Advertisement

ޖިނާއީ އަދުލުގެ ނިޒާމުގައި ދައުލަތުގެ އިހުމާލާއި ގުދޯގުދޯ ގޮވުން

23 އޮކްޓޯބަރު 2022 - 10:13 4

އަބްދުﷲ ޝާއިރު

އަބްދުﷲ ޝާއިރު


ޖިނާއީ އަދުލުގެ ނިޒާމުގައި ދައުލަތުގެ އިހުމާލާއި ގުދޯގުދޯ ގޮވުން

23 އޮކްޓޯބަރު 2022 - 10:13 4

ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގުމުގެ ތުހުމަތުގައި ކޮށްފައި އޮތް ދައުވާއެއްގެ މައްސަލަ ސުޕްރީމް ކޯޓުން ނިންމިއިރު، އެ ކޯޓު ފާޅުކުރި އެއް ކަންބޮޑުވުމަކީ މައްސަލައިގެ ތަހުގީގުގައި ހުރި އިހުމާލުތަކެވެ. ހާދިސާ ހިނގި ދުވަހުގެ ފަހު ދުވަހު ކުއްޖާ ތަހުގީގަށް ދިން ބަޔާނުގެ ފައިލް ނުހުޅުވޭކަމަށް އޭގެ ތިން މަސް ދުވަސް ފަހުން ފުލުހުން ބުނުމާއި، ތުހުމަތު ކުރެވުނު ފަރާތުގެ ކުޑަކަމުދާތަކެތި ނެގުމަށްފަހު ތަހުލީލުކުރުމަށްޓަކައި ލެބޯޓަރީއަށް ނުފޮނުވައިހުރެ އެތަކެތި ހަލާކުވެ އުކާލާފައިވުމުގެ ސަބަބުން މުހިންމު ހެކިތަކެއް ގެއްލިފައިވުމާއި މައްސަލައިގެ ހާދިސާ ހިނގައިދިޔަ ފަހުން ތިން އަހަރު ދުވަސް ވެގެންދިޔައިރުވެސް މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކުރަން ނުފޮނުވައި އޮތް އޮތުމަކީ ފުލުހުން އަމަލުކޮށްފައިވާ ގޮތާމެދު ޝައްކު އުފެދޭ ކަމެއްކަމަށް ސުޕްރީމް ކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައި އޮވެ އެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން އިއްތިފާގުވި މި ރައުޔާ ގުޅިގެން ފުލުހުންގެ އިދާރާއިން އެއްވެސް ތަހުގީގެއް ހިންގާފައެއް ނުވެ އެވެ. އެއްވެސް ފުލުހަކާ މެދު ފިޔަވަޅު އަޅާފައެއް ނުވެ އެވެ.

ގދ ހުޅުވާރުލުން ހޯދި 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގެ ތަހުގީގާއި ހެކި ހޯދުމުގައި ގާނޫނާއި ޖިނާއީ އިޖްރައާތާ ހިލާފު އެތައް އަމަލެއް ފުލުހުން ހިންގާފައިވާ ކަމަށް ދައުލަތުގެ ޕްރޮސިކިއުޓަ ޖެނެރަލް ވިދާޅުވީ ފެބުރުއަރީ 2021 ގަ އެވެ. އޭގެ ފަހަށް ދެ އަހަރު ވާން އުޅޭއިރު ޕްރޮސިކިއުޓަ ޖެނެރަލް ކުރެއްވި އެ ތުހުމަތުގެ މައްސަލަ ފުލުހުންގެ އިދާރާއިން ބައްލަވާފައެއް ނުވެ އެވެ. އަދި އެކަން ބެލުމަށް ޕީޖީ އަމުރު ކުރައްވާފައެއް ވެސް ނުވެ އެވެ. ވަކި މައްސަލައެއް ތަހުގީގުކުރުމަށް ތަހުގީގީ އިދާރާތަކުގެ މައްޗަށް އަމުރުކުރުމަކީ ޕްރޮސިކިއުޓަ ޖެނެރަލްއަށް ލިބިގެންވާ ގާނޫނީ ބާރެކެވެ. އެހެން ނަމަވެސް، މީޑިއާތަކުގައި ފުލުހުންގެ މައްޗަށް ތުހުމަތު ކުރެއްވުމުގެ އިތުރުން، ޕީޖީ ވެސް މިކަމުގައި އެޅުއްވި ފިޔަވަޅެއް ނެތެވެ.

ދެން އޮތީ ޕީޖީގެ ވާހަކަ އެވެ. ދައުވާކުރުމުގެ މުއްދަތު ހަމަވި ފަހުން ދައުވާކޮށްފައި އޮތުމުގެ ސަބަބުން މައްސަލަ ބާތިލުވެ، ސަލާމަތް ވެގެން ދިޔައީ ކުޑަކުއްޖަކާމެދު ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ތުހުމަތުކުރެވުނު މީހެކެވެ. އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، ޕީޖީގެ 'އިހުމާލު' ފާހަގަކޮށް ވިދާޅުވެފައި އޮތީ، އެ މައްސަލައިގައި ޕީޖީ އަމަލުކުރައްވާފައިވަނީ ގަސްތުގައި އެ މައްސަލަ ފެއިލް ކޮށްލަން ބޭނުންވާ މީހަކު އަމަލު ކުރާނޭ ގޮތަށް ކަމަށެވެ. އެކަން ވެގެން ދިޔަ ގޮތެއް ވެސް ތަހުގީގު ކުރެވިފައެއް ނެތެވެ.

ޕާސްޕޯޓެއް ހިފަހައްޓަން އެދުނު މައްސަލައެއްގައި ނުބައި ޕާސްޕޯޓު ނަންބަރެއް ޖަހާފައި އޮތުމާއި، މަނީ ލޯންޑަރިންގެ މައްސަލައެއްގައި ހުށަހެޅި ލިޔެކިޔުންތަކުގައި ހުރި އޮޅުންބޮޅުންތައް ފާހަގަވެފައި ނެތުންފަދަ 'ފޮތްނުކިޔުމުގެ ސަބަބުން' ކުރިމަތިވާ އަރައިރުމާއި ފުށުއެރުންތަކުގެ ސަބަބުން އެތައް މައްސަލައެއްގައި ދައުލަތަށް 'ލޮޓި ލިބިެއްޖެ' އެވެ. އެކަމަކު އެއިން ކަމަކާ ކަންބޮޑުވެ، އާންމުން ޝަކުވާއެއް ކުރާއިރަށް ދައުލަތުން އެކަންބޮޑުވުން އެއަށްވުރެ ބާރަށް ފާޅުކުރެ އެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތޭ ކިޔުނު މައްސަލައިގައި ކުރާންހުރި، އަދި ކުރެވޭންހުރި ހުރިހާ ދައުވާއެއް ހަ މަސް ދުވަހުގެ ތެރޭގައި ކޮށް ނިންމާނޭކަމަށް ޕްރޮސިކިއުޓަ ޖެނެރަލް ވިދާޅުވީ 2019 ވަނަ އަހަރު އެވެ. ކޮށްފައި ހުރީ މަދު ދައުވާއެކެވެ. އަދި ދައުލަތަށް ގެއްލިގެން ދިޔަ ފައިސާ އަނބުރާ ލިބުމަށް މަގުފަހިވާ ފަދަ އެއްވެސް ދައުވާއެއް އޭގެ ތެރޭގައި ނެތެވެ. މިއީ ވެސް އިހުމާލެކެވެ.

ޖިނާއީ މައްސަލައެއް ސާބިތުނުވެ ނިމިއްޖެ ވާހަކަ މީޑިއާތަކުގެ ފަލަ ސުރުހީއަށް އަރާ ކޮންމެ ފަހަރަކު އާންމުންގެ ނުރުހުން ފުރަތަމަ އަމާޒު ވަނީ ކޯޓަށެވެ. އެ ފާޑު ކިޔުންތައް ބޮޑުވުމުން ކޯޓުން ބަޔާނެއް ނެރޭނެ އެވެ. އެ ބަޔާނުގައި އޮންނާނީ މައްސަލަ ސާބިތުނުވީ އެކަށީގެންވާ ހެކި ހުށަހަޅާފައި ނެތުމުގެ ސަބަބުން ކަމަށެވެ. ދެން އާންމުން ދިމާކޮށްގަންނާނީ ޕީޖީ އޮފީހާ އެވެ. ޕީޖީއިން ކުރައްވާނީ ޓުވީޓެވެ. އޭގައި އޮންނާނީ މައްސަލަ ތަހުގީގުކުރުމުގައި ފުލުހުންގެ ބޮޑެތި އިހުމާލުތަކެއް ހުރިކަމަށެވެ. އެކަށީގެންވާ ހެކި ހޯދާފައި ނެތްކަމަށެވެ.

މައްސަލައެއްގައި ދައުވާކޮށް، ފަހުން ސާބިތުނުވެ ނިމޭ ފަހުން ތަހުގީގާމެދު ޕީޖީ އޮފީހުން ސުވާލު އުފައްދާނަމަ އެ މައްސަލައިގައި ދައުވާކުރި ގޮތާމެދުވެސް ސުވާލު އުފެދެ އެވެ. ކޮންމެ މައްސަލައެއްގެ ތަހުގީގު ފެށޭއިރަށް އެ ކިޔާ ޑިއުޓީ ޕްރޮސިކިއުޝަނަކުން އެ މައްސަލައިގެ ތަހުގީގު ދާ ގޮތް ބަލަ އެވެ. މަޝްވަރާ ކުރެވެ އެވެ. އެހެން އެކަން ހިނގާނަމަ، ދައުވާކުރުމާމެދު ގޮތެއް ނިންމަން ޕީޖީ އޮފީހަށް މައްސަލަ އަންނާނީ އެ އޮފީހުން ދޭ އިރުޝާދުތަކާ އެއްގޮތަށް ހުރިހާކަމެއް ފުރިހަމަވެގެންނެވެ. އަދި އެ މައްސަލައިގައި ދައުވާކޮށްފައި އޮންނާނީ ތަހުގީގު ދިޔަ ގޮތްވެސް ޕީޖީ އޮފީހަށް ރަނގަޅުވީމަ އެވެ. އެހެންވީމާ މައްސަލަ ސާބިތުނުވެ ނިމުމުން ތަހުގީގާމެދު ސުވާލު އުފައްދާނަމަ، ހަމަ އެ ސުވާލު ޕީޖީގެ އިހުލާސްތެރިކަމާމެދު ވެސް އުފެދޭނެ އެވެ.

ޖިނާއީ އަދުލުގެ ނިޒާމު ކުރިއަށްދާނީ މުއައްސަސާތަކުގެ މެދުގައި އޮންނަންޖެހޭ ގުޅުންތައް ރަނގަޅަށް ބޭއްވި، ގާނޫނީ ނިޒާމަށް ހުރިހާ މުއައްސަސާއަކުން ފަރިތަވެގެންނެވެ. ތުހުމަތުގެ އިނގިލި ދިއްކުރުން ހުއްޓާލައި، ހައްލު ހޯދެނިވި މިސްރާބަކަށް ހިޔާލު އެއްގޮތް ކޮށްގެންނެވެ. ބޮޑު އިހުމާލެއްގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކަކީ ތަހުގީގު ކުރެވެންޖެހޭނޭ ކަންކަމެވެ. އެއީ އެފަދަ ކަމެއް ތަކުރާރު ނުވާނޭ ކަން ކަށަވަރުކުރުމުގެ ގޮތުން އެޅޭނޭ ފުރަތަމަ ފިޔަވަޅެވެ. ކޮންމެ މުއައްސަސާއަކުން ވެސް އެ މުއައްސަސާއެއްގެ އިހުމާލުތަކުގެ މައްސަލަ ފޮރުވައި، އެހެން މުއައްސަސާތަކަށް ތުހުމަތުގެ އިނގިލި ދިއްކުރާހާ ދުވަހަކު އަސްލު މައްސަލަ އޮންނާނީ ހައްލުނުވެ އެވެ.

ޖިނާއީ އަދުލުގެ ނިޒާމުގައި ހިމެނޭ މުއައްސަސާއެއް ތަމްސީލުކުރާ މީހެއްގެ އިހުމާލުގެ މައްސަލަ ފެންމަތިވެއްޖެ ނަމަ، އެކަން ހިނގައިދިޔަ ގޮތެއް ބަލަން ތަހުގީގު ކުރާނީ އެވެ. އާންމުންގެ ތެރޭގައި އެއް މުއައްސަސާ އަނެއް މުއައްސާއަށް ތުހުމަތުކުރާނަމަ ގެއްލިގެންދާނީ މުއައްސަސާތަކުގެ އިތުބާރެވެ. ހަތް ގުދު އޮތް މީހާ އެއް ގުދު އޮތް މީހާއަށް ގުދޯއި ގުދޯއި ގޮވީމާ އަޑުއަހަންތިބޭ މީހުންނަށް ފުރަތަމަ ފެންނާނީ އެއްކަލަ ހަތްގުދެވެ. ގޮވި ގުދޯއި ގުދޯއި ގެ ބުރަދަން އެހިސާބުން ގެއްލިގެން ދާނެ އެވެ. ދެ މީހުންގެ ގުދު ވެސް ބަލަންތިބި މީހުންނަށް އެބަ ފެނެ އެވެ.