Advertisement

ހުޅިދޫގެ އެއްބަސްވުން ބާތިލެއް ނުވޭ، ގާނޫނުން ބޭރު ކަމެއް ނުކުރާނަން: މިނިސްޓަރު

16 އޮކްޓޯބަރު 2022 - 16:45 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން-- ފޮޓޯ: އަދަދު


ހުޅިދޫގެ އެއްބަސްވުން ބާތިލެއް ނުވޭ، ގާނޫނުން ބޭރު ކަމެއް ނުކުރާނަން: މިނިސްޓަރު

16 އޮކްޓޯބަރު 2022 - 16:45 0

ދަނޑުވެރިކަމުގެ މަސައްކަތަށް ދޫކޮށް، މިހާތަނަށް މަސައްކަތެއް ނުކޮށް ގުދަނެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ވ. ހުޅިދޫ މައްސަލާގައި ބާތިލްކޮށްފައިވާ ކަމަށް ބުނާ އެއްބަސްވުމަކީ ބާތިލްކޮށްފައިވާ އެއްބަސްވުމެއް ނޫން ކަމަށް ކަމަށް ފިޝަރީޒް މިނިސްޓަރު މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.

ވ. އަތޮޅު ކައުންސިލާއި ބައެއް ރައްޔިތުން މިދިޔަ ބުރާސްފަތި ހެނދުނުން ފެށިގެން ހުޅިދޫއަށް އަރާ ދެ ދުވަސް ވަންދެން މުޒާހަރާ ކުރީ އެ ރަށް ކުއްޔަށް ދިނުމުގެ އެގްރިމެންޓު ބާތިލުކޮށް އެ އަތޮޅު ރައްޔިތުންނާ ރަށް ހަވާލު ކުރުމަށް ގޮވާލަ އެވެ. އެ ރަށުގައި ރެޔާއި ދުވާލު ތިބެ ކުރި އެ މުޒާހަރާތައް ހުއްޓާލީ އެ ރަށަށް ފުލުހުން އެރި ފަހުން, މަޝްވަރާއަށް ސަރުކާރުން އެއްބަސްވުމުންނެވެ.

މިކަމާ ގުޅިގެން ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު ޑރ. ހުސެން ރަޝީދު ހަސަން "އަދަދު" އަށް ވިދާޅުވީީ ކޮވިޑުގެ ދަތިކަމާ ގުޅިގެން، ފަޅު ރަށްތައް ނަގައިގެން އުޅޭ ގިނަ ފަރާތްތަކަށް މަސައްކަތްތައް ފެށުމަށް ލަސްތަކެއް އުޅޭތީ، އެކަމަށް ދިން މުއްދަތު ވަނީ އިތުރުކޮށްދީފައި ކަމަށެވެ.

އަދި އެ އަތޮޅު ރައްޔިތުންނާއި ކައުންސިލުން ބުނާ އެއްބަސްވުން ބާތިލްކޮށްފައި ނުވާނެ ކަމަށާއި ގާނޫނާ ހިލާފު ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.

"ހުޅިދޫ ކުއްޔަށް ދޫކޮށްފައިވަނީ 21 އަހަރުގެ މުއްދަތަކަށް. އެ އެއްބަސްވުން ބާތިލުވާ ވަރުގެ ކަމެއް މިހާތަނަށް ހިނގާފައެއް ނުވާނެ. ގާނޫނުގެ ތެރެއިން އަޅުގަނޑުމެން ހުރިހާ ކަމެއް ވެސް ކުރާނީ،" މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން ރަށެއް އެ ރަށް ދޫކޮށްފައިވާ ފަރާތުގެ އަތުން އަތުލާނަމަ އަތުލާނީ ވެސް ގަވައިދުގެ ތެރެއިން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެ ރަށަށްވާ ކުލި ނުދައްކާ، ނޯޓިސް ފޮނުވުމުން ވެސް އެކަން ނުކުރުމުން ރަށުގެ އެއްބަސްވުން ބާތިލްކޮށްފާނެ އެ އޮންނަ ގަވައިދެއްގެ ތެރެއިން. އެ ރަށުގައި ކުރަން ހުށަހަޅާފައިވާ ނުވަތަ ކުރުމަށް ދޫކޮށްފައިވާ ކަމެއް، ކަނޑައަޅާފައިވާ ވަކި މުއްދަތެއްގެ ތެރޭގައި ނުކޮށް އެކަމަށް އިތުރު މުއްދަތެއް ދީ، އެ މުއްދަތުގެ ތެރޭގައި ވެސް އެކަމެއް ނުކުރުމުން ވެސް އެއްބަސްވުން ބާތިލް ކޮށްފާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމި ބުނަނީ އެ ދޭ މުއްދަތެއްގައި ކުރަން ކަނޑައަޅާފައިވާ ކަމެއް އެ މުއްދަތުގައި ނުވުމުން، އެއީ ހަމަ އެގްރީމެންޓު ބާތިލްވާ ކަމެއްގެ ގޮތުގައި ނޯވެއޭ. އެކަން ކުރަން ޖެހޭ އިޖުރާއަތްތަކެއް އޮވެއޭ. އެއާ އެއްގޮތަށޭ ކަންކަން ކުރާނީ،"

ހުޅިދޫ ދަނޑުވެރިކަމުގެ މަސައްކަތަށް ކަމަށް ބުނެ އާރަށް އިންވެސްޓްމަންޓް ކިޔާ ކުންފުންޏަކަށް 21 އަހަރުގެ މުއްދަތަކަށް ހުޅިދޫ ކުއްޔަށް ދޫކޮށްފައިވަނީ 2016 އަހަރު އެވެ. އެކަމަކު އެ ރަށުގައި އެފަދަ އެއްވެސް މަސައްކަތެއްކޮށްފައެއް ނުވެ އެވެ. އަދި މަސައްކަތްތަކެއް ކުރަން ދީފައި އޮތް މުހުލަތު ވެސް އޮތީ ފަހަނައަޅައި ގޮސްފަ އެވެ.

ވ. އަތޮޅުން ކުއްޔަށް ދީފައިވާ ރަށްތަކުގައި ގާނޫނާ ހިލާފަށް ކަންކަން ކުރަމުންދާތީ އެރަށްތަކުގެ ތިމާވެށި ހަލާކުވަމުންދާ ކަމަށް އަތޮޅު ކައުންސިލުން ބުނެ އެވެ. އެގޮތުން، ހުޅިދޫގެ ތިމާވެއްޓަށް ވެސް ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް އެ ކައުންސިލުން ބުނެ އެވެ.

ވ. ހުޅިދޫ އާއި ވ. އަންބަރާ ތަރައްގީ ކުރުމަށް އެގްރިމެންޓުކުރި ފަރާތްތަކުން އެގްރިމެންޓާއި ހިލާފުވެ އަދި ރަށްތައް ތަރައްގީކޮށް ހިދުމަތަށް ފުރިހަމަކުރުމަށް އެގްރިމެންޓު ކުރެވުނު މުއްދަތު ހަމަވެފައިވާތީ އެ ދެ ރަށް ވ. އަތޮޅުގެ ކައުންސިލަށް ނެގުމަށް އެ ކައުންސިލުން ނިންމީ މިއަހަރުގެ އެޕްރީލް 28، ގަ އެވެ.

އެ އެއްބަސްވުން ބާތިލްކުރީ "އެ ދެ ރަށުގައި އެއްވެސް މަސައްކަތެއް ކުރުމުގެ ފުރުސަތު އެއްވެސް އަމިއްލަ ފަރާތަކަށް މިހާރު ލިބިފައިނުވާނެތީ" ކަމަށް ވ. އަތޮޅު ކައުންސިލުން ފާސްކުރި ގަރާރެއްގައި ބުނެފައިވެ އެވެ. އަދި، ދެ ރަށް ވެސް ނަގަނީ ވ. އަތޮޅުގެ ރައްޔިތުންގެ ބޭނުމަށް ކަމަށް އެ ކައުންސިލުން ބުނެ އެވެ.