22 އޮކްޓޯބަރު 2022 - 12:52 0
ނައިބު ރައީސް ފައިސަލް ނަސީމް؛ ވިދާޅުވީ އަދުގެ ކުދިން މަސައްކަތް ކުރަންވީ މާދަމާގެ ލީޑަރުންނަށް ވުމަށް ކަމަށް--- ފޮޓޯ: ރައީސް އޮފީސް
22 އޮކްޓޯބަރު 2022 - 12:52 0
ސްކޫލު ދަރިވަރުން މިއަދު ގަދައަޅައި މަސައްކަތް ކުރަންވީ މާދަމާގެ ލީޑަރުންނަށް ވުމަށް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ "ވެލިއު އެޑިއުކޭޝަން ޕްރޮގްރާމް: ދަ ލީޑަ އިން މީ" އިފްތިތާހުކުރުމަށް މިއަދު ހެނދުނު ތާޖުއްދީން ސުކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ފައިސަލް ވިދާޅުވީ ސުކޫލު އުމުރުފުރައަކީ ކުދިންގެ ގައިގައި ރަނގަޅު އާދަ އާއި އަހުލާގު އަށަގެންނެވުމަށް އެންމެ ރަނގަޅު އުމުރުފުރާ ކަމަށެވެ.
"ހުނަރުވެރި ލީޑަޝިޕް ކޮލިޓީ ގައިގައި ހުންނަ މީހަކަށް ވެގަތުމަށްޓަކައި މަސައްކަތް ކުރަންޖެހޭ. ސުކޫލުތެރެއިން ދަސްވާ ފިލާވަޅުތަކުގެ އިތުރުން ބޭރުތެރެއިން ދަސްވާ ކަންކަމުގެ މުހިންމުކަން ވަރަށް ބޮޑު،" ނައިބު ރައީސް ވިދާޅުވި އެވެ.
ކުދިންނާ މުހާތަބު ކުރައްވަމުން ނައިބު ރައީސް އިތުރަށް ވިދާޅުވީ ކޮންމެ ކުއްޖަކު ކޮންމެ ދުވަހަކު ވެސް ކުޑަ ނަމަވެސް ހެޔޮ ބަދަލެއް ގެނެވޭ ދުވަހަކަށް ހެދުމަށް ކަމަށެވެ. އެ ބަދަލު އަންނާނީ ހަމައެކަނި އަމިއްލަ ނަފްސަށް ނޫން ކަމަށާއި އެ ބަދަލުގެ ހެޔޮ އަސަރު އާއިލާ އާއި ރައްޓެހިންގެ އިތުރުން މުޅި މުޖުތަމައަށް ކުރާނެ ކަމަށް ވިދާޅުވި އެވެ.
"ސުކޫލުތަކުގެ ހުރިހާ ކުދިން ގަދައަޅާ މަސައްކަތް ކުރަންވީ މާދަމާގެ ލީޑަރަކަށްވުމަށް މަސައްކަތް ކުރަން،" ނައިބު ރައީސް ވިދާޅުވި އެވެ.
މިއަދަކީ ގައުމީ ފެންވަރުގައި ފާހަގަކުރާ ޒުވާނުންގެ ދުވަސް ކަން ފާހަގަކުރައްވައި އެމަނިކުފާނު އިތުރަށް ވިދާޅުވީ ގައުމެއްގެ ތަރައްގީ އާއި މުސްތަގުބަލަށް ޒުވާނުންގެ މުހިންމުކަން މިއަދަށް އެކަނި ވިސްނާލި ނަމަވެސް ސާފުވާ ކަމަށެވެ.
އެހެންކަމުން ކޮންމެ ކުއްޖަކު ވެސް ވާންވީ ގައުމު ދެކެ ލޯބިވާ، ގައުމަށް ކޮންމެވެސް ހިދުމަތެއް ކޮށްދޭނޭ ކުއްޖަކަށް ކަމުގައި ނައިބު ރައީސް ވިދާޅުވި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ވެލިއު އެޑިއުކޭޝަން ޕްރޮގްރާމަކީ ރާއްޖޭގެ ސްކޫލްތަކުގެ ގްރޭޑް ނުވަޔަކުން 12 އާ ދޭތެރޭ ކިޔަވާ ދަރިވަރުންނަށް އަމާޒުކޮށްގެން އެޑިއުކޭޝަން މިނިސްޓްރީއިން އެ ކުދިންގެ މެދުގައި ދިރިޅުމުގެ ރަނގަޅު އަހުލާގާއި ސިފަތައް އަށަގެންނެވުމުގެ ބޭނުމުގައި ކުރިޔަށް ގެންދާ ހަރަކާތެކެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment