Advertisement

ބައި ގަރުނުގެ އުދާސްތަކަށް ލިބުނު ޖަވާބު؛ ހދ. އަށް ހޯދަނީ ޓްރެވެލް ޕެކޭޖެއް!

27 އޮކްޓޯބަރު 2022 - 09:31 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ހދ. އަތޮޅުގައި ޓުއަރިޒަމް ނެތުމުން ނާވައިދޫގައި އަޑު އުފުލަނީ؛ އެ އަތޮޅަށް ހާއްސަ ޕެކޭޖެއް ހޯއްދަވަން މަސައްކަތް ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި - ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ބައި ގަރުނުގެ އުދާސްތަކަށް ލިބުނު ޖަވާބު؛ ހދ. އަށް ހޯދަނީ ޓްރެވެލް ޕެކޭޖެއް!

27 އޮކްޓޯބަރު 2022 - 09:31 0

ރާއްޖޭގެ ރީތިކަން ބޭރު ގައުމުތަކުގެ މީހުނަށް ދައްކައިގެން އާމްދަނީ ހޯދޭނެ ގޮތެއް ވިސްނިގެން ފުރަތަމަ ފަހަރަށް ރިސޯޓެއް ހުޅުވީ 1972 ވަނަ އަހަރުގަ އެވެ. ދެ ރިސޯޓެއްގައި 200 އެއްހާ އެނދާއެކު އޭރު ފެށި ޓުއަރިޒަމް ފުޅާވެ މިހާރު ރާއްޖޭގައި 100 އަށް ވުރެ ގިނަ ރިސޯޓް ހިންގަ އެވެ. ލޯކަލް ޓުއަރިޒަމް ތައާރަފުވެގެން، މީހުން އުޅޭ 105 ރަށެއްގައި ގެސްޓް ހައުސް އެބަ ހިންގަ އެވެ.

ރާއްޖޭގެ ޓޫރިޒަމަށް ބައި ގަރުނު ވެއްޖެ އެވެ. އެކަމަކު އަދިވެސް އެ ސިނާއަތުގެ ހަރަކާތްތައް ނުހިނގާ އަތޮޅުތައް އެބަ ހުއްޓެވެ. ޓުއަރިސްޓުން ރާއްޖެ ވަންނަ މައި ދޮރާއްޓަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓެވެ. އެހެންވެ މާލެ ސަރަހައްދާ ދުރު ބައެއް އަތޮޅުތަކުގައި އަދިވެސް އެންމެ އެދެވޭ ވަރަށް މި ސިނާއަތުގެ ހަރަކާތްތައް ހިންގިފައެއް ނެތެވެ.

ޓުއަރިޒަމް މިނިސްޓަރުގެ މަގާމާ ޑރ. އަބްދުﷲ މައުސޫމް ހަވާލުވެވަޑައިގަތުމަށްފަހު، ރަށްރަށުގައި ޓުއަރިޒަމް ހިންގާނެ ކޮންސެޕްޓްތައް ސާފުކުރުމުގެ ގޮތުން ދަތުރުތަކެއް ކުރެއްވި އެވެ. 70 އަށް ވުރެ ގިނަ ރަށަށް ދަތުރުކުރެއްވުމަށް ފަހު، ނިމިގެން ދިޔަ ހަފުތާގައި މިނިސްޓަރު ވަޑައިގަތީ "ޓޫރިޒަމް ނެތް ހދ." އަށެވެ. އެ ޝިއާރުގެ އަޑު ނުއިވޭ ރަށެއް އެ އަތޮޅުގައި ނެތެވެ.

"ކުރީ ޒަމާނުގައި މި އޮންނަނީ ބޯޓުދަތުރުކުރުން، އަނބިދަރިންނާ ދުރުގަ އެތައް އަހަރަކު މަސައްކަތްކޮށްގެން ލިބޭ ފައިސާ ރަށަށް ފޮނުވައިގެން އުޅުނީ، އެ ހާލަތާއި ހދ. އަތޮޅުގެ ޒުވާނުން މިއަދު އުޅޭ ހާލަތު މާ ބޮޑު ތަފާތެއް ނެތް، ރިސޯޓެއް ނެތުމުން މާ ދުރު އަތޮޅުތަކުގައި މަސައްކަތް ކުރަން ތިބީ،" ތިލަދުންމަތި ކެލައަށް އުފަން ވަޒީރު ވިދާޅުވި އެވެ.

ހދ. އަތޮޅުގެ ހާލަތު އޭނާ ގަބޫލުކުރައްވަ އެވެ.

ހދ. އަތޮޅުގައި މީހުން އުޅޭ ރަށްތަކުގެ ތެރެއިން އެންމެ ރަށެއް ފިޔަވައި ހުރިހާ ރަށަކަށް މިނިސްޓަރު ވަޑައިގެންނެވި އެވެ. އެ ދަތުރުތައް ވީ އިހުތިޖާޖުތަކުގެ މަރުހަބާ ތަކާއި، ވައުދުތައް ހަނދުމަކޮށްދިނުމާއި، މާޔޫސްކަމާއި އުދާސްތަކުގެ އިތުރަށް އުންމީދާއި އުފެއްދުންތެރި ހިޔާލުތައް ވެސް އިވިގެން ދިޔަ ޝައުގުވެރި ދަތުރުތަކަކަށެވެ.

ހދ. ނާވައިދޫ ރައްޔިތުންގެ އިހުތިޖާޖުގައި މިނިސްޓަރުގެ ވަފުދު ވެސް ބައިވެރިވެވަޑައިގެން - ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ޚިޔާލުތައް ގިނަ؛ މައްސަލައަކީ ދަތުރުފަތުރު

ކޮންމެ ރަށަކަށް ވަޑައިގެން ވެސް މިނިސްޓަރު ސުވާލުތަކެއް ކުރައްވަ އެވެ. ޓުއަރިސްޓުންނަށް އެ ރަށަކުން ވިއްކާނީ ކޮން ކަމެއްތޯ އެވެ. އެ ރަށެއްގެ ލޯކަލް ޓުއަރިޒަމްގެ ކޮންސެޕްޓަކަށް ވާނީ ކޮން ކަމެއްތޯ އެވެ.

މިހާތަނަށް ވެސް ރާއްޖޭގެ ޓުއަރިޒަމް ހިންގާފައިވަނީ ދޮންވެލި ގޮނޑުދޮށާއި ކަނޑު އަޑީގެ ރީތި ދިރިއުޅުންތައް ދައްކައިގެންނެވެ. އެކަމަކު، ދުނިޔޭގެ ޓުއަރިޒަމް، ތަޖުރިބާ ހޯދުމުގެ ޝައުގަށް ބަދަލުވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެކްސްޕީރިއަންސް އެކްސްޕޮލޯސާއެއް މިއަދު ޓުއަރިސްޓުން ބޭނުން ވަނީ، ދިވެހިންނާ އެކު ދުވަސްކޮޅަކު އުޅެލާފައި، ދިވެހިން ދިރިއުޅޭ ގޮތް، އާދަކާދަތައް ތަޖުރިބާކޮށް، އަޅުގަނޑުމެން މި ކާ އެއްޗެހި ކައިގެން، މިހެން އުޅެލަން،" ރާއްޖޭގެ ޓުއަރިޒަމް ދެން އަމާޒުކުރަން ބޭނުންވާ ގޮތް މިިނިސްޓަރު ސާފުކޮށްދެއްވަ އެވެ.

މިނިސްޓަރުގެ އެ ސުވާލުތަކަށް އުފެއްދުންތެރި ހިޔާލުތަކާއި ވަރުގަދަ ޑިމާންޑްތައް ނުލިބޭ ރަށެއް ނެތެވެ. ކުމުންދޫ، ނޮޅިވަރަމް، ފިނޭއިން ކުޅިއާއި ޗަސްބިން ދެއްކި އެވެ. ނާވައިދޫގައި ރީތި ގޮނޑުދޮށެއް ވެސް އެބަ އޮތެވެ. ރާއްޖޭގެ އެންމެ ބޮޑު ކަނޑޫފާ ނޭކުރެންދޫގައި އޮތް ކަން ވެސް ވަޒީރަށް ހަނދުމަކޮށްދިނެވެ. މިއިން ކޮންމެ ރަށެއްގައި ވެސް އެ ތަންތަން ޒީނަތްތެރިކޮށް ބަލަހައްޓަމުން އަންނަ ކަން ވެސް ބުނެދިނެވެ.


ކުޅުދުއްފުށީގެ ހާލުފޮޅިއާއި މަސްބުރި އާއި އެ ރަށު މީހުންގެ ސަކަ މިޒާޖާއި، މަށިމާލި ފަދަ ތަމްސީލް ކުޅުމުގެ ހަރަކާތްތަކެވެ. ނެއްލައިދޫ މީހުންގެ ސަމާސާ މިޒާޖުގެ އިތުރަށް އެ ރަށު ބަޖިޔަލާއި މަދު މެޓަލެވެ. ވައިކަރަދޫގައި ބުރު އެއްލާ މޮޅު ހުނަރުވެރި ކުޑަކުޑަ ކުދިންތަކެވެ. ކުޅުދުއްފުއްޓާއި ވައިކަރަދުއާއި، މަކުނުދޫން ވެސް ރާޅާއަޅާ ޒުވާނުންނެވެ. މަކުނުދޫ އަތޮޅުގެ ފަރުގެ މުއްސަނދިކަމާއި ޑައިވް ޕޮއިންޓްތަކެވެ.

މި އަތޮޅުގެ ރަށްރަށުގައި ޓުއަރިސްޓުންނަށް ވިއްކޭނެ ސަގާފަތާއި އާދަކާދަތައް ބައިވަރެވެ. ޝައުގުވެރިކަން ވެސް އެބަ ހުއްޓެވެ.

އެކަމަކު މިއަތޮޅަށް އަދި އޮތީ ގޮންޖެހުންތަކެވެ. ފުރަތަމަ ކަމަކަށް ޓުއަރިސްޓުން ގެންނަން ޖެހެނީ މާލެ އަތޮޅުން ބޮޑު އަގެއްގަ އެވެ. ފްލައިޓްތައް ކޮންމެ ދުވަހަކު ނޯންނާތީ، އެ އަތޮޅަށް އަންނަ ޓުއަރިސްޓުން ވެސް، ފަހުން ހިިޔާލު ބަދަލުކޮށް ފައި އެބަ ހުއްޓެވެ.

"މާލެ އެއާޕޯޓުން ހަނިމާދު އަށް 1300 ރުފިޔާ، ހަނިމާދޫން މި ރަށަށް ގެންނަން އަދި 1،800 ރުފިޔާ ލޯންޗަކުން، އާރުޓީއެލް ގަޑިއާ ވެސް ދިމާނުވެދާނެ، ހޯމްސްޓޭ މޮޑެލްގެ އެންމެ ގެސްޓް ހައުސްއަކަށް ހައެއްކަ ޓުއަރިސްޓުން ގެންނަން ސީޕްލޭން ވެސް ވާނީ ބޮޑު ހަރަދަކަށް،" ޓުއަރިސްޓް ރިސޯޓްތަކުގައި މަސައްކަތް ކޮށްފައިވާ ނޭކުރެންދޫ ޒުވާނަކު ބުންޏެވެ.

ދަތުރުފަތުރުގެ ލިންކްއެއް ނެތުމުންނާއި، މާލެ އަތޮޅުން ހދ. އަތޮޅަށް ގެސްޓުން ގެންނަން ޖެހުމާއި، ގެނައުމުގެ ހަރަދު ބޮޑުވުމާއި، ފްލައިޓްތަކުގެ ގަޑިތައް ދިމާނުވުމާއި، ޓިކެޓް އަގުބޮޑުވުމުން ގެސްޓުން ދީފައިވާ "ބޭޑް ރިވިއުތައް" ވެސް ހދ. އަތޮޅުގެ ޒުވާނުން ހިއްސާކުރި އެވެ.

ނެއްލައިދޫގެ ޓޫރިސްޓު ސައިޓްތައް މިނިސްޓަރުގެ ވަފުދު ބައްލަވާލައްވަނީ - ފޮޓޯ: މިރާޝް ނާޝިމް / އަދަދު


"އަޅުގަނޑަށް ގެސްޓްއަކު މެސެޖް ކުރި، މިއަށް ވުރެ އަދި މާ އަގުހެޔޮކޮށް ތިމަންނަ ކަލޭމެން ގެނެސްދީފައިނަމޭ، ދުބާއީއަށް ވެސް، ހުރުން ވެސް ހިލޭ ދީފައިނަމޭ، މިހާ ބޭޑް ރިވިއު ލިބޭ،" ރިސޯޓްތަކުގައި 10 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ ނެއްލައިދޫ ޒުވާނަކު ބުންޏެވެ.

ހދ. އަތޮޅުގެ ރަށްރަށުގައި ބޭއްވި ބައްދަލުވުންތަކުގައި އެ އަތޮޅު ޒުވާނުންނާއި، ގެސްޓް ހައުސް ވިޔަފާރި ފެށުމުގެ ޝައުގުގައި ތިބި މީހުންގެ އިތުރަށް، ރައްޔިތުންގެ މަޖިލީހުގައި އެ އަތޮޅުގެ ދާއިރާތައް ތަމްސީލް ކުރައްވާ މެންބަރުން ވެސް އެ ގޮންޖެހުންތައް ހިއްސާކުރެއްވި އެވެ.

"މީގެ ކުރިން ވައިކަރަދޫގައި ވެސް ގެސްޓް ހައުސްއެއް ހިންގި، އެކަމަކު ފަހުން އެ ކަން ކރިއަކަށް ނުދިޔަ، ދަތުރުފަތުރުގެ ގޮންޖެހުންތަކާ ހުރ،" ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓެ) ވިދާޅުވި އެވެ.

"ޓުއަރިޒަމަށް ފަންސާސް އަހަރު ފުރުނު ޖަލްސާގައި ބައިވެރިވާން ދައުވަތު ލިބުމުން ވެސް އަޅުގަނޑު ވަޒީރަށް ދެންނެވިން، ހދ އަތޮޅުގައި ޓުއަރިޒަމް ނުފެށި އޮއްވާ އަޅުގަނޑު ތި ޖަލްސާއަކު ބައިވެރިނުވާނަމޭ،" އަތޮޅު ރައްޔިތުންގެ އުދާސްތަކުގައި ބައިވެރިވެވަޑައިގެން ފިއްޓެ ވިދާޅުވި އެވެ.

އެއާޕޯޓް ނިމެންވާއިރަށް އެނދުތަކެއް ބޭނުންވޭ

ރާއްޖޭގެ ތާރީހުގައި ވެސް މާލޭ ސަރަހައްދުން ބޭރުގައި ސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫއުގެ ގޮތުގައި ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު މިހާރު ވަނީ ހަވާލުކޮށްފަ އެވެ. 2.1 ބިލިއަން ރުފިޔާގެ އަގުހުރި އެ މަޝްރޫއަށް ފަހު އަހަރަކު 1.3 މިލިއަން ފަޖިންސަރުންނަށް އެ އެއާޕޯޓުން ހިދުމަތް ދެވޭނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

ޓުއަރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު އާތިފް ވިދާޅުވީ ޓުއަރިސްޓުން ހަނިމާދޫ އެއާޕޯޓް މެދުވެރިކޮށް ގެންނަން ފަށާއިރު، ހދ. އަތޮޅުގައި އެ ޓުއަރިސްޓުން ތިބޭނެ ތަންތަން ހުންނަން ޖެހޭނެ ކަމަށެވެ. ނޫނީ އެއާޕޯޓް ވެސް ދެމެހެއްޓެނިވި ގޮތަކަށް ނުހިންގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއާޕޯޓްގައި ބައިނަލް އަގްވާމީ ދަތުރުތައް ފަށަންވާއިރަށް، ޓުއަރިސްޓުން މި އަތޮޅަށް އައިސް ހުންނާނެ ތަނެއް ނެތިއްޔާ، އެ ވަރަށް އެނދުތައް ތައްޔާރު ނުކުރެވެއްޖިއްޔާ، އެއާޕޯޓް ނިމެންދެކަށް އަޅުގަނޑުމެން މަޑުކޮށްގެން ތިބިއްޔާ، ދެން ވާނެ ގޮތަކީ އެއާޕޯޓް ހަލާކުވެގެން ދިޔުން،" އާތިފް ވިދާޅުވި އެވެ.

"ރިސޯޓްތަކުގެ އެނދުތަކުގެ އިތުރަށް ރަށްރަށުގަ ވެސް އެނދުތަކެއް ބޭނުންވާނެ،" އާތިފް ވިދާޅުވި އެވެ.


ޓުއަރިޒަމް މިނިސްޓަރު މައުސޫމް ވެސް ވިދާޅުވީ ހދ. އަތޮޅުގެ ރަށްރަށަށް މި ދަތުރު ކުރުމުގެ ބޭނުމަކީ ވެސް އެއާޕޯޓަށް ބައިނަލް އަގްވާމީ ދަތުރުތައް ފެށުމުގެ ކުރިއަށް އެ އަތޮޅުގައި ޓުއަރިޒަމް ވިޔަފާރި ކުރެވޭނެ ގޮތްތަކެއް ހޯދުން ކަމަށެވެ.

"ދަތިވާނެ، އަޅުގަނޑު ވެސް ގަބޫލުކުރަން ދަތިވާނެ ކަން، އެ ކަމަކު އެ ދަތި ހާލުގައި މި ލިބޭ ހަނި ޖާގަތަކުން ވެސް އަޅުގަނޑުމެން އެބަ ޖެހޭ އެއާޕޯޓް ދަތުރުތައް ފެށުމުގެ ކުރިއަށް ވެސް މި އަތޮޅުގައި އެނދުތައް ތައްޔާރުކޮށް ޓުއަރިޒަމް ވިޔަފާރިއަށް އަތޮޅު ފައްކާ ކުރުން،" މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުގެ އަމާޒަކީ ހދ. އަތޮޅަށް 8،000 ޓުއަރިޒަމް އެނދެވެ.

ކައިރި ގައުމުތަކުން ޓްރެވެލް ޕެކޭޖެއް ހޯދަނީ

މިނިސްޓަރު މައުސޫމް ވިދާޅުވި ގޮތުގައި ދަތުރުފަތުރުގެ ގޮންޖެހުންތައް އެންމެ ބޮޑަށް ދިމާވާ ސަބަބަކީ ކުރު މުއްދަތަކަށް ރާއްޖެ އަންނަ ފަތުރުވެރިންގެ ބަދަލުގައި ދިގު މުއްދަތަކަށް ރާއްޖެ އަންނަ ފަތުރުވެރިންނަށް އަމާޒު ނުކުރެވުމެވެ.

"އީދު ކޮންސެޕްޓް"އަށް ހދ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުގައި ލޯކަލް ޓުއަރިޒަމް ހިންގޭނެ ކަމަށް މިނިސްޓަރު ގަބޫލު ކުރައްވަ އެވެ. އީދާ ދިމާކޮށް ރަށްރަށުގައި ހިންގާ ހަރަކާތްތައް ބަލަން ދިވެހިން އަންނަ އުސޫލުން އެ ހަރަކާތްތައް ބަލަން ބޭރުގެ ޓުއަރިސްޓުން ވެސް ގެނެވޭނެ ކަމަށް މައުސޫމް ވިދާޅުވި އެވެ.

"އީދު ޗުއްޓީއަށް ފްލައިޓްތައް ފުލްވާނެ، ދެން ރަށްރަށުގެ ޖަމިއްޔާ މެދުވެރިކޮށް އިތުރު ފްލައިޓެއް ހިފާނީ، ދެން ރަށަށް އަންނަން ބޭނުންވާ ރަށު މީހުން ވެސް، އަދި އެހެން ރަށްރަށު މީހުން ވެސް ގެންނާނެ، ރަށުގައި އޭރަށް ވަރަށް ހަރަކާތްތައް ވެސް ބާއްވާނެ،" މިނިސްޓަރު ތަފްސީލް ކޮށްދެއްވި އެވެ.

އިންޑިއާގެ ޓްރެވެލް އެޖެންސީތަކާ ވާހަކަ ދައްކަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ރަށްރަށުގައި ހިނގާނެ ހަރަކާތްތަކާއި ތަޖުރިބާ ކުރެވޭނެ ކަންކަން ހިމެނުމަށް ފަހު، "ޓްރެވެލް ޕެކޭޖެއް" ތައްޔާރު ކުރާނީ އެވެ. ދެން މާލެ އާއި މި އަތޮޅާ ދެމެދު ހާއްސަ ދަތުރުތަކެއް ފެށުމުން، ކުރިއަށް ދެވޭނެ ކަމަށެވެ.

ހދ. ކުމުންދޫން މިނިސްޓަރު މައުސޫމްގެ ވަފުދަށް މަރުހަބާ ދަންނަވަނީ - ފޮޓޯ: މިރާޝް ނާޝިމް / އަދަދު


"އެއާޕޯޓް ހަދަންވާއިރަށް ވެސް އެބަ ހިންގާލަން ޖެހޭ، ރަނގަޅު ޕެކޭޖެއް ހަދާލާފައި ވިއްކައިލެވިދާނެ، މަންތާއާއި ވިލާ އެއާ އިން ވެސް ބައިވެރިވާ ގޮތަށް ތިބީ، ފަހަރެއްގައި މި ވެސް ކާމިޔާބު ނުވެދާނެ، އެކަމަކު މަސައްކަތް ކުރަން ބޭނުން،" މިނިސްޓަރު ވިދާޅުވި އެވެ.

އެ ޕެކޭޖްގައި ބައިވެރިވުމަށް ހދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މިނިސްޓަރު ދައުވަތު ދެއްވި އެވެ.

ނާގޯށި ޕްރޮޖެކްޓް؛ "މި ފަހަރު ތަފާތު ވާނެ"

ނާގޯށި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ރަޝިއާގެ ކުންފުންޏެއް ކަމަށްވާ ތްރީކޭ އާ އެންމެ ފުރަތަމަ ހަވާލުކުރީ 2007 ގަ އެވެ. އެ ރަށުގައި 600 އެނދުގެ ރިސޯޓެއް ތަރައްގީ ކުރަން އެމްޓީޑީސީން މަސައްކަތް ކުރި ނަމަވެސް ދައްކަން ޖެހޭ ކުލި ގަވައިދުން ނުދެއްކުމުގެ ސަބަބުން، ނުވަ އަހަރު ފަހު 2016 ގައި އެ ކުންފުނީގެ އެއްބަސްވުން ބާތިލްކުރީ އެވެ.

ރަށުގައި ހަދާ ވިލާތަކާއި ރެސްޓޯރެންޓްތަކާއި އެހެނިހެން އިމާރާތްތަކުގެ ކޮންސްޓްރަކްޝަންގެ ގިނަ މަސައްކަތްތައް ހުރީ ގާތްގަނޑަކަށް އޭރު ނިމިފަ އެވެ. ނަމަވެސް އެ މަސައްކަތް އިތުރަށް ބަޔަކު ހޯދަން ކުރި މަސައްކަތް ދެން ކާމިޔާބުވީ މި އަހަރު ކުރީ ކޮޅެވެ.

ދުބާއީގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ރޯ ގަލަދާރީއާ އެ ރިސޯޓް ތަރައްގީކުރަން ހަވާލުކުރީ، ޖުމްލަ 1670 އެނދު ހިމެނޭ 835 ކޮޓަރި އެވެ.

ޑެޕިއުޓީ މިނިސްޓަރު އާތިފް ވިދާޅުވީ އެ ރިސޯޓް ތަރައްގީ ކުރުމުގެ ކުރިއަށް ތިމާވެއްޓަށް ކުރާ އަސަރު ދެނެގަތުމަށް އީއައިއޭ ހެދުމުގެ މަސައްކަތް ކުރިއަށް ދިޔަ ކަމަށެވެ. މީގެ ދެ ހަފުތާ ކުރިން އެ މަސައްކަތް ނިމުމުން، ދެން ރިސޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ބާރު ދުވެއްޔެއްގައި ކުރިއަށް ދާނެ ކަމަށެވެ.

"ތަފާތު ކޮންސެޕްޓެއް އެއީ. ތިމާވެއްޓާ ރަށްޓެހި ކޮންސެޕްޓްއެއް މި ތައްޔާރު ކުރަނީ. ޕޮންޑްތަކެއް ވެސް ހުންނާނެ. ދުނިޔޭގެ މަޝްހޫރު ރެސްޓޯރަންޓް އެކި ބްރޭންޑްތައް ވެސް ހުންނާނެ." އާތިފް ވިދާޅުވި އެވެ.

ހދ. ނެއްލައިދޫ ރައްޔިތުންނާ މިނިސްޓަރު މައުސޫމްގެ ވަފުދު ބައްދަލުކުރައްވަނީ - ފޮޓޯ: މިރާޝް ނާޝިމް / އަދަދު


"ރާއްޖޭގެ އެހެން ރިސޯޓަކުން ނުލިބޭނެ ޓުއަރިޒަމްގެ ހުރިހާ ޓޭސްޓެއް ތަޖުރިބާކުރާކަށް. ނާގޯށިން ލިބޭނެ. ޔޮޓް މެރީނާއާއި ފެރާރީ ވެސް އެބަ ހުރި. މި ވަގުތަށް ގެނެވޭނެ އެންމެ ރަނގަޅު ޕްރޮޑަކްޓް މިއީ." އާތިފް ވިދާޅުވި އެވެ.

އާތިފް ވިދާޅުވީ ތިން އަހަރު ދުވަހުގެ މުއްދަތުގައި މުޅި އެ ޕްރޮޖެކްޓް ނިމުނަސް އެއީ ހދ. އަތޮޅުގެ ރައްޔިތުންނަށް ވަރަށް ދިގު މުއްދަތެއް ކަމަށެވެ. އެހެންވެ ފިޔަވަހިތަކަކަށް ބަހާލައި، ފުރަތަމަ ފިޔަވަހި ނިމޭއިރަށް ރިސޯޓް ހުޅުވާލާނެ ކަމަށް އޭނަ ވިދާލުވި އެވެ.

"ފިޔަވަހިތަކަކަށް ބަހާލައިގެން އަޅުގަނޑުމެން ކުރިއަށް ގެންދާނީ. އެއީ މުޅި ޕްރޮޖެކްޓް ނިމެން އަދި އަހަރުތަކެއް ނާގާނެތީ އެއީ ހދ. އަތޮޅުގެ ރައްޔިތުންނަށް މާ ދިގު މުއްދަތެއް. ބައި ގަރުނު މަޑުކޮށްފައި އަނެއްކާ ވެސް އިތުރު ބައި ގަރުނު ދެން ނެތް މަޑުކުރެވޭކަށް." އާތިފް ވިދާޅުވި އެވެ.

ކިތަންމެ ގިނަ ގޮންޖެހުންތަކެއް ހުއްޓަސް އެކަންތައްތައް ވަކިވަކިން ހައްލުުކުރަން ޖެހެ އެވެ. މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީއާ ރާއްޖޭގެ އިގުތިސާދުގެ "އާ ލޭނާރު" ގުޅައިލަން ޖެހެ އެވެ. ޓޫރިޒަމްގެ ސަތޭކަ ޕަސެންޓް ފައިދާ އެއަތޮޅަށް ވެސް ލިބެން ޖެހެ އެވެ. އަތޮޅު މީހުންގެ އެ ވިސްނުން އެބަ ހުއްޓެވެ. ބޭނުން ވަނީ ސަރުކާރުގެ ސިޔާސަތަކުން ގެންނަ ބަދަލުތަކެކެވެ.