11 އޮކްޓޯބަރު 2022 - 08:37 0
މުހައްމަދު ވިޝާމް
11 އޮކްޓޯބަރު 2022 - 08:37 0
ގައުމީ ސަލާމަތާ ގުޅުން ހުރި ކަންކަމުގައި ވާދަވެރި ބީލަމަކަށް ހުޅުވާނުލައި، ސިންގަލް ސޯސް ޕްރޮކިޔުމަންޓް އުސޫލުން ސަރުކާރަށް ބޭނުންވާ ތަކެތި ގަތުމާއި ހިދުމަތް ހޯދަން ފުލުހުންގެ ކޯޕަރޭޓިވްތަކާ ހަވާލުކުރެވޭ ގޮތަށް މާލިއްޔަތު ގަވާއިދު އިސްލާހުކޮށްފި އެވެ.
ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ މަޝްވަރާގެ މަތިން ޕްރޮކިޔުމަންޓުގެ ކަމެއް ކުރަން ހުއްދަ ދެވޭ މިންގަނޑުގެ ގޮތުގައި މާލިއްޔަތު ގަވާއިދުގައި ބަޔާންކުރާ މާއްދާ އިސްލާހުކުރީ ޑިސެމްބަރު، 2020 ގެ ތެރޭގަ އެވެ.
އެ އިސްލާހުގައިވާ ގޮތުން، ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ހާލަތެއް މެދުވެރިވެދާނެ ކަމަށް ގައުމީ ސަލާމަތާބެހޭ މަޖިލީހަށް ނިންމައިފި ނަމަ، ސިންގަލް ސޯސް ޕްރޮކިޔުމަންޓް އުސޫލުން ތަކެތި ގަތުމާއި ހިދުމަތް ހޯދުން ސަރުކާރުގެ 50 ޕަސަންޓަށް ވުރެ ބޮޑު މެޖޯރިޓީ ހިއްސާއެއް އޮންނަ ކުންފުނިތަކާއި، ނުވަތަ ދިފާއީ ސަލާމަތާބެހޭ ވުޒާރާގެ ތެރެއިން އުފައްދައިފައިވާ ކޯޕަރޭޓިވް ސޮސައިޓީއަކަށް މަސައްކަތް ހަވާލުކުރެވޭނެ އެވެ.
ނަމަވެސް، ފިނޭންސް މިނިސްޓްރީން އިއްޔެ ވަނީ، މާލިއްޔަތު ގަވާއިދުގެ އެ މާއްދާއަށް، ދާހިލީ ސަލާމަތާ ބެހޭ ވުޒާރާގެ ދާއިރާގެ ތެރެއިން އުފައްދާފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް ވެސް ހިމަނައިފަ އެވެ.
ފުލުހުންގެ ކޯޕަރޭޓިވްގެ ގޮތުގައި ޕޮލްކޯގެ އިތުރުން ޕޮލްވެކް އުފައްދާފައިވާއިރު، އެ ދެ ކޯޕަރޭޓިވްއިން ހައުސިން، ބޭސް އަދި މުދާ ވިއްކުން ފަދަ ވިޔަފާރިތައް ކުރެ އެވެ.
ެއެފަދަ ހާލަތެއްގައި ސަރުކާރުގެ %50(ފަންސާސް އިންސައްތަ) އަށް ވުރެ ބޮޑު މެޖޯރިޓީ ހިއްސާއެއް އޮންނަ ކުންފުނިތަކާއި، ނުވަތަ ދިފާއީ ސަލާމަތާބެހޭ ވުޒާރާއާއި ދާހިލީ ސަލާމަތާ ބެހޭ ވުޒާރާގެ ދާއިރާގެ ތެރެއިން އުފައްދައިފައިވާ ކޯޕަރޭޓިވް ސޮސައިޓީތަކަށް މަސައްކަތް ހަވާލުކުރެވިދާނެ އެވެ.
ސިފައިންނާއި ފުލުހުންގެ ކޯޕަރޭޓިވްތަކަށް ސިންގަލް ސޯސް ޕްރޮކިޔުމަންޓު އުސޫލުން ސަރުކާރުގެ މަޝްރޫއުތައް ހަވާލުކުރެވޭ ގޮތަށް ޑިސެމްބަރު، 2020 ގައި މާލިއްޔަތު ގަވާއިދު އިސްލާހުކޮށްފައިވާއިރު، އެ ގޮތަށް މަސައްކަތް ހަވާލުކުރުމުގައި ގިނަ މައްސަލަތަކެއް އޮޑިޓު ރިޕޯޓުތަކުގައި ވަނީ ފާހަގަކޮށްފަ އެވެ.
މިގޮތުން، ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ މަޝްވަރާގެ މަތީން ސަރުކާރުގެ ކުންފުނިތަކާއި ކޯޕަރޭޓިވްތަކާ ހަވާލުކުރާ މަސައްކަތްތައް ސަބްކޮންޓްރެކްޓު ނުކުރެވޭނެ ކަމަށް މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވީ ނަމަވެސް، އެފަދަ މައްސަލައެއް ވެސް އޮޑިޓު ރިޕޯޓަކުން ވަނީ ފެންމަތިވެފަ އެވެ.
ހޯމް މިނިސްޓްރީގެ އޮޑިޓު ރިޕޯޓެއްގައި ބުނެފައިވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ބުނެ ޓެންޑާނުކޮށް 91 މިލިއަނަށް ވުރެ ގިނަ ރުފިޔާ ބޮޑު މަޝްރޫއުއެއް ޕޮލިސް ވެލްފެއާ ކޯޕަރޭޝަން (ޕޮލްވެކް)އާ ހަވާލުކުރުމުން، އެ މަސައްކަތް ސަބްކޮންޓްރެކްޓަކާ ހަވާލުކޮށްގެން ކުރުވާފައިވާ ކަމަށެވެ.
މީގެ އިތުރުން، ދައުލަތުގެ މާލިއްޔަތު ގަވައިދާ އެއް ގޮތަށް އެމްއެންޑީއެފްގެ މަޝްރޫއުތަކެއް މާލީ އަދި ފަންނީ ގާބިލުކަން ނުބަލައި ސިފައިންގެ ކޯޕަރޭޓިވް (ސިފްކާ)އާ ހަވާލުކުރި މައްސަލައެއް ވެސް ފަހުގެ އޮޑިޓު ރިޕޯޓެއްގައި ފާހަގަކޮށްފައިވެ އެވެ.
Comment