Advertisement

މިއަދުގެ ހަބަރުތައް ކުރުކޮށް

about 24 hours 0

ސައުދީ ބިންލާދިން ގްރޫޕުގެ ނަން ބޯޑެއް: މިދިޔަ އަހަރު ޓެކްސް ރިޕޯޓު ފައިލު ނުކުރި ލިސްޓުގައި އެ ކުންފުނި ހިމެނޭ -- ފޮޓޯ: ދަ ޑެއިލީ ޓްރިބިއުން ނިއުސް އޮފް ބަހްރެއިން


މިއަދުގެ ހަބަރުތައް ކުރުކޮށް

about 24 hours 0

ޓެކްސް ފައިލް ނުކުރާ ވިޔަފާރިތަކުގެ ނަން އާންމުކޮށްފި

މިދިޔަ އަހަރުގެ ޓެކްސް ރިޕޯޓު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ފައިލް ނުކުރާ ބޮޑެތި ވިޔަފާރިތަކުގެ ނަން އާންމުކޮށްފި އެވެ.

މީރާއިން އިއްޔެ އާންމު ލިސްޓުގައި ޖުމުލަ 24 ކުންފުންޏެއްގެ ނަން އޮތެވެ. އޭގެ ތެރޭގައި ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ ބޭރުގެ ބައެއް ބޮޑެތި ކުންފުނިތައް ވެސް ހިމެނެ އެވެ.

ޓެކްސް ރިޕޯޓު ފައިލް ނުކުރާ ކުންފުނިތަކުގެ ތެރޭގައި ސައުދީ ބިންލާދިން ގްރޫޕު ވެސް ހިމެނެ އެވެ. އެއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތްތަކެއް ކުރަމުން އަންނަ ކުންފުންޏެކެވެ.

ބިންލާދިން ގްރޫޕުގެ އިތުރުން ޔޮންސަން އިންޖިނިއަރިން މޯލްޑިވްސް ވެސް އެ ލިސްޓުގައި ހިމެނެ އެވެ. އެއީ ރާއްޖޭގައި ފުޅާ ދާއިރާއަކަށް ރިސޯޓު ކޮންސްޓްރަކްޝަންގެ މަސައްކަތް ކުރާ ކުންފުންޏެކެވެ.

އޭގެ އިތުރުން، ބައެއް ރިސޯޓު ހިންގާ ކުންފުނިތައް ވެސް ލިސްޓުގައި އޮތެވެ. އޭގެ ތެރޭގައި ކަނޑިންމާ ހޯލްޑިންގްސް އާއި މެދުފުށި އިންވެސްޓްމެންޓު އަދި ކޮރަލް އައިލެންޑް ރިސޯޓްސް ހިމެނެ އެވެ.

މާލޭ ފަޅު ސާފުތާހިރުކޮށް ބޭއްވުމަށް އެއްބާރުލުން ދޭން މޭޔަރު އެދެވަޑައިގަނެފި

ވެރިކަން ކުރާ ރަށް މާލޭގެ ފަޅުތައް ސާފުތާހިރުކޮށް ބޭއްވުމަށް ހުރިހާ އެންމެން ވެސް އެއްބާރުލުން ދިނުމަށް މޭޔަރު އާދަމް އާޒިމް ގޮވާލައްވައިފި އެވެ.

މަސް މާރުކޭޓު ބަނދަރާ ދިމާލުން ފަޅު ތެރެ ވަރަށް ހަޑިކޮށް އޮއްވައި، ސާފު ކުރަމުންދާ މަންޒަރުގެ ފޮޓޯއަކާއެކު އާޒިމް ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކޮންމެ ދުވަހަކު ވެސް ފަޅު ތެރެ ސާފު ކުރަންޖެހޭ ކަމަށެވެ.

މާލޭގެ ބަނދަރުތަކާއި ފަޅުތެރެ ސާފުކުރުމަކީ ކޮންމެ ދުވަހަކު ވެސް ކުރެވޭ މަސައްކަތެއް. ފަޅުތެރެ ސާފުކޮށް ބޭއްވުމަށް ހުރިހާ ބޭފުޅުންގެ އެއްބާރުލުން ބޭނުންވޭ، މަގުމައްޗަށާއި މޫދަށް ކުނި ނާޅަމާތޯ،" އާޒިމް ވިދާޅުވި އެވެ.

އޭގެ އިތުރުން، މާލެ އާއި ޖެހިގެން އޮތް ވިލިމާލެ ސާފު ކުރަމުންދާ މަންޒަރުގެ ފޮޓޯ އަދި ވީޑިއޯ ވެސް އާޒިމް ސޯޝަލް މީޑިއާގައި ޕޯސްޓު ކުރެއްވި އެވެ. އަދި އެ ދެ ރަށުގެ އެއްގަން ސާފުކޮށް ބޭއްވުމަށް ވެސް އެއްބާރުލުން ބޭނުންވާ ކަމަށް އާޒިމް ވިދާޅުވި އެވެ.

ކުނި މެނޭޖް ކުރަން އަދި ގޮނޑުދޮށް ގިރާތީ އެހީވާން ކެންދޫ ކައުންސިލުން އެދެފި

ބ. ކެންދޫއަށް ދިމާވެފައި އޮތް ކުނި މެނޭޖު ކުރުމުގެ މައްސަލަ އަދި ގޮނޑުދޮށް ގިރުމުގެ މައްސަލަ ހައްލުކޮށްދޭން އެ ރަށު ކައުންސިލުން ސަރުކާރުގައި އެދެފި އެވެ.

ކެންދޫ ކައުންސިލުގެ ބައެއް މެންބަރުން ވަނީ ތިމާވެއްޓާ ބެހޭ މިނިސްޓްރީއަށް ގޮސް ބައްދަލުވުމެއް ބާއްވައިފަ އެވެ. ކައުންސިލުން ފާހަގަ ކުރި ދެ މައްސަލައަށް ސަރުކާރުގެ ފަރާތުން އެހީތެރިވާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނީ ކެންދޫއަށް ދިމާވެފައިވާ ކުނި މެނޭޖް ކުރުމާއި ރަށް ގިރުމުގެ މައްސަލަ ހައްލު ކުރަން، އިސްކަމެއް ދީގެން މަސައްކަތް ކުރާނެ ކަމަށެވެ.

ކެންދޫ ކައުންސިލުން ބުނީ އިއްޔެ ބޭއްވީ ވަރަށް އުއްމީދީ ބައްދަލުވުމެއް ކަމަށެވެ. އަދި އެ ބައްދަލުވުމުގެ ސަބަބުން ރަށަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް ބެލެވޭ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.