Advertisement

މިއަހަރުތެރޭ އެމްޕީއެލާއި ސްޓެލްކޯގައި ޑޭކެއާ ސެންޓަރުތަކެއް ހަދަނީ

25 އޮކްޓޯބަރު 2022 - 13:40 0

ނިމާ ހަސަން

ނިމާ ހަސަން

ކުޑަކުދިންގެ ހަވީރެއްގެ ތެރެއިން؛ ދެ ކުންފުންޏަކުން މިއަހަރުތެރޭ ޑޭކެއާ ގާއިމުކުރާނެ -- ފޮޓޯ: އަދަދު


މިއަހަރުތެރޭ އެމްޕީއެލާއި ސްޓެލްކޯގައި ޑޭކެއާ ސެންޓަރުތަކެއް ހަދަނީ

25 އޮކްޓޯބަރު 2022 - 13:40 0

އޮފީސްތަކުގައި 'ޗައިލްޑް ކެއާ ސްޕޭސް' ގާއިމުކުރުމުގެ ޕްލޭނާ އެއްގޮތަށް މިއަހަރުތެރޭގައި ސްޓެލްކޯ އާއި އެމްޕީއެލުގައި ޗައިލްޑްކެއާ ސްޕޭސް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ސަރުކާރުން ބުނެފި އެވެ.

ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ މިކަން ހާމަކުރެއްވީ، މަސައްކަތުގެ މާހައުލުގައި އަންހެނުންނަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުން ހައްލު ކުރުމަށް ސަރުކާރުގެ އެސްއޯޕީގައި ހިމަނާގައިވާ ޑޭ ކެއާ ސެންޓަރުތައް ވުޖޫދު ކުރުމުގެ މަސައްކަތް ގޮސްފައިވާ ހިސާބު ސާފު ކުރުމަށް ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އެސްއޯޕީއާ އެއްގޮތަށް މާލޭގައި އެފޯޑަބަލް ޑޭކެއާ ހިދުމަތް ފޯރުކޮށްދޭނެ ތަނެއް ގާއިމުކުރާނެ ޖާގަ މާލެއިން ލިބިފައި ނުވާތީ އިތުރު ގޮތްތަކެއް ހޯދަން ޖެހުނު ކަމަށެވެ. އެގޮތުން ވަޒީފާއަދާކުރާ މައިންބަފައިންނަށް ވަޒީފާއަށް ނުކުނަންޖެހުމުގެ ސަބަބުން ކުދިން ބެލެހެއްޓުމުގައި ދިމާވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް ބޭނުންކުރެވޭނެ ތަފާތު އެހެން މޮޑެލްތައް ދިރާސާކޮށްފައިވާ ކަމަށެވެ.

ވަޒީފާ އަދާކުރާ ތަނުގައި ކުދިން ބެހެއްޓޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން 'ޗައިލްޑް ކެއާ ސްޕޭސް' ގާއިމުކުރުމަށްޓަކައި މަޝްވަރާކޮށް، އެކަން ތަންފީޒު ކުރުމަށް ކަރުދާހެއް އެކުލަވާލާ ސޯޝަލް ކައުންސިލަށް ހުށަހެޅުމުން އެ ކައުންސިލުން ވެސް ވަނީ އެ މަސައްކަތް ފެށުމަށް ލަފާ ދީފަ އެވެ.

އެހެންކަމުން، ޗައިލްޑް ކެއާ ސްޕޭސްގެ މިނިމަމް ސެޓޭންޑަޑެއް ތައްޔާރުކޮށް، ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި އެފަދަ ތަނެއް ގާއިމުކުރުމާ ގުޅޭގޮތުން ޖެންޑާ މިނިސްޓްރީން ވަނީ ވަކިވަކި ކުންފުނިތަކާ މަޝްވަރާކޮށްފަ އެވެ.

އެގޮތުގެ މަތިން، މިއަހަރު ތެރޭގައި ޗައިލްޑްކެއާ ސްޕޭސްގެ ހިދުމަތް ދޭން ފެށޭނެ ކަމަށް މިނިސްޓްރީއަށް އަންގާފައި ވަނީ ސްޓެލްކޯ އާއި އެމްޕީއެލުންނެވެ. މީގެ އިތުރުން، ޒަމާނީ ޑޭކެއާގެ ހުރިހާ ހިދުމަތެއް ލިބޭނެހެން އަދި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަ ކްލިނިކްތައް ވެސް ހިމެނޭހެން 3،000 އަކަފޫޓުގެ ހަ ބުރީގެ އިމާރާތެއް ހުޅުމަލޭގައި ގާއިމުކުރުމަށް ޖެންޑާ މިނިސްޓްރީން ވަނީ އެޗްޑީސީއާއެކު ސޮއިކޮށްފަ އެވެ.

އަގުހެޔޮކޮށް މާލޭގައި ޑޭކެއާގެ ހިދުމަތް ދޭނެ ވަކި ތަނެއް ގާއިމުކުރުމަށް ޖެންޑާ މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކޮށްފައިވީ ނަމަވެސް، އެކަން ތަންފީޒުނުކުރެވުނީ މާލޭގައި ޑޭކެއާ ސެންޓަރެއް ގާއިމުކުރަން އެކަށީގެންވާ ޖާގައެއް ނުލިބުމުގެ ސަބަބުންނެވެ.

އެއާއެކު، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ ހިލޭ އެހީގައި ޖެންޑާ މިނިސްޓްރީން ފަށަފައިވާ "ސްޓްރެންތެނިން ޖެންޑާ އިންކްލޫސިވް އިނީޝިއޭޓިވް" (އެސްޖީއައިއައި) ޕްރޮޖެކްޓުގައި ހިމަނައިގެން ޑޭކެއާ ހިދުމަތް ފޯރުކޮށްދިނުމަށް އޮތް މަގު ބަންދުވެ، އެސްޖީއައިއައި ޕްރޮޖެކްޓުން އެ މަސައްކަތް އުނިކުރަން ޖެހުނު ކަމަށް ވެސް ޖެންޑާ މިނިސްޓަރު ވިދާޅުވި އެވެ.