Advertisement

ގްރީޒްމަންގެ 100 ވަނަ ގޯލާ އެކު އެތުލެޓިކޯ އަށް މުހިންމު މޮޅެއް

16 އޮކްޓޯބަރު 2022 - 10:42 0


ގްރީޒްމަންގެ 100 ވަނަ ގޯލާ އެކު އެތުލެޓިކޯ އަށް މުހިންމު މޮޅެއް

16 އޮކްޓޯބަރު 2022 - 10:42 0

މެޑްރިޑް (އޮކްޓޫބަރު 16) - އެންޓޮއިން ގްރީޒްމަން އެތުލެޓިކޯ މެޑްރިޑަށް ކާމިޔާބުކޮށްދިން 100 ވަނަ ގޯލާ އެކު، 1-0 އިން އެތުލެޓިކް ބިލްބާއޯ ބަލިކޮށް އެތުލެޓިކޯ އިން ސްޕެނިޝް ލީގުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.

ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާ އާއި ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑް މިރޭ ކުޅޭއިރު، މިއީ އެތުލެޓިކޯ އިން ރޭހަށް ވަންނަން ހޯދި މުހިންމު މޮޅެކެވެ. ބާސެލޯނާ އާއި ރެއާލަށް އަށް މެޗުން 22 ޕޮއިންޓް ލިބިފައިވާއިރު، ރޭގެ މޮޅާ އެކު އެތުލެޓިކޯ އިން ވަނީ ނުވަ މެޗުން 19 ޕޮއިންޓް ހަމަކޮށްފަ އެވެ.

ޗެމްޕިއަންސް ލީގުގައި ލަނޑެއް ނުޖެހި ކްލަބް ބްރޫހޭއާ އެއްވަރުވެ، އެތުލެޓިކޯ އިން މި މެޗަށް ނުކުތްއިރު އޮތީ މާޔޫސްވެފައިވާ ހާލަތެއްގަ އެވެ. ބިލްބާއޯ ދަނޑުގައި ރޭ އެ ޓީމުން ރަނގަޅަށް ކުޅެ ގޯލު ޖަހާނެ ފުރުސަތު ވެސް ހޯދި އެވެ. އެކަމަކު، މި މެޗުގައި ގޯލެއް ޖެހީ އެތުލެޓިކޯ އިންނެވެ. އެކަން ހާސިލްކުރީ ދާދި ފަހުން ދާއިމީ ކޮންޓްރެކްޓެއްގައި އެތުލެޓިކޯއާ އެކު ސޮއިކުރި ގްރީޒްމަން އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ދެ ވަނަ މިނިޓްގައި ގްރީޒްމަން މި ގޯލު ޖެހީ އަލްވާރޯ މޮރާޓާ ދިން ބޯޅަ ގޯލުގެ ކަނަށް އަމާޒުކޮށްލައިގެންނެވެ.

މި މެޗު ފަށައިގެން އެތުލެޓިކޯގެ އެއް ވަނަ ކީޕަރު، ޔެން އޮބްލަކް އަށް އަނިޔާވެގެން ވަނީ ބަދަލުކުރަން ޖެހިފަ އެވެ. އެތުލެޓިކޯގެ ގޯލު ބަލަހައްޓަން އެރި ކީޕަރު އީވޯ ގާބިކް ވަނީ މޮޅަށް ކުޅެފަ އެވެ. ހާއްސަކޮށް މެޗުގެ ފަހު ކޮޅުގައި ބިލްބާއޯގެ ރައުލް ގާސިއާ ބޮލުން ފޮނުވާލި ބޯޅައެއް ހުއްޓުވުމުގައި ގާބިކްގެ ހުށިޔާރުކަން ރަނގަޅަށް ފެނުނެވެ.

މިއީ މި ފަހަރު ލީގުގައި އެތުލެޓިކޯ އިން ހޯދި ހަ ވަނަ މޮޅެވެ. މެޗަށް ފަހު އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނީ ޕްރެޝަރުގައި ކުޅެން ޖެހުމުން ޓީމު ރާވާ ގޮތަށް ކުރިއަށްދާން ބައެއް ކުޅުންތެރިންނަށް އުނދަގޫވާ ކަމަށާއި މެޗުތަކުން މޮޅުވެ، ކޮންފިޑެންސް ލެވަލް ރަނގަޅުވާ ވަރަކަށް ހުރި މައްސަލަތަކަށް ހައްލު ލިބޭނެ ކަމަށެވެ.