14 އޮކްޓޯބަރު 2022 - 14:04 0
ފާތިމަތު އަޖްފާން
ގުރައިދޫ މަރުކަޒު ބޭރުން ނަގާފައިވާ ފޮޓޯއެއް: ގުރައިދޫގައި ސަރުކާރުން ހިންގާ މަރުކަޒު އޮތީ ވަރަށް ދަށް ހާލަތެއްގައިކަން އދ އިންވެސް ވަނީ ފާހަގަ ކޮށްފައި--- ފޮޓޯ: އަދަދު
14 އޮކްޓޯބަރު 2022 - 14:04 0
ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން އެކުލަވައިލި ރިޕޯޓުގައި އިސްލާހުކުރަން ބުނެފައިވާ ކަންތައްތަކުގެ ތެރެއިން ވަރަށް ގިނަ ކަންކަން މިހާރު ހައްލުކޮށްފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.
ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު މޮނިޓަރު ކުރުމުގެ ގޮތުން އެޗުއާރުސީއެމްގެ ފަރާތުން މިއަހަރުގެ އެތަނަށް ޒިޔާރަތެއް ކުރި އެވެ. އެ ޒިޔާރަތުުގައި ފާހަގަކުރެވުނު ކަންކަމުގެ މައްޗަށް އެޗުއާރުސީއެމުން ތައްޔާރު ކޮށްފައިވާ ރިޕޯޓް އާންމުކުރީ މިދިޔަ މަހު އެވެ.
އޭގައި ބުނެފައި ވަނީ އެތަނަށް ކުރިން އެޗުއާރުސީއެމުން ކޮށްފައިވާ ޒިޔާރަތްތަކުގައި އެތައް ފަހަރެއްގެ މަތިން ފާހަގަކޮށްފައިވާ ކަންކަން އަދި ވެސް ރަނގަޅު ކޮށްފައި ނުވާ ކަމަށާއި އެފަދަ މަރުކަޒެއްގައި ހުންނަން ޖެހޭ އަސާސީ ކަންކަން ވެސް ނުހުންނަ ކަމަށެވެ.
އެ ރިޕޯޓާ ގުޅިގެން އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސަރުކާރުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ އެޗްއާރުސީއެމްގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތަށް މިހާރު ގުރައިދޫ މަރުކަޒުގެ ވަރަށް ގިނަ ކަންކަން ރަނގަޅުކޮށްފައިވާ ކަމަށެވެ.
އެގޮތުން، އެ ރިޕޯޓްގައި އަވަހަށް އިސްލާހުކުރަން ޖެހޭ ހަ ކަމެއް ފާހަގަކޮށްފައި އޮތްއިރު، އެ ހުރިހާ ކަމެއް ވެސް މިހާރު ހައްލުކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
"އެޗްއާރުސީއެމްގެ ރިޕޯޓަކީ މިދިޔަ ޖުލައި މަހު ޝައިއުކުރި ރިޕޯޓެއް. ބުދަ ދުވަހު އެ ރިޕޯޓް ޓުވީޓްކުރުމުން، އެއީ ފަހުގެ ރިޕޯޓެއް ކަމަށް ހީކޮށް މީޑިއާތަކަށް އޮޅުން އެރީ. އޭގަ ރަނގަޅު ކުރަން އޭރު އަންގާފަ ހުރި ގިނަ ކަންކަން މިހާރު ވަނީ ރަނގަޅު ކޮށްފައި،" މިއުވާން ވިދާޅުވި އެވެ.
"އެ ރިޕޯޓާ ގުޅޭ ގޮތުން މީޑިއާތަކުގައި ހުރި ވާހަކަތައް ހަގީގަތުގައި މިހާރުގެ ހާލަތު މުޅިން ރިޕްލެކްޓެއް ނުކުރާނެ،"
މިއުވާން އިތުރަށް ވިދާޅުވީ އެޗްއާރްސީއެމް ރިޕޯޓުގައި ފާހަގަ ކޮށްފައިވާ އިމާރާތުގެ މައްސަލައަށް ވެސް ހައްލު ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން، ގުރައިދޫ މަރުކަޒުގެ އެއް އިމާރާތް ފިޔަވައި އެހެން ހުރިހާ އިމާރާތެއްގެ މަރާމާތުގެ މަސައްކަތް ނިމިފައިވާ ކަމަށް ޖެންޑާ މިނިސްޓަރު މައުލޫމާތު ދެއްވާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
"މަރުކަޒުގައި މީހުންނަށް އެހީތެރިވުމަށް އުޅޭ މީހުންނަކީ ތަމްރީން ލިބިފައިވާ މީހުންނަށް ހެދުމަށް ޕްރޮގްރާމްތައް ހިންގަމުންވެސް އެބަދޭ،" މިއުވާން ވިދާޅުވި އެވެ.
ގުރައިދޫ މަރުކަޒަކީ 150 މީހުންގެ ޖާގައިގެ މަރުކަޒެއް ނަމަވެސް ޖުލައިގެ ނިޔަލަށް އެ މަރުކަޒުގައި 194 މީހުން ބަލަމުންދާ ކަމަށް އެޗްއާރްސީއެމްގެ ރިޕޯޓިގައިވެ އެވެ. އޭގެތެރެއިން 158 މީހުންނަކީ ނަފުސާނީ ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންނެވެ.
Comment