9 އޮކްޓޯބަރު 2022 - 10:50 1
މުހައްމަދު ވިޝާމް
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، ބަހްރައިނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ދެ ގައުމުގެ ދެމެދުގައި ހާރިޖީ ގުޅުން ބަދަހިކުރުމާބެހޭ އެއްބަސްވުމެއްގައި ރާއްޖޭގެ ފަރާތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސޮއި ކުރައްވަނީ. -ފޮޓޯ: ރައީސް އޮފީސް
9 އޮކްޓޯބަރު 2022 - 10:50 1
މި އަހަރަށް ކަނޑައެޅި ދައުލަތުގެ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކުރި އަދަދުގެ 10 ޕަސަންޓު ވެސް އަދި ނުލިބޭ ކަމަށް އެންމެ ފަހުގެ މާލީ ހިސާބުތަކުން ދައްކައިފި އެވެ.
ސަރުކާރުން މި އަހަރަށް ހުށަހެޅި ގާތްގަނޑަކަށް 37 ބިލިއަން ރުފިޔާގެ ބަޖެޓުގައި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވަނީ 24.28 ބިލިއަން ރުފިޔާ އެވެ.
އޭގެ ތެރެއިން، 2.91 ބިލިއަން ރުފިޔާއަކީ ހިލޭގެ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކުރި އަދަދެވެ.
ނަމަވެސް، ކޮންމެ ހަފުތާއަކު ފިނޭންސް މިނިސްޓްރީން އާންމުކުރަމުންދާ ދައުލަތުގެ އާމްދަނީ އާއި ހަރަދުގެ ހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 271.6 މިލިއަން ރުފިޔާ އެވެ.
މިއީ، ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރި އަދަދުގެ އެންމެ 9.3 ޕަސަންޓެވެ.
އަންދާޒާކުރި މިންވަރާ ގާތަށް ހިލޭ އެހީ ލިބިފައިނުވި ނަމަވެސް، ހާއްސަކޮށް ޓެކްސްގެ ގޮތުގައި މިއަހަރު ލިބެމުންދާ އާމްދަނީ ލަފާކުރުންތަކަށް ވުރެ ރަނގަޅެވެ.
މިގޮތުން، ހިލޭ އެހީ އާއި އާމްދަނީގެ އަންދާޒާގެ ތެރެއިން، ސެޕްޓެމްބަރު 29 ވަނަ ދުވަހާ ހަމައަށް 20.34 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މި އަދަދުގެ 73 ޕަސަންޓު ހިއްސާކުރަނީ ޓެކްސް އާމްދަނީ އެވެ.
ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް އިތުރަށް ބަލާއިރު، ރިކަރަންޓު އަދި ކެޕިޓަލް ހަރަދު ހިމެނޭ ގޮތަށް މިއަހަރަށް ބަޖެޓު ކުރި ޖުމްލަ 34.1 ބިލިއަން ރުފިޔާގެ ތެރެއިން، ސެޕްޓެމްބަރު 29 އާ ހަމައަށް 27.71 ބިލިއަން ރުފިޔާ ވަނީ ހޭދަވެފަ އެވެ. އޭގެ ތެރެއިން 74 ޕަސަންޓު ހިއްސާކުރަނީ ރިކަރަންޓު ހަރަދުތަކެވެ.
މިގޮތުން، ރިކަރަންޓު ހަރަދުތަކަށް މިއަހަރު 24.8 ބިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާއިރު، ސެޕްޓެމްބަރު 29 ގެ ނިޔަލަށް 20.5 ބިލިއަން ވަނީ ހަރަދުވެފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment