Advertisement

ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަނުގެ އެވޯޑު މިލްކު ކުރުމުގެ ފުރުސަތު ރާއްޖެއަށް

14 އޮކްޓޯބަރު 2022 - 10:10 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

29 ވަނަ ވޯލްޑް ޓުރެވެލް އެވޯޑްސްގެ 18 މަގާމަގަށް ރާއްޖެ ނޮމިނޭޓުވެފައިވޭ -- ފޮޓޯ: ފައިލް


ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަނުގެ އެވޯޑު މިލްކު ކުރުމުގެ ފުރުސަތު ރާއްޖެއަށް

14 އޮކްޓޯބަރު 2022 - 10:10 0

ވޯލްޑް ޓްރެވެލް އެވޯޑްސް (ޑަބްލިއުޓީއޭ) ގެ އެންމެ ޝަރަފުވެރި އެވޯޑު، "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން" ގެ އެވޯޑަށް ޖެހިޖެހިގެން ތިންވަނަ ފަހަރަށް ނޮމިނޭޓުވެ، އެ މަގާމު މިލްކު ކުރުމުގެ ފުރުސަތު ރާއްޖެއަށް ތަނަވަސްވެއްޖެ އެވެ.

ވޯލްޑު ޓުރެވެލް އެވޯޑުތަކަކީ 1993 އިން ފެށިގެން ދުނިޔޭގެ ދަތުރުފަތުރުގެ ސިނާއަތުގައި އެންމެ ޝަރަފުވެރި އަދި އެންމެ ފާހަގަކޮށްލެވޭ އެވޯޑުތަކުގެ ގޮތުގައި މަޝްހޫރުވެފައިވާ އެވޯޑެވެ. އޭގެ ތެރޭގައި ސަރަހައްދީ، އަދި ދުނިޔޭގެ ފެންވަރުގެ ކެޓެގަރީތަކަށް ހާއްސަ އެވޯޑުތައް ހިމެނެ އެވެ.

ފާއިތުވި ދެ އަހަރު ވެސް ޑަބްލިއުޓީއޭގެ އެންމެ ޝަރަފުވެރި އެވޯޑު ކަމުގައިވާ "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން" ގެ އެވޯޑު ރާއްޖެއިން ކާމިޔާބު ކޮށްފައިވާއިރު؛ މިއީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް 50 އަހަރު ފުރުން ފާހަގަކުރަމުން ދާ މި ހާއްސަ އަހަރުގައި އެ ޝަރަފުވެރި އެވޯޑު މިލްކު ކުރަން ރާއްޖެއަށް ލިބޭ ރަނުގެ ފުރުސަތެކެވެ.

ޑަބްލިއުޓީއޭގެ އެވޯޑުތަކަކީ އާންމުކޮށް ހުޅުވާލައިގެން ވޯޓު ލުމުގެ ފުރުސަތު އެންމެނަށް ދީގެން ހޮވާ އެވޯޑު ތަކެކެވެ. އެގޮތުން، މިއަހަރުގެ އެވޯޑަށް ވެސް ވޯޓު ލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. އެ އެވޯޑު މިފަހަރު ރާއްޖެއަށް ލިބިއްޖެ ނަމަ، މިއީ ފަތުރުވެރިކަމުގައި ދިވެހިރާއްޖެއަށް އެފަދަ ޝަރަފުވެރި އެވޯޑެއް ޖެހިޖެހިގެން ތިން ފަހަރު ލިބޭ ފުރަތަމަ ފަހަރަށް ވެގެންދާނެ އެވެ.

އެވޯޑުތަކަށް ވޯޓުލުން މި ހިނގާ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާއިރު އޮންލައިންކޮށް އެ އެވޯޑުތަކަށް ވޯޓު ލެވޭނެ އެވެ.

ޑަބްލިއުޓީއޭއިން ދޭ އެންމެ ޝަރަފުވެރި އެވޯޑުގެ އިތުރުން ހަތް އެވޯޑަކަށް ދިވެހިރާއްޖެ ވަނީ ނޮމިނޭޓު ވެފަ އެވެ. އެއީ؛

  • ވޯލްޑްސް ލީޑިން ބީޗް ޑެސްޓިނޭޝަން 2022
  • ވޯލްޑްސް ލީޑިން ކްރޫޒް ޑެސްޓިނޭޝަން 2022
  • ވޯލްޑްސް ލީޑިން ޑައިވް ޑެސްޓިނޭޝަން 2022
  • ވޯލްޑްސް ލީޑިން ހަނީމޫން ޑެސްޓިނޭޝަން 2022
  • ވޯލްޑްސް ލީޑިން އައިލެންޑު ޑެސްޓިނޭޝަން 2022
  • ވޯލްޑްސް މޯސްޓު ރޮމޭންޓިކް ޑެސްޓިނޭޝަން 2022
  • ވޯލްޑްސް ލީޑިން ޓޫރިސްޓު ބޯޑު 2022

އޭގެ އިތުރުން އިންޑިއަން އޯޝަން އެވޯޑު ކެޓެގަރީން 10 އެވޯޑަކަށް ދިވެހިރާއްޖެ ނޮމިނޭޓުވެފައިވެ އެވެ.

މި އަހަރު ދިވެހިރާއްޖެ ނޮމިނޭޓު ވެފައިވާ އެވޯޑުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ހަތަރު އެވޯޑަކީ، ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން، ވޯލްޑްސް ލީޑިން އައިލެންޑު ޑެސްޓިނޭޝަން، ވޯލްޑްސް މޯސްޓު ރޮމޭންޓިކް ޑެސްޓިނޭޝަންގެ އެވޯޑެވެ. އަދި ވޯލްޑްސް ލީޑިން ޓޫރިސްޓު ބޯޑުގެ މަގާމަށް މޯލްޑިވްސް މާކެޓިން އެންޑު ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) ނޮމިނޭޓު ވެފައިވުން އެއީ ވެސް ކާމިޔާބެކެވެ.

މި އެވޯޑުތަކަށް ވޯޓު ލުމަށް ބޭނުންފުޅުވާ ފަރާތްތަކަށް ތިރީގައި އެވާ ލިންކުތަކުން އޮންލައިންކޮށް ވޯޓު ލެވޭނެ އެވެ.

ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން : https://bit.ly/3SZgEP2

ވޯލްޑްސް ލީޑިން އައިލެންޑު ޑެސްޓިނޭޝަން : https://bit.ly/3EsbaIU

ވޯލްޑްސް މޯސްޓު ރޮމޭންޓިކް ޑެސްޓިނޭޝަން : https://bit.ly/3SO1P2g

ވޯލްޑްސް ލީޑިން ޓޫރިސްޓު ބޯޑު : https://bit.ly/3Enf9X5