15 އޮކްޓޯބަރު 2022 - 11:30 0
އައިޝަތު ނުޒުހާ
ޝިއާއުގެ ހަށިގަނޑު ހ. ޝީރީންވިލާއިން ނެރެގެން ގެންދަނީ: މި މަރުގެ މޯޓިވް މިހާތަނަށް ހޯދިފައިނުވާ ކަމަށް ފުލުހުން މިއަދު ވަނީ ބުނެފައި-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
15 އޮކްޓޯބަރު 2022 - 11:30 0
ހ. ޝީރީން ވިލާ ގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ޝިއާއު މުހައްމަދު ސައީދުގެ މަރާލުމުގެ މޯޓިވް ނޫނީ ސަބަބު މިހާތަނަށް ފުލުހުންގެ ތަހުގީގަށް ހޯދިފައި ނުވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މިދިޔަ އޮގަސްޓު މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދަންވަރު މަރާލާފައިވާ އުމުރުން 22 އަހަރުގެ ޝިއާއުގެ މަރުގެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ އަލީ ޝާހިލް، 23، އެވެ.
ފުލުހުން ތަހުގީގު ކުރަމުން އަންނަ ތިން މައްސަލައަކާ ގުޅިގެން މައުލޫމާތު ދިނުމަށް ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންސްޕެންޓާ އޮފް ޕޮލިސް މުހައްމަދު ސާމިހް ވިދާޅުވި ގޮތުގައި ޝިއާއު މަރާލުމަށް ފަހުގައި ވެސް އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވާކަން ޕޯސްޓް މޯޓަމް ރިޕޯޓުން ހާމަވާ ކަމަށެވެ.
"ޕޯސްޓްމޯޓަމުގެ ނަތީޖާތަކަށް ބަލާއިރު، ޝިއާއުގެ ހަށިގަނޑަށް ލިބިފައި ހުރި އަނިޔާތަކަކީ ގަސްތުގައި ދީފައި ހުރި އަނިޔާތަކެއް ކަން ޕޯސްޓްމޯޓަލް ރިޕޯޓުން އެބަ ދަލީލު ކޮށްދޭ، އެ އަނިޔާތަކުގެ ސަބަބުން ކަމަށް ޝިއާއު މަރަށް ހުށަހެޅިގެން ދިޔައީ، އެގޮތުން ގިނަ ހަމަލާތަކެއް ދީފައި ހުރި ކަން ވެސް ޕޯސްޓްމޯޓަމް ރިޕޯޓުން ވަގުތީ ނަތީޖާއިން މިހާތަނަށް އެނގޭ،" ސާމިހު ވިދާޅުވި އެވެ.
ފުލުހުން ތަހުގީގުކުރާ ހުރިހާ މަރުގެ މައްސަލައެއްގައި ވެސް މަރުގެ މޯޓިވް ނުވަތަ މަރާލި ސަބަބު ދެނެގަނެތުމުގެ މަސައްކަތް ކުރަމުންދިޔަ ނަމަވެސް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ މި މައްސަލައިގައި ޝިއާއު މަރާލަން ޖެހުނު ސީދާ ސަބަބު މިހާތަނަށް ދެނެގަނެވިފައި ނުވާ ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ސައީދު ވިދާޅުވި ގޮތުގައި މި މައްސަލައިގައި ތުހުމަތު ކުރެވޭ ޝާހިލްގެ އެއްބާރުލުން ތަހުގީގަށް ނުލިބުނުނަމަވެސް، އޭނާގެ ފޯނަށް ފުލުހުންނަށް މިހާރު ވަނީ އެކްސެސް ވެވިފަ އެވެ.
"އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ މޯޓިވްތަކެއް އެބަހުރި، އެކަމަކު ހަމައެކަނި ގަބޫލުކުރުމެއްގެ މައްޗަށް އިންވެސްޓިގޭޝަންއަށް ފޮނުވޭނެ ކަންތައްތަކެއް ނޫން، އިތުރު އެވިޑެންސްތައް ބޭނުންވާނެ" ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފޯނުން ލިބޭ މައުލޫމާތުގެ އަލީގައި ޝިއާއު މަރާލި ސަބަބު ދެނެގަނެވޭނެ ވަރަށް ހެކި ލިބޭނެ ކަމަށް ބެލެވޭ ކަމަށެވެ.
މިހާތަނަށް ތަހުގީގަށް ހޯދިފައިވާ ހޯދުންތަކުން ޝާހިލްގެ ނަފްސާނީ އެއްވެސް މައްސަލައެއް ފާހަގަވެފައި ނުވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން ވަނީ ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި މި މަރުގެ ތަހުގީގު ނިންމައި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވޭނެ ކަމަށް ބުނެފަ އެވެ.
Comment