދިން ހިދުމަތްތައް، ބަޔާންކޮށް ކޮޅުންނުލާނެ ކަމަށާއި މި ގައުމު ހާސިލުކޮށްފައިވާ ކޮންމެ ކުރިއެރުމަކާއި، ކޮންމެ ކާމިޔާބެއްގެ އެންމެ ބޮޑު ހިއްސާއަކީ މަޖީދިއްޔާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.