Advertisement

ކުދިންގެ ތަރުބިއްޔަތަށް ބިރު ދެއްކި ގޮތާއި މިންވަރު

22 އޮކްޓޯބަރު 2022 - 10:39 1

ހަސަން ޒަރީރު (ލަގަން)

ހަސަން ޒަރީރު (ލަގަން)

ލ. ގަން: އިހު ޒަމާނުގައި ބިރު ދައްކައިގެން ކުދިން ތަރުބިއްޔަތު ކުރުމަކީ ގަބޫލުކުރާ ހަމައެއްގެ ގޮތުގައި އޮތް ކަމެއް. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ކުދިންގެ ތަރުބިއްޔަތަށް ބިރު ދެއްކި ގޮތާއި މިންވަރު

22 އޮކްޓޯބަރު 2022 - 10:39 1

ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަކީ މައިންބަފައިންގެ ފޮނި އުއްމީދެކެވެ. މިކަން ކާމިޔާބު ކުރުމަށްޓަކައި އެ ޒަމާނެއްގައި ދަރިން ތަރުބިއްޔަތުކުރުމަށް ކުރާ ހުރިހާ ކަމެއް މައިންބަފައިން ކުރެ އެވެ. އަދި ތަރުބިއްޔަތު ކުރުމަށް ކުރާކަމެއް އެ ޒަމާނެއްގައި ނުކުރާނަމަ އެބަޔަކު ވާނީ ދަރިންނާ އަޅާނުލައި ގޮތެއްފޮތެއްނެތް ބަޔަކަށެވެ. އިހުގައި ދަރިން ތަރުބިއްޔަތު ކުރުމަށް ކޮށްއުޅުނު މަސައްކަތްތަކާއި މިއަދު ދަރިން ތަރުބިއްޔަތު ކުރުމަށް ކޮށްއުޅުނު މަސައްކަތަށް މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ.

ދަރިން ބޮޑެތިކޮށް ދަރިން ނިންދެވުމަށްޓަކައި ކޮންމެ ގެއަކުވެސް އެތެރެގޭ ތެރޭގައި އޮނދޯއްޔެއް ހުރެ އެވެ. ކޮންމެ ކުއްޖަކުވެސް ނިންދަވަނީ، މި އުނދޯލީގައި މައިމީހާގެ އުނގުތެރޭގައި ބައިންދައިގެން، ދެ އަތުން ދަރިފުޅުގެ ބޮލުގައި ހިފަހައްޓާލައިގެން ކިޔަމުންދާ ނާނާއާ އެއް ހަމައަށް ބޯ ހަލުވަމުންނެވެ. ދަރިފުޅު ނިދެމުން ދާއިރު އެންމެ ލޯބިން ކިޔައިދޭ ނާނާތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއް ނާނާއަކީ މިއެވެ.

"ބުޅާކަލޯ ނާދޭ މިގޭދޮށަށް ނާދޭ، މިގޭ ނެތޭ ރޯ ކުއްޖެއް. އެގޭ ތިބީ ރޯ ދެކުދިން، ރޯކުދިންގެ ތުންކައިގެން މިގޭ ދޮށުން ދާންދޭ"

މީގެ އިތުރުންވެސް މިފަދަ އެތައް ނާނާއެއް ކިޔައެވެ.

މައިންބަފައިން ދަރިންނަށް ނާނާތަކާއި ބަނދިތަކާއި އަދި ވާހަކަތަކުގައި އާންމުކޮށް ކިޔައިދެނީ ޖަނަވާރުންގެ ނުރައްކާތެރި ކަމުގެ ވާހަކަ އެވެ. އެތަކެތި އިންސާނުންނަށް ހަމަލާ ދޭނެ ވާހަކައެވެ. އެއީ އެއްގަމުގައި ވިޔަސް ކަނޑުގައި ވިޔަސްމެ އެވެ.

އަޅުގަނޑުމެން މޫދަށް އެރެން ފެށިއިރު، ހުރިހާ ކުދިންނަކީ ވެސް މޫދުގައި ފަސޭހަ ކަމާއެކު ފީނާ ފަތާ ކުދިންނެވެ. މޫދުގައި އުޅޭ ގިނަ އެއްޗިއްސަކީ ބިރުވެރި އެއްޗިއްސެވެ. މި ގޮތުން ކަޅުވެނާއި، ފަންހާމަހާއި، ގަލުވިހަމަހާއި އަދި މަޑީގެ ބިރުވެރިކަމުގެ ވާހަކަތައް އަބަދު ކިޔައިދެ އެވެ. ނަމަވެސް މޫދުގައި ފީނާ މި ތަކެތި ފެންނަން ފެށުމުން މި ތަކެއްޗަކީ އެފަދަ ބިރުވެރި އެއްޗެއް ކަމަކަށް ނުފެނެ އެވެ. ނަމަވެސް އެ ތަކެތި ފެނުމުން އެއީ ސަލާމަތް ނުވާވަރުގެ ނުރައްކާ އެއްޗެހިކަމަށް ހީކުރެވެ އެވެ.

ކުރީ ޒަމާނުގައި ކުދިންނަށް ތަފާތު ގޮތްގޮތުން އަދަބުދީ ބިރުގެންނެވުމަކީ ވަރަށް އާދައިގެ ކަމެކެވެ. އަދި އެހާމެ ގިނައިން ކޮށްއުޅުނު ކަމެކެވެ. ކުދިން އެކުދިންގެ ގޭތެރޭގައި އުޅޭއިރުވެސް ތަފާތު އަދަބުތައް ލިބެ އެވެ. ކިޔަވަންދާ މަކުތަބުގައި ވެސް ނުވަތަ އެދުރު މީހާއިގެ ގާތުންވެސް ގިނައިން ހުންނާނީ އަދަބު ލިބޭ ކަންތައްތަކެވެ. ކުޅެން އުޅޭ އުޅުމުގައިވެސް، ކޮންމެވެސް ގޮތަކުން މި ކަންތައް ނައިހެއް ނުދެ އެވެ.

އަވަށާ ތަންކޮޅެއް ދުރުގައި ކުޅެން އުޅޭއިރުވެސް ބޮޑެއްޗަށް ތިބޭ ކުދިން ކުޑަކުދިން ބިރުގަންނަވާން ވެއްޖެނަމަ، ކިޔާ އުޅޭ އެއްޗެއް މިހާރުވެސް ހަނދާން ހުރެއެވެ. “ހަންޑިޔޯ ބާޅަޔޯ ބުޅާމަސްކާން ބާޅަޔޯ” މިހެން ކިޔުމަށް ފަހު ބޮޑެއްޗަށް ތިބޭ ކުދިން ނުވަތަ ބޭބެމެން ދުއްވައިގަންނާނެ އެވެ. އަދި ފަހަތުން ހަންޑި އަންނާނެކަމުގައި ވެސް ބުނާނެއެވެ.

ކުދިން ބިރުގެންނެވުމަކީ ކިހާވަރެއްގެ ކަމެއްކަމެއް އޭރުގެ މައިންބަފައިންނަކަށް ނޭނގެ އެވެ. އެންމެ ތުއްތު އިރުން ފެށިގެން ހުރިހާ ކަމެއްވެސް، ދަރިންލައްވާ ކުރުވަން ދަސްވެފައި އޮންނަނީ ބިރުދައްކައިގެންނެވެ. ސީދާ ގޮތެއްގައި ޖިސްމާނީ އަނިޔާ ކުރާ މައިންބަފައިން މަދެވެ. ނަމަވެސް ނަފުސާނީ ގޮތުން ބިރު ދައްކާ އުޅުމަކީ އާއްމު ކަމެކެވެ. މިކަމާ ދެކޮޅު ހަދާ މީހަކު ނޫޅޭނެވެ. މި ކަމަށް ދޭނީ ހިތްވަރެވެ.

މި ޒަމާނާ ހިލާފަށް އެޒަމާނުގައި، ކިޔަވަންދާ އުމުރުގެ ކުދިންނަށް ނާސްތާ ދީއުޅެނީ ކިޔަވައިގެން އައިމަ އެވެ. ސައި ދީ ކާން ދީ ހަދާފައި ކިޔަވަން ފޮނުވުމަކީ އޭރަކު ކުރާކަމެއް ނޫނެވެ. ކުއްޖަކު ކައިގެން ކިޔަވަންދާ ވާހަކަ ބުނެފިނަމަ "ކައިގެން ކިޔަވާނީ ފާތިހާ އެވެ.” ބުނެ އުޅެއެވެ. ހެނދުނުގެ ސައިގެ ކުރިޔަކުން އެހެން ނާސްތާއެއް ނޯންނާނެ އެވެ. އެހެންކަމުން ހެނދުނު އެއްޗެއް ލިބޭނީ ގޭދޮށުގައި ކުރަންވާ ކަމެއްކޮށް ބަދިގެއަށް ވަދެ ހެނދުނުގެ ނާސްތާ ތައްޔާރު ކުރެވުނު އިރަކުންނެވެ. މަންމަމެން ބަދިގޭގައި ސައި ކައްކަން އުޅޭއިރު ބަދިގެ ދޮރުމަތީގައި ކުދިން ސައި ނުލިބިފައި ތިބެ އެވެ. މިހެން ތިބޭ ތިބުމުގައި ތަފާތު ގޮތްގޮތުން މަންމަމެންނަށް އުނދަގޫ ކުރާ ކުދިންނާއި ކިޔަވަން ނުދާން އުޅޭ ކުދިންނާއި ދަތް ނޫންގުޅަން އުޅޭ ކުދިން އުޅެއެވެ.

ހެނދުނުގެ ވަގުތަކީ ރަށުގައި ކުދިން ބިރުގަންނަވަން އުޅޭ މީހާ، އެންމެ ގިނައިން ގޭގޭ ދޮށަށް ހިނގާ ވަގުތެވެ. "އުޑުންބިމުން" ދުވަހެއް ދޫކޮށްނުލައި ކޮންމެ ދުވަހަކު ރަށުގެ ހުރިހާ ގެއަކަށް، ހިނގާ ކުދިން ބިރުގެންނެވުމަކީ މިކަލޭގެ އަދާކުރަން ޖެހޭ ވާޖިބެއް ފަދަ ކަމެކެވެ.

ކުދިން ބިރުގަންނަވާ މީހާ

ކުދިން ބިރުގަންނަވާ މީހާ "އުޑުންބިމުން" ދުވަހެއް ދޫނުކޮށް ކޮންމެ ދުވަހަކު ރަށުގެ ގޭގޭ ދޮށަށް ހިނގައެވެ. ހުރިހާ ގެއެއްގެ ބަދިގެދޮށަށް އާދެއެވެ. މަންމަމެންނަށް އުނދަގޫކުރާ ކުދިންނާއި ކިޔަވަން ނުދާން ބޮޑާހާކާ ކުދިންނާއި އަދި ދަތް ނޫނގުޅަން އުޅޭ ކުދިން ހޯދަ އެވެ. މައިން ބަފައިން ތިބެނީ ކުދިން ބިރުގަންނަވާ މީހާ ގޭ ދޮށަށް އަންނާނެއިރެއްގެ އިންތިޒާރުގަ އެވެ.

ކުދިން ބިރުގެންނެވުމުގެ ސަގާފަތް ފެތުރިފައި އޮތްވަރަށް ބަލާއިރު، ގޭގޭ ދޮށަށް އައިސް ކުދިން ބިރުގެންނެވުމުގެ މަސައްކަތް ތަފާތު ފެންވަރުގައި ކުރާ މީހުން އުޅެ އެވެ. މި ބައިމީހުންނަކީ ރަށުތެރޭގައި މުހިންމު ބޭނުންތެރި ބައެއްގެ ގޮތުގައި ބަލަ އެވެ. މި ލިޔުމުގައި ބަލައިލާނީ ކުދިން ބިރުގެންނެވުމުގެ މަސައްކަތް ގަވާއިދު އެންމެ ފުރިހަމައަށް ކޮށްއުޅުނު "ހަންބެ"ގެ މައްޗަށެވެ.

ހަންބެއަކީ ބިޔަ ބޮޑު ދޮން މީހެކެވެ. ހަންބެ ހެނދުނު އަންނައިރު ހުންނަނީ ގަދަޔަށް ދުފައި ރަތްކޮށްލައިގެންނެވެ. ދެމިޔަކަނުން ހުންނާނީ ޗޯފައިބާފަ އެވެ. އަރުވާޖަހައިގެން ދެއަތް ފުރަގަހަށް ލައިގެން ހިނގަމުން އަންނާނީ ވަރަށް މަޑުމަޑުންނެވެ. ގަމީހުގެ މަތީ ދެގޮށް ހުންނާނީ ނައްޓާލައިފަ އެވެ. ބައެއް ފަހަރު ކުކުޅާއި ބަކަރި ފަދައެއްޗެހި ފައްސަން އަޑުލައްވާ ގޮތަށް އަޑުލައްވާ ހަޅޭއްލަވާ ހަދަ އެވެ. އަވަށަށް އަރައިގެން އަންނައިރު ކުދިންކުދިންގެ ރުއިމުގެ އަޑު އިވެން ފަށައެވެ.

ކުރީން ބުނެވުނު ފަދައިން ހެނދުނުގެ ނާސްތާއަށް ތައްޔާރުކުރަން، އަންހެންވެރިން އުޅޭނީ ބަދިގޭގަ އެވެ. ބަދިގެ ދޮރުމަތީގައި ކުދިވެރީން އުޅޭނެ އެވެ. ކުދިން ބިރުގަންނަވަމުން ހަންބެ ގެއަކަށްފަހު ގެއަކަށް ވަންނަމުން އާދެ އެވެ. ކޮންމެ ގެއަކަށް ދިއުމުން އެގެއަކުން މިވެނި ކުއްޖަކު އެވެނި ކަމެއް ނުކުރެއޭ، މިވެނިކުއްޖަކު މިވެނިކަމެއް ކޮށްފިއޭ، މައިން ބަފައިން ހަންބެ ގާތު ކިޔައިދެ އެވެ.

ދެން އަވަސް އަވަހަށް ފިލަން ދެވުނު ކުއްޖަކަށް ދެވުނީއެވެ. ނުދެވުނު ކުއްޖެއްގެ ދުވަސް ދިޔައީ އެވެ. މައިން ބަފައިންގެ ވާހަކަ އަޑު އެހުމަށްފަހު ބައެއް ފަހަރު، ލޯ ރަތްކޮށްގެން އެއްޗެކޭ ނުބުނެ ދަތް ވިކައިގެން ހުރެ، ކުއްޖަކު ބިރުގަންނަވާލައި ފާނެއެވެ. އަނެއްބައި ފަހަރު ބޮޑު ލަކުޑިބުރިއެއް ވެސް ނަގައިފާނެ އެވެ. އިލޮށިފަތިވެސް ނަގައިފާނެ އެވެ. ކަތިވަޅި ފުރޯ ފަދަ ތަކެތިވެސް ނަގައިފާނެ އެވެ. ނުވަތަ ގޯންޏެއްވެސް ހޯދައިފާނެ އެވެ. ނުވަތަ ފަހަތުން ދުއްވައިގަނެ ވެސް ހަދައިފާނެ އެވެ.

ބައެއް ކުދިން ގަންނާކުރައްވާ ބިރެއްގެ ސަބަބުން، ކުރެވޭ ނުކުރެވޭ ކަމެއް ނޭނގި، ހުރިތަނަށް ދެކަމުހާޖަތަށްވެސް ދެވެ އެވެ. ރޭގަނޑު ނުނިދި، ބިރުން ހުންއަންނަ ކުދިންވެސް އުޅެ އެވެ. ނަމަވެސް މީ މާބޮޑު ކަމަކަށް މައިންބަފައިންނަކަށް ނުވެ އެވެ. އެ މީހުން ދެކޭ ގޮތުގައި ރަނގަޅަށް ބިރު ދައްކާ ލެވިއްޖެ ނަމަ ކުއްޖާ ބަސްއަހާ ކިޔަމަންވެ ރަނގަޅު ކުއްޖަކަށް ވާނެ އެވެ. ބިރުގަންނަވާ މީހާ ދެކެނީ މިއީ އެހެން މީހުންނަށް ކޮށްދެވޭ ހެޔޮކަމެއްގެ ގޮތުގަ އެވެ. ލިބިފައިވާ ހުނަރެއްގެ ގޮތުގައެވެ.

ގިނަ ކުދިންނަށް ހަންބެގެ ނަން އަޑުއިވުނަސް ސިފަވެގެންދަނީ އިންސާނެއްގެ ގޮތުގައެއް ނޫނެވެ. ބިރުވެރި ނާމާން އެއްޗެއްގެ ގޮތުގަ އެވެ. ކުދިން ބިރުގެންނެވުމަށްޓަކައި، މައިންބަފައިން ކިޔައިދޭ ބިރުވެރި ވާހަކަތަކުގައި އުޅޭ ޖިންނި ފުރޭތައެއްގެ ސިފައިގަ އެވެ. އެ ތަކެތީގެ ތެރެއިން ކުދިންނަށް ހަމަ ލޮލަށް، ހާމަޔަށް ފެންނަ ހަމައެކަނި ހަގީގީ ފުރޭތައަކީ މިއީ ކަމުގަ އެވެ.

އަޅުގަނޑުގެ ރަޙުމަތްތެރިއަކު ކިޔައިދިން ގޮތުގައި އެ މީހުން ތިބީ މާމަގޭ ފޭރު ގަހުން ފޭރު ބިންނަން އަރާ، ގަހުގެ ކުރީގަ އެވެ. ކުއްލިއަކަށް ހަންބެއަށް މާމަ ގޮވާލި އަޑު އިވުނެވެ. އިރުކޮޅަކުން ފެނުނީ ހަންބެ، ބޮޑު ފުރޮއެއް ހިފައިގެން އައި ތަނެވެ. ފައިބާނެ ވަގުތު ކޮޅެއްވެސް ނުދީ ވަގުތުން ގަސްކަނޑާ ވައްޓާލި އެވެ.

އަޅުގަނޑު ކުޑައިރު، އެއްފަހަރަކު މަންމައާއެކު މިތާ ކައިރި ރަށަކަށް ގޮސް، ކުޑަދުވަސް ކޮޅަކު ހުރީމެވެ. އެއްދުވަހަކު ފެނުނު މަންޒަރަކީ މީހަކު ކުޑަ ކުއްޖަކު ބިރުގަންނަވަން އުޅޭ މަންޒަރެވެ. ރޯން ހުރި ކުއްޖެއްގެ ރުއިން ހުއްޓުވާލުމަށްޓަކައި އެ މީހާ އަރުވާ ޖަހާލި އެވެ. ބަދިގެ ފާރުގައި އަޅުވާފައި ހުރި، މަސްގޮނޑި ނެގި އެވެ. މަސްކަނޑާ ބޮޑުވަޅި ކަޅުހިލަ ދައެއްގައި ކާއްތާ ތޫނުކޮށްލި އެވެ. އެއްޗަކަށް ފެންއަޅާ އެކުއްޖާފުޅު މަހެއް ކަނޑާ ގޮތަށް ކަނޑަން ތައްޔާރު ވެލި އެވެ. ކުއްޖަކު، "ރޯމަހެއް މަރަށް ތެޅޭހެން" ތެޅޭ މަންޒަރު އެދުވަހު އަޅުގަނޑަށް ފެނުނެވެ. އޭރުންސުރެ މިއަދާ ޖެހެންދެންވެސް އަޅުގަނޑުގެ ހިތުގައި މި މަންޒަރު ނުފިލާ ހުރެ އެވެ.

ކީއްވެގެން ކަމެއް ނޭނގެ އެވެ. މި ހަންބެ ދެކެ އަޅުގަނޑެއް ބިރަކުން އުޅޭކަށް ނުޖެހުނެވެ. ނަމަވެސް މި ލިޔުން ކިޔާނެ ކުދިންގެ ތެރޭގައި ހަންބެއަކީ ހަމަ ފުރޭތައެކޭ ބުނާނެ ކިތަންމެ ކުއްޖަކު އުޅޭނެކަން ޔަގީނެވެ. ހަންބެގެ ކިބައިން ކުދިން ސަލާމަތްވީ ޒަމާނާއެކު އައި ހޭލުންތެރިކަމުގެ ސަބަބުން ބައެއް ބެލެނިވެރިން މި ކަންތައްތައް މިހެން ކުރުވަން ބޭނުން ނުވުމުންނެވެ. ކުދިން ބިރުގަންނަވާ ފަރާތްތަކަށް އެކަށޭނަ އެއްބާރުލުމެއް ނުލިބުމުންނެވެ. ލަފާކުރެވޭ ގޮތުގައި މި ކަންތައްތައް ހުއްޓިގެން އައީ 1980 ގެ އަހަރުތަކުގަ އެވެ.