22 އޮކްޓޯބަރު 2022 - 06:19 0
ފާތިމަތު ސާޔާ އަހުމަދު
"ދަ ކްރައުން" ގެ ފަސް ވަނަ ސީޒަންގައި ފެނިގެން ދާނީ އަމީރު ޗާލްސް އަދި ޑަޔާނާގެ ކަންކަން. -- ފޮޓޯ: ނެޓްފްލިކްސް
22 އޮކްޓޯބަރު 2022 - 06:19 0
ނެޓްފްލިކްސުން ގެންނަ "ދަ ކްރައުން" ސީރީޒަކީ ހަގީގީ ވާހަކަތަކެއް ނޫންކަން އަންގައިދިނުމަށް ކުރިއަށް އޮތް ސީޒަންގެ ޓްރެއިލާއަށް ޑިސްކްލެއިމާއެއް އިތުރުކޮށްފި އެވެ.
ނެޓްފްލިކްސުން އިތުރު ކުރި ޑިސްކްލެއިމާގައި ބުނީ އެ ޝޯއަކީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ "ހިޔާލީ ޑްރާމާއެއް" ކަމަށެވެ.
ދާދި ފަހުން ނެޓްފްލިކްސަށް ފާޑުކީ ބައެއް ފަރާތްތަކުން ބުނީ "ދަ ކްރައުން" ސީރީޒްގައި ފެންނަނީ ހުސް ހަގީގީ ހާދިސާތައް ކަމަށް ބައެއް ބެލުންތެރިންނަށް ހީވާ ކަމަށެވެ.
އެގޮތުން ކުރީގެ އިނގިރޭސި ބޮޑު ވަޒީރު ސާ ޖޯން މޭޖާ އާއި ޝާހީ އާއިލާއާ ގާތް ޑޭމް ޖޫޑީ ޑެންޗް ވެސް އެ ޝޯއާ މެދު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
އެ ފަރާތްތަކުން ގޮވާލީ ޝޯގައި ހަގީގަތާ ހިލާފު ގިނަ ކަންކަން ހިމެނޭތީ، ބެލުންތެރިންނަށް އެކަން ސާފުކޮށް އެނގޭނެ ގޮތަށް ބަޔާން ކުރުމަށެވެ.
ޝޯގެ ތަފްސީލުގައި މީގެ ކުރިން "ފިކްޝަނަލް" އެ ލަފުޒު ބޭނުންކޮށްފައެއް ނުވެ އެވެ. ނަމަވެސް މިހާރު ހިމަނާފައިވާ ގޮތުން އެއީ ހިޔާލީ ޑްރާމާ އެކެވެ.
"ދަ ކްރައުން" ގެ ފަސް ވަނަ ސީޒަން ނެޓްފްލިކްސުން ދައްކަން ފަށާނީ ނޮވެމްބަރު ނުވައެއްގަަ އެވެ. އޭގެ ޓްރެއިލާ ނެރުނީ ބުރާސްފަތި ދުވަހު އެވެ.
ޓްރެއިލާއިން ފެންނަ ގޮތުގައި އާ ސީޒަނުން ބޮޑަށް ފެނިގެން ދާނީ މިހާރުގެ ރަސްގެފާނު ޗާލްސް އަަމީރުކަމުގައި ހުންނެވި އިރު، ކުރީގެ އަނބިކަނބަލުން ޑަޔާނާއާ އެކު ހޭދަކުރެއްވި ދުވަސްތަަކެވެ.
Comment