18 އޮކްޓޯބަރު 2022 - 13:11 0
ފާތިމަތު އަޖްފާން
އުމުރުން ދުވަސްވީ ދެ މީހުން މަގުމަތީގައި ހިނގާފައި ދަނީ: އުމުރުން ދުވަސްވީ މީހުން ލިބޭ ގެވެށި އަނިޔާގެ މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ 70 އަހަރުން މަތީގެ މީހުން-- ފޮޓޯ: މުހައްމަދު މައްސޫދު
18 އޮކްޓޯބަރު 2022 - 13:11 0
އާއިލާގެ ކޮންމެވެސް މީހެއްގެ ފަރާތުން ގެވެށި އަނިޔާ ލިބޭ އުމުރުން ދުވަސްވީ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ) އިން ބުނެފި އެވެ.
އެފްޕީއޭގެ އަހަރީ ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ހުށަހަޅައި ދެއްވަމުން އެ އެތޯރިޓީގެ ސީއީއޯ އިބްރާހިމް ތޮއްޔިބު ވިދާޅުވީ އުމުރުން ދުވަސްވީ މީހުނަށް ކުރާ އަނިޔާތައް ރިޕޯޓު ކުރާ މިންވަރު މި ފަހުން އިތުރު ވެފައިވާ ކަމަށެވެ.
އެގޮތުން މިދިޔަ އަހަރު، އުމުރުން ދުވަސްވީ މީހުންނަށް ކުރާ ގެވެށި އަނިޔާގެ 21 މައްސަލަ ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ އުމުރުން 70 އަހަރުން މަތީގެ މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ގިނަ ފަހަރަށް މިފަދަ އަނިޔާތައް ކުރިމަތި ވަނީ އާއިލީ ގުޅުމަކުން ގުޅިފައިވާ މީހެއްގެ ފަރާތުން. އޭގެ ތެރޭގަ ދަރިން ނުވަތަ އާއިލީ ގުޅުން އޮންނަ ކޮންމެވެސް އެހެން މީހެއްގެ ފަރާތުން. ދޭ އަނިޔާ ތަކުގެ ތެރޭގައި ހިމެނެނީ ނަފްސާނީ އަނިޔާ އާއި ބިރު ދެއްކުން،" ތޮއްޔިބު ވިދާޅުވި އެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ ނަފްސާނީ އަނިޔާ މައްސަލަ ރިޕޯޓު ކުރެވޭ މިންވަރު އިތުރު ކަމަށެވެ. އަދި ބިރު ދެއްކުން ފަދަ ޖިސްމާނީ އަނިޔާގެ އިތުރުން ޖިންސީ އަނިޔާގެ މައްސަލަތައްވެސް ފާހަގަ ކުރެވޭ މިންވަރަށް އިތުރުވަމުން އަންނަ ކަމަށް ތޮއްޔިބުގެ ވާހަކައިގައި ފާހަގަ ކުރެއްވި އެވެ.
އެގޮތުން މިދިޔަ އަހަރު ހުށަހަޅާފައިވާ ގެވެށި އަނިޔާގެ މައްސަލަތައް:
ލިބޭ އަނިޔާގެ ތެރެއިން އެންމެ ގިނައިން ރިޕޯޓު ކޮށްފައި ވަނީ އެއްކޮށް އުޅޭ މީހެއްގެ ފަރާތުން (ލޯބީގެ ގޮތުން ގުޅިގެން އުޅޭ ނުވަތަ ކައިވެނިކޮށްގެން އުޅޭ) އަނިޔާ ލިބިފައި ހުރި ކަމަށް ތޮއްޔިބު ފާހަގަ ކުރެއްވި އެވެ.
އެއީ އަނިޔާ ކޮށްގެން ނުވަތަ އަނިޔާ ލިބިގެން ހުށަހަޅާފައިވާ މައްސަލަތައް ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ ތެރެއިން 92 ޕަސެންޓަކީ ފިރިމީހާ ނުވަތަ ކުރީގެ ފިރިމީހާ ނޫނީ ލޯބިވެރިޔާ އަނިޔާ ކޮށްގެން ހުށަހަޅާފައި މައްސަލަތައް ކަމަށްވެސް އެފްޕީއޭގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ.
އަނިޔާ ކުރާ މީހުންގެ ތެރޭގައި ހިމެނެނީ 611 މީހުންނެވެ. އޭގެ ތެރެއިން 500 މީހުންނަކީ އަނިޔާ ކުރާ ފިރިހެނުން ކަމަށް އެ ރިޕޯޓުގައިވެ އެވެ.
ގެވެށި އަނިޔާ ތަޖުރިބާކުރަން ޖެހުމުގެ ސަބަބުން ދިރިއުޅުމަށް ތަފާތު އެތަކެއް ނޭދެވޭ އަސަރުތައް ކުރެ އެވެ. އޭގެ ތެރޭގައި ތަކުރާރުކޮށް ޒުވާބުކުރުން، ހަޅޭއްލެވުން، ވަކި މީހަކު ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ހިފެހެއްޓުން، ބިރުދެއްކުން، މަރާލާނެ ކަމުގެ އިންޒާރުދިނުން ފަދަ ކަންކަން ހިމެނެ އެވެ.
ދިރާސާތަކުން ދައްކާ ގޮތުން ގެވެށިއަނިޔާގެ އަމަލުތައް ހިނގާ ގޭބިސީތަކުގައި ދިރިއުޅޭ ކުޑަކުދިންނަށް އަނިޔާ ލިބުމުގެ ފުރުސަތު 40 އިންސައްތަ އިތުރެވެ. ކުދިން ބޮޑެތިވަމުން އަންނައިރު އެކުދިންގެ މާހައުލުން ފެންނަ ކަންތައްތަކަކީ ސިކުނޑި ތަރައްގީވުމުގައި ވަރަށް ބޮޑު ދައުރެއް އަދާކުރާ ބައެކެވެ.
އާނިޔާވެރިކަން ފެންނަ ނުވަތަ އެ ބިރުވެރިކަން އިހްސާސްކުރެވޭ މާހައުލެއްގައި ބޮޑެތިވަމުން އަންނަ ކުދިންގެ ސިކުނޑީގައި އެ ކުދިންނަށް ފެންނަ ކަންތަކާ އެއާއެކު ކުރެވޭ އިހުސާސްތައް، އަބަދުގެ އަބަދަށް ހަރުލާފައި ހުރެ އެވެ.
މިކަމުގެ ސަބަބުން ކުދިންގެ ދިރިއުޅުމުގައި އެ ތަޖުރިބާތަކުގެ އަސަރު ފޯރަ އެވެ. ގެވެށި އަނިޔާގެ މާހައުލުގައި ކުދިންނަކީ ހަމައެކަނި އެ އަނިޔާތައް ފެންނަ ކުދިން ކަމުގައި ނުބެލެވެ އެވެ. އެކުދިންނަކީ އެ އަނިޔާ ލިބޭ މީހުންނެކޭ އެއްފަދައިން ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވާ ބައެކެވެ.
ގެވެށި އަނިޔާއަކީ ކޮންމެ ފަހަރަކު ސީދާ ކުޑަކުދިންނަށް އަމާޒުކުރެވޭ އަނިޔާއަށް ނުވި ނަމަވެސް ދިގުދެމިގެންދާ ނޭދެވޭ ޖިސްމާނީ އަނިޔާތަކެއް ލިބިގެންދާ ކަމެކެވެ. އޭގެ ތެރޭގައި އުޅެންޖެހުމަކީ އޭގެ ސަބަބުން ކުދިންގެ ސިކުނޑީގެ ހިނގުމަށް ވެސް ބަދަލު އަންނަ ކަމެކެވެ.
އެގޮތުން, އެންމެ ފާހަގަ ކުރެވެނީ ކުދިން ބޮޑުވަމުން އަންނަ އިރު އެންމެ މުހިންމު އެއްކަމެއް ކަމުގައިވާ މައިމީހާއާ އޮންނަ ގުޅުން ހީނަރުވުމެވެ. އެކަމުގެ ސަބަބުން ކުދިންނަށް އެކަނިވެރިކަން އިހްސާސް ކުރެވެ އެވެ.
ގެވެށި އަނިޔާގެ ޝިކާރައަކަށް ނުވިނަމަވެސް އެ އަނިޔާވެރިކަން ފެންނަ ދިރިއުޅުމުގެ ސަބަބުން ތަފާތު ނަފްސާނީ ބަލިތަކަށް ހުށަހެޅިގެންދެ އެވެ. އެގޮތުން މީހާގެ އުޅުމާއި އަހުލާގަށް އަންނަ ބަދަލުތަކާއި ދިގު މުއްދަތަކަށް ކުދިންގެ ވިސްނުމަށް އަންނަ ބަދަލުތައް ހިމެނެ އެވެ.
މި ހުރިހާ ނޭދެވޭ އަސަރުތަކުގެ ތެރެއިން ވެސް ކުދިންގެ ފަރާތުން އެންމެ އާންމުކޮށް ފެންނަނީ ނަފްސާނީ ބައްޔެވެ.
ގެވެށި އަނިޔާ ފެންނަ މާހައުލެއްގައި ބޮޑެތިވާ ކުދިންނަކީ އެކަމުގެ ސަބަބުން އަނިޔާ ލިބޭ މީހާއެކޭ އެއްގޮތަށް އެހީތެރިކަން ބޭނުންވާ ކުދިންނެވެ. ޖިސްމާނީ ގޮތުން އަނިޔާ ފެންނަން ނެތް ނަމަވެސް ނަފްސާނީ ގޮތުން ދިގުދެމިގެންދާ އަނިޔާ އެ ކުދިންނަށް ލިބެ އެވެ.
Comment