ނިބާލް މީގެ ކުރިން ރާއްޖޭގައި ކުޅުނު މުބާރާތެއްގެ މެޗެއްގެ ތެރެއިން.-- ފޮޓޯ: އަދަދު
މާލޭގައި އިއްޔެ ފެށި ލިނިން މޯލްޑިވްސް އިންޓަނޭޝަނަލް ބެޑްމިންޓަން ޗެލެންޖްގައި ކުޅުނު ފިރިހެން ސިންގަލްސް ފުރަތަމަ ބުރުގެ މެޗުން މޮޅުވެ، ގައުމީ ބެޑްމިންޓަން ޓީމުގެ ނިބާލް އަހުމަދާއި މުހައްމަދު އާކިފް ދެ ވަނަ ބުރުން ފުރުސަތު ހޯދައިފި އެވެ.
ފުރަތަަމަ ބުރުގައި ނިބާލް މޮޅުވީ ޓްރިންޑާޑް އެންޑް ޓޮބޭގޯގެ ނިކޮލަސް ބޮންކޯސްކީ އަތުން 21-09، 21-15 އިންނެވެ. މި ފަހަރުގެ ކޮމަންވެލްތު ގޭމްސްގެ ބެޑްމިންޓަން އިވެންޓްގެ ފިރިހެން ސިންގަލްސް ބައިން ފަދަ 16 ބުރުގައި ވާދަކުރި ނިބާލް، މޯލްޑިވްސް ޗެލެންޖްގެ ގަދަ 32 ކުޅުންތެރިންގެ ބުރުގައި މިއަދު ނުކުންނާނީ އިންޑިއާގެ ކިރަން ބަލާޖީއާ ދެކޮޅަށެވެ.
އާކިފް މޮޅުވީ ފުރަތަމަ ބުރުގައި ރާއްޖޭގެ ލިޔާހު އަބްދުލް ލަތީފް ގާސިމް އަތުން 21-06، 21-07 އިންނެވެ. ދެ ވަނަ ބުރުގައި އާކިފް ނުކުންނާނީ މި މުބާރާތުގައި ދެ ވަނަ އަށް ސީޑްކޮށްފައިވާ ސްޕެއިނުގެ ލުއިސް އެންރީކޭއާ ދެކޮޅަށެވެ.
ސިންގަލްސް އިވެންޓްގައި ދެން ރާއްޖޭން މެޗަކުން މޮޅުވެފައިވަނީ އަންހެން ބައިން އައިމިނަތު ނަބީހާ އެވެ. އިއްޔެ، ނަބީހާ ވަނީ އީރާންގެ ކުޅުންތެރިޔާ، ސާރާ އަމީނިއާން ބަލިކޮށްފަ އެވެ.
ފިރިހެން ސިންގަލްސްގެ ފުރަތަމަ ބުރުގައި ރާއްޖޭގެ އެހެން ކުޅުންތެރިންގެ ނަތީޖާތަކަށް ބަލާއިރު، އިންޑިއާގެ ވައިބަވް އަތުން ރާއްޖޭގެ ރިވައިވަލް ސްޕޯޓްސް ކްލަބްގެ ހައިޝަމް އިބްރާހިމް ބަލިވީ 21-03، 21-11 އިންނެވެ. ރާއްޖޭގެ މުހައްމަދު ސާލިމް އަބްދުއްސަމަދު އަތުން ނައިޖީރިއާގެ ޖުވޯން އޮޕެޔޮރީ މޮޅުވީ 21-12، 21-08 އިންނެވެ.
އިންޑިއާގެ ޓްރެއިނިން ސްކޮލަޝިޕެއް ފުރިހަމަ ކުރަމުން އަންނަ، ރިވައިވަލް ސްޕޯޓްސް ކްލަބްގެ އަހުމަދު ތޯއިފް މުހައްމަދު ބަލިވީ އިންޑިއާގެ މަނިގަންދަން ރާޖޭސަކަރަން އަތުން 21-12، 21-13 އިންނެވެ.
އިއްޔެ ކުޅުނު މެޗުގެ ތެރެއިން ރިވައިވަލްގެ ޒަޔާން ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
އިންގްލެންޑްގެ ރޯހަން މިދާ އަތުން ރާއްޖޭގެ އިސްމާއިލް ނާބިތު އިބްރާހިމް ބަލިވީ 21-02، 21-09 އިންނެވެ. ރިވައިވަލް ސްޕޯޓްސް ކްލަބްގެ ހުސެއިން ޒަޔާން ޝަހީދު ޒަކީ ބަލިވީ ސްރީ ލަންކާގެ ނިރޭން ވެތަސިންގޭ އަތުން 21-05، 21-07 އިންނެވެ. ރާއްޖޭގެ އިބްރާހިމް ރަބީތު އަތުން ޖަޕާންގެ ޔޫ އިގަރާޝީ މޮޅުވީ 21-0، 21-03 އިންނެވެ. އިންޑިއާގެ ބަވޭޝް ޕާންޑޭ އަތުން ރާއްޖޭގެ ތަޖުރިބާކާރު ކުޅުންތެރިޔާ، މުހައްމަދު އަޖުފާން ރަޝީދު ބަލިވީ 21-08، 21-08 އިންނެވެ.
ލޯކަލް މުބާރާތްތަކުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ރާއްޖޭގެ ސާދިން ޖަލީލް ވަނީ 21-08، 21-08 އިން ޒަމްބިއާގެ ކަލޮމްބޯ މުލެންގާ އަތުން ބަލިވެފަ އެވެ. ރާއްޖޭގެ ހަސަން ޒަޔާން އަތުން މޮރިޝަސްގެ ޖިއޯޖެސް ޖޫލިއަން ޕައުލް މޮޅުވީ 21-10، 21-12 އިންނެވެ. އަދި މެލޭޝިއާގެ މިން ޔަޕް ޓޫ އަތުން ރިވައިވަލް ސްޕޯޓްސް ކްލަބްގެ ރިޝްވާން ޝިޔާމް ބަލިވީ 21-16، 21-07 އިންނެވެ.
މިއަދު ކުޅޭ އަންހެން ސިންގަލްސް ދެ ވަނަ ބުރުގެ މެޗުތަކުގައި ރާއްޖޭން ގިނައިން ވާދަކުރަނީ، މެޗެއް ނުކުޅެ ގުރުއަތުލައިގެން މި ބުރަށް ދަތުރުކުރި ކުޅުންތެރިންނެވެ. އެއީ ފާތިމަތު ނަބާހާ، އައިޝަތު ޒޯޔާ ހުސެއިން، މައިޝާ އަހުމަދު އަޒީމް، އައިޝަތު އަލިޝާ މޫސާ، ނީލާ ނަޖީބް، އައިމިނަތު ޝަހުރުނާޒް މޫސާ އަދި މައިސާ ފަތުހުﷲ އިސްމާއިލް އެވެ.
ކުޅިވަރު އެކުވެނި ބެޑްމިންޓަން ކޯޓުގައި ކުރިއަށްދާ މި މުބާރާތުގައި މިއަދު ސިންގަލްސް މެޗުތަކުގެ އިތުރުން ޑަބަލްސް މެޗުތައް ކުރިއަށްދާނެ އެވެ.
Comment