Advertisement

ކްލައިމެޓް އެކްޓިވިސްޓުން ވޭން ގޯގެ ކުރެހުމަކަށް ސޫޕް ޖަހައިފި

15 އޮކްޓޯބަރު 2022 - 07:57 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ވޭން ގޯގެ "ސަންފްލާވާޒް" ކުރެހުން. -- ފޮޓޯ: ބީބީސީ


ކްލައިމެޓް އެކްޓިވިސްޓުން ވޭން ގޯގެ ކުރެހުމަކަށް ސޫޕް ޖަހައިފި

15 އޮކްޓޯބަރު 2022 - 07:57 0

މޫސުމީ ބަދަލާ ގުޅޭ ގޮތުން ހަރަކާތްތެރިވާ އެކްޓިވިސްޓުންތަކެއް އާޓިސްޓް ވޭން ގޯގެ ކުރެހުމަކަށް ޓޮމާޓޯ ސޫޕް ޖަހައިފި އެވެ.

ލަންޑަންގެ ނޭޝަނަލް ގެލެރީއިން ބުނީ "ސަންފްލާވާޒް" ކުރެހުން ސާފު ކުރުމަށް ފަހު އަލުން ޑިސްޕްލޭގައި ބަހައްޓާފައިވާ ކަމަށެވެ.

ސޯޝަލް މީޑިއާގައި އާއްމުވި ވީޑިއޯއިން ފެންނަނީ "ޖަސްޓް ސްޓޮޕް އޮއިލް" ލިޔެފަައިވާ ޓީޝާޓް ލައިގެން ތިބި ދެ މީހުން އެ އާޓްވޯކަށް ސޫޕް ޖަހައި، އަތުގައި ތެރަސް ހޭކުމަށް ފަހު ފާރުގައި ތަތްކުރި މަންޒަރެވެ.

އެ ހާދިސާއާ ގުޅިގެން ދެ މީހުން ހައްޔަރުކުރި އެވެ. ލަންޑަންގެ ނޭޝަނަލް ގެލެރީއިން ބުނީ އާޓްވޯކް ރައްކާކުރުމަށް އޭގެ މަތިން ބިއްލޫރި ހަރުކޮށްފައި ހުރުމުން، އެއްވެސް ގެއްލުމެއް ނުލިބޭ ކަމަށެވެ.

އާޓްގެ ދުނިޔޭގައި އެންމެ ނަން މަޝްހޫރު މީހުންގެ ތެރޭގައި ހިމެނޭ ވޭން ގޯ 1888 އާއި 1889 ވަނަ އަހަރު "ސަންފްލާވާޒް" ގެ ނަމުގައި ހަތް އާޓްވޯކް ހެދި އެވެ. ސޫޕް ޖެހީ އޭގެ ތެރެއިން އެކައްޗަށެވެ.

"ސަންފްލާވާޒް" ގެ ނަމުގައި ހަތް އާޓްވޯކް ހެދިއިރު، އޭގެ ތެރެއިން ގެލެރީތަކާއި މިޔުޒިއަމްތަކުގައި ޑިސްޕްލޭކޮށްފަައި ވަނީ ފަސް އެއްޗެވެ.

ވޭން ގޯ އެ ތަކެތި ފެން ކުލައިގެން ތައްޔާރު ކުރީ އޭނާގެ އެކުވެރި އާޓިސްޓް ޕަައުލް ގޯގުއިން ގެޔަށް ޒިޔާރަތް ކުރުމުގެ ކުރިން ގޭތެރެ ޒީނަތްތެރި ކުރުމަށެވެ.