Advertisement

ގައުމީ ހޭންޑްބޯޅަ މުބާރާތް ފޯރިއާ އެކު ކުރިއަށް

19 އޮކްޓޯބަރު 2022 - 09:17 0

ގައުމީ ހޭންޑްބޯޅަ މުބާރާތުގައި ފިއުޗާ ސްޕޯޓްސް އެކަޑެމީ އާއި ޕާލް ސްޕޯޓްސް ކުލަބު ވާދަކުރި މެޗުގެ ތެރެއިން / ފޮޓޯ: އަދަދު


ގައުމީ ހޭންޑްބޯޅަ މުބާރާތް ފޯރިއާ އެކު ކުރިއަށް

19 އޮކްޓޯބަރު 2022 - 09:17 0

ހޭންޑްބޯލް މޯލްޑިވްސްގެ އަހަރުގެ އެންމެ ފަހު މުބާރާތް ކަމަށްވާ ނުވަ ވަނަ ގައުމީ ހޭންޑްބޯޅަ މުބާރާތް މިދިޔަ ހޯމަ ދުވަހު ފަށައިފި އެވެ.

އަންހެން އަދި ފިރިހެން ބައި އެއްކޮށް 18 ކުލަބެއް މި އަހަރުގެ މުބާރާތުގައި ވާދަކުރާއިރު، މި އަހަރުގެ މުބާރާތުގެ މާލެއިން ބޭރުން ވެސް ޓީމްތައް ވާދަކުރިކަން ފާހަގަކޮށްލެވެ އެވެ. މި މަހުގެ 17 އިން ފެށިގެން އަންނަ މަހުގެ 12 އާއި ހަމައަށް ކުރިއަށްދާ މި މުބާރާތުގެ އަންހެން ބައިގައި މިފަހަރު 15 ޓީމެއް ވާދަކުރެ އެވެ. ފިރިހެން ބައިގައި ވާދަކުރަނީ އަށް ޓީމެކެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރީ ފުލިދޫ ޔޫތު ސްޕޯޓްސް ކުލަބާއި ހުޅުމާލެ ސްޕޯޓްސް ކުލަބެވެ. މި މެޗު 50-15 އިން ކާމިޔާބުކުރީ ފުލިދޫ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ފުލިދޫގެ އަބްދުﷲ ޒިޔާއު އެވެ.

ދެ ވަނަ މެޗުގައި ވާދަކުރީ ކ.ގުރައިދޫގެ އިސްލެނޯ ސްޕޯޓްސް ކުލަބާއި ހުޅުމާލެ ސްޕޯޓްސް ކުލަބެވެ. މި މެޗު 28-10 އިން ކާމިޔާބުކުރީ ގުރައިދޫ ޓީމެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ގުރައިދޫގެ ކީޕަރު ސުހައިނާ އަލީ އެވެ.

މުބާރާތުގެ ތިން ވަނަ މެޗުގައި ކީންސް ސްޕޯޓްސް ކުލަބުން ވަނީ ފަސޭހަކަމާ އެކު ކުޑަހުވަދޫ ޒުވާނުންގެ ޖަމިއްޔާ ބަލިކޮށްފަ އެވެ. އެ މެޗުގައި 33-2 އިން ކީންސް މޮޅުވިއިރު، މެޗުގެ މޮޅު ކުޅުންތެރިޔަކީ ކީންސްގެ ހަލީމަތު ހަސްނާ އެވެ.

އިއްޔެ މުބާރާތުގައި ތިން މެޗެއް ކުޅުނެވެ. ހަވީރު ކުޅުނު މެޗުގައި ފިއުޗާ ސްޕޯޓްސް އެކަޑެމީި އިން ވަނީ ބޮޑު ތަފާތަކުން ޕާލްސް ސްޕޯޓްސް ކުލަބު ބަލިކޮށްފަ އެވެ. އެއީ 68-14 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މެޗުގައި ފިއުޗާ ސްޕޯޓްސް ކުލަބަށް 16 ގޯލު ޖަހައިދިން އަހުމަދު ސައިފު އެވެ.

މުބާރާތުގައި ރޭ ކުޅުނީ އަންހެން ބައިގެ ދެ މެޗެވެ. ފުރަތަމަ މެޗުގައި އޮރިކްސް އިން ވަނީ ފުލިދޫ ޔޫތު ސްޕޯޓްސް ކުލަބު 40-5 ގޯލުން ބަލިކޮށްފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ އޮރިކްސް އަށް 10 ގޯލު ޖަހައިދިން ޒުލައިޚާ އިބްރާހިމް (ރިޒީ) އެވެ.

ރޭގެ ފަހު މެޗުގައި ރެޑް ހޯކްސް ސްޕޯޓްސް ކުލަބުން ވަނީ ކުލަބު ޒެފްރޯލް 46-10 އިން ބަލިކޮށްފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ރެޑް ހޯކްސްގެ ފާތިމަތު ޖުނާ އެވެ. އޭނާ ވަނީ ހޯކްސް ޓީމަށް 15 ގޯލު ޖަހައިދީފަ އެވެ.

މުބާރާތުގައި މިއަދުވެސް ތިން މެޗެއް ކުޅޭނެ އެވެ. ހަވީރު ކުޅޭ ފިރިހެން ޑިވިޝަންގެ މެޗުގައި ވާދަކުރާނީ ގްރޫޕް އޭގެ ބޮންތި ސްޕޯޓްސް ކުލަބާއި ރެޑްހޯކްސް ސްޕޯޓްސް ކުލަބެވެ. މިރޭ ކުޅޭ އަންހެން ބައިގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ހިންމަފުށި ވިކްޓޯރިއަސް ސްޕޯޓްސް ކުލަބާއި ތުޅާދޫ ޔަންގް އީގަލްސް ސްޕޯޓްސް އެވެ. މިރޭގެ ފަހު މެޗުގައި ވިޔަންސާ ނުކުންނާނީ ސުޕަ ޖެނެރޭޝަން ކުލަބާއި ދެކޮޅަށެވެ.

މި އަހަރުގެ މުބާރާތް ރާވާފައި އޮތީ ޓީމްތަކަށް ގިނައިން މެޗު ކުޅުމުގެ ފުރުސަތު ލިބޭ ގޮތަށެވެ. މިގޮތުން ފުރަތަމަ ބުރަށްފަހު ކަޓާނީ ގްރޫޕުގެ ފުލަށް ދާ ޓީމްތައް އެކަންޏެވެ. ދެ ވަނަ ބުރުގައި ކުޅޭ ގްރޫޕް ސްޓޭޖު މެޗުތަކަށް ފަހު ފުލަށް ދާ ޓީމްތަކަށް ހާއްސަކޮށް ޑިވެލޮޕްމަންޓް ޝީލްޑް ލީގުގެ ނަމުގައި އާ ބައެއް ހިމަނާފައިވެ އެވެ.